ގްރީލިޝް ހޯދުމުގެ މަސައްކަތް ސިޓީން ރަސްމީކޮށް ފަށައިފި

އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސިވިލާތުގެ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ސްޓްރައިކަރު ޖެކް ގްރީލިޝް ހޯދުމަށް މެންޗެސްޓާ ސިޓީން ރަސްމީކޮށް މަސައްކަތް ފަށައި އެކަން އެސްޓަންވިލާއަށް އަންގައިފި އެވެ.

އުމުރުން 25 އަހަރުގެ ގްރީލިޝް ހޯދަން މިދިޔަ ސީޒަނަށް ފަހު ކްލަބްތަކުން މަސައްކަތްނުކުރީ ކޮވިޑް-19ގެ ސަބަބުން ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އާ ކުޅުންތެރިން ހޯދަން މާ ބޮޑު އިންވެސްޓެއް ކުރަން ކްލަބްތަކުގެ ވެރިން ވެސް ބޭނުންނުވާތީ އެވެ. އެކަމަކު މި ސީޒަނުގައި ގްރީލިޝް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.

އެގޮތުން އޭނާ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީން އޭނާ ހޯދުމަށް 100 މިލިއަން ޑޮލަރު ހޭދަކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާ އިރު، އެ އެއްބަސްވުން ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް މިވަގުތު އޮތީ ގްރީލިޝް އަތުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ގްރީލިޝް ބޭނުންވާ ނަމަ އެސްޓަން ވިޔާއިން ވެސް ހުރީ ބޮޑު އަގުގައި އޭނާ ދޫކޮށްލަން ތައްޔާރަށެވެ. އެކަމަކު ގްރީލިޝް ވަނީ މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން އެސްޓަން ވިލާއާ އެކު އިތުރު ފަސް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އެހެން ކަމުން އޭނަ ބޭނުންވާ ނަމަ އެސްޓަންވިޔާއާ އެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރާ މަސައްކަތައިގެން ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ މިހާތަނަށް ވިލާއަށް ކުޅެދިން 245 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް