ޓްރަމްޕްގެ ޓެކްސް ބަޔާން ކޮންގްރެސްއާ ހިއްސާ ކުރަން ޖެހޭ: އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބަޔާން ކޮންގްރެސްއާ ހިއްސާ ކުރަން ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ އަންގާފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ޖުލައި 31): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ބަޔާން ކޮންގްރެސްއާ ހިއްސާ ކުރަން އެގައުމުގެ ޖަސްޓިސް ޑިޕާޓްމެންޓުން ޓްރެޝަރީ ޑިޕާޓްމެންޓަށް އަންގައިފިއެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރީގޭގެ ޓެކުހާ ބެހޭ ކޮމިޓީއެއް ކަމަށްވާ ހައުސް ވޭސް އެންޑް މީންސް ކޮމިޓީން ޓްރަމްޕްގެ ޓެކްސް ބަޔާން ހޯދަން މަސައްކަތް ކުރަނީ އޭނާ ޓެކުހާ ބެހޭ ގާނޫނުތަކާ ހިލާފުވެފައިތޯ ބެލުމަށް ކުރިއަށްގެންދާ ތަހުގީގަކާ ގުޅިގެންނެވެ. އަދި ޓްރަމްޕްގެ ވެރިކަމުގައި އޭނާ ވަނީ އެގައުމުގެ ޓެކްސް އިދާރާ ކަމަށްވާ އައިއާރުއެސްއިން އޭނާގެ އޮޑިޓެއް ކުރިއަށްގެންދާތީ ޓެކްސް ބަޔާން ހާމަ ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އައިއާރުއެސްއިން ވަނީ އެ އިދާރާއިން އޮޑިޓެއް ކުރިއަށް ގެންދިޔަ ނަމަވެސް ޓްރަމްޕްގެ ޓެކުހާ ބެހޭ މައުލޫމާތު ހިއްސާ ކުރުމުގައި ހުރަހެއް ނޯންނާނެ ކަމަށް ބުނެފައެވެ. އަދި އިއްޔެ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ވަނީ ޓްރަމްޕްގެ ޓެކުހާ ބެހޭ މައުލޫމާތު ހޯދުމަށް ހައުސް ކޮމިޓީން އެކަށީގެންވާ ސަބަބުތަކެއް ދައްކާފައިވާ ކަމަށް ބުނެފައެވެ.

"ޓްރެޝަރީން [ހައުސްގެ] ކޮމިޓީއަށް އެ މައުލޫމާތު ފޮނުވަން ޖެހޭ،" ޖަސްޓިސް ޑިޕާޓްމެންޓުން ބުންޏެވެ.

އެމެރިކާގެ ރައީސުންގެ ޓެކްސް ބަޔާން ހާމަ ކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނުވި ނަމަވެސް 1976އިން ފެށިގެން، ޓްރަމްޕް ފިޔަވާ ހުރިހާ ރައީސުންވެސް އެމީހުންގެ ޓެކުހާ ބެހޭ މައުލޫމާތު އާއްމުކޮށްފައިވެއެވެ. އެއާ ހިލާފަށް ޓްރަމްޕް ވަނީ އޭނާގެ ޓެކްސް ރެކޯޑު ހާމަ ކުރަން ދެކޮޅު ހައްދަވާފަ އެވެ.

ޓްރަމްޕް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި އޭނާ ވަނީ ޓެކްސް ނުދެއްކުމުގެ ގޮތުން މަކަރު ހައްދަވާފަ އެވެ. އަދި އޭނާ އިންކަމް ޓެކްސް ނުދައްކަވާތާ 18 އަހަރު ވެދާނެ ކަމަށްވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.

އެމެރިކާގެ ކޮންގްރެސްގެ އިތުރުން ނިއު ޔޯކްގެ ޕްރޮސެކިއުޓަރު ސައިރަސް ވާންސް ބައްލަވަމުންދާ މައްސަލައަކާ ގުޅިގެން ޓްރަމްޕްގެ ޓެކްސް ބަޔާން އެ ޕްރޮސެކިއުޓަރާ ހިއްސާ ކުރަން އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރު އަމުރުކޮށްފައެވެ.

އެއީ ޓްރަމްޕް ކައިވެނިން ބޭރުން ގުޅުން ބޭއްވެވި ކަމަށް ބުނާ ދެ އަންހެނަކަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ފައިސާ ދިން ކަމަށް ބުނާ މައްސަލައެއްގެ ތަހުގީގަކާ ގުޅިގެންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން އެ ދެ އަންހެނުންނަށް ފައިސާ ދިނީ ޓްރަމްޕާ އެކު ބޭއްވި ގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ޝަރުތުކޮށްފައެވެ.

ޓްރަމްޕް ވަނީ އޭނާ ޓެކުހަށް މަކަރު ހެއްދެވި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

comment ކޮމެންޓް