އިންޑިއާއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް ބޯމަތިވަމުންދާ ކަމުގެ އިންޒާރު ދީފި

އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާމީހުންގެ ހަށިތައް އަންދަނީ

ނިއުދިއްލީ (ޖުލައި 31): އިންޑިއާއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް ބޯމަތިވަމުންދާ ކަމުގެ އިންޒާރު އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުން ދީފިއެވެ.

އިންޑިއާގެ ސިއްހަތާބެހޭ ތަޖްރިބާކާރުން މިއިންޒާރު ދިނީ ފާއިތުވި ތިން ހަފްތާއަށްފަހު އިންޑިއާގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާ ގުޅިގެންނެވެ. މިގޮތުން ފާއިތުވި ހަފްތާއަށް ބަލާއިރު އެހަފްތާގެ ކޮންމެ ދުވަހެއްގައިވެސް އިންޑިއާގައި ވަނީ އޭގެ ކުރީގެ ތިން ހަފްތާގެ ދުވަސްތަކާ އަޅާ އަޅާބަލާއިރު ރެކޯޑު މިންވަރަކަށް ކޮވިޑް ގެ ކޭސްތައް އިތުރުވެފައެވެ.

މިއާއެކު އިންޑިއާގެ ސިއްހަތާބެހޭ ތަޖްރިބަކާރުން ވިދާޅުވަނީ މިއީ ކޮވިޑްގެ ތިންވަނަ ރާޅެއް ބޯމަތިވާން ފަށާފައިވާކަމުގެ އަލާމާތެއްކަމަށާ މިރާޅު ބިންދާލާނީ އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި ކަމަށް ބެލެވޭކަމުގައެވެ.

ކޮވިޑްގެ ތިންވަނަ ރާޅެއް އިންޑިއާއަށް އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ އިންޑިއާގެ ރައްޔިތުންނަށް ކޮވިޑްގެ ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމް މާބޮޑަށް ފަހަތުފައަށް ބަރުވެ އެޕްރޮގްރާމް ކުރިޔަށްދާ މިންވަރު ލަސްވުމުގެ ސަބަބުންނެވެ. މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދީފައިވާތީ އިންޑިއާގެ ރަށްފުށުގެ ސަރަހައްދުތަކުގައި ގައިގޯޅިކޮށް މީހުން އުޅޭއުޅުން އިތުރުވެފައިވުމާއި ރައްކާތެރިކަމުގެ ފަރުދީ ފިޔަވަޅުތަކަށް އާންމުން މާބޮޑު ސަމާލުކަމެއް ނުދޭ މައްސަލައާ ގުޅިގެންނެވެ.

އިންޑިއާގެ މަގެއްގައި މީހުން ތޮއްޖެހިފައި

ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި 44 ހާހަށްވުރެ ގިނަމީހުންވަނީ ކޮވިޑް އަށް ޕޮޒިޓިވް ވެފައެވެ. މީގެ ހަފްތާއެއްހާ ދުވަސްކުރިއަށް ބަލާއިރު އިންޑިއާގައި 24 ގަޑީއިރު ތެރޭގައި ކޮވިޑް އަށް ޕޮޒިޓިވްވަނީ އެވްރެޖްކޮށް 20 ހާހާއި 25 ހާހާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. ނަމަވެސް ފާއިތުވި ހަފްތާގެ ދުވަސްތަކުގައި މިއަދަދު ވަނީ 30 ހާހުން 35 ހާހަށް އިތުރުވެ އިއްޔެވަނީ 44 ހާހަށް ވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް މައްޗަށް ދާންފެށީ ކޮވިޑް ކޮންޓްރޯލް ކުރުމަށް މިދިޔަ އެޕްރީލް މަހުން ފެށިގެން އެގައުމުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނުމާ ގުޅިގެންނެވެ. މިދިޔަ އެޕްރިލް މަހާއި މޭ މަހުގެ ތެރޭގައި އިންޑިއާއަށްވަނީ ކޮވިޑްގެ ވަރުގަދަ ރާޅެއް އަރައި ދުވާލެއްގެ މައްޗަށް އެތަށް ލައްކަ ބަޔަކު ކޮވިޑް އަށް ޕޮޒިޓިވްވެ ދުވާލެއްގެ މައްޗަށް މަރުވާމީހުންގެ އަދަދުވެސް 4 ހާހަށް މައްޗަށް ގޮސްފައެވެ.

މިރާޅާއެކު ކޮވިޑްގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓް އިންޑިއާއިން ވަނީ ފެނިފައެވެ. މިވޭރިއަންޓް ފުރަތަމަ ފެނުނީވެސް އިންޑިއާއިންނެވެ. އެއަށްފަހު ޑެލްޓާ ވޭރިއަންޓް އަވަށްޓެރި ގައުމުތަކަށްވެސް ފެތުރި މުޅި ދެކުނު އޭޝިއާގެ ގައުމުތައްވަނީ ވަރަށް ބިރުވެރި ހާލަތަކަށް ގޮސްފައެވެ. މިހާލަތުގައި އިންޑިއާގެ އަވަށްޓެރި ދެކުނު އޭޝިއާގެ ގައުމުތަކުންވެސް އެތަށް ހާސްބަޔަކުވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑްގައި މަރުވެގެން ގޮސްފައެވެ.

މިިދިޔަ އެޕްރީލް މަހު އިންޑިއާއަށް ކުރިމަތިވި ކޮވިޑްގެ ވަރުގަދަ ރާޅަށްފަހު މިވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ފިޔަވަޅުތައް ލުއިކުރުމާއެކު ކޮވިޑްގެ ކޭސްތައް އަލުން ގިނަވަމުންދާތީ އިންޑިއާގެ ދެކުނުގެ ބައިބޯ ސްޓޭޓެއް ކަމަށްވާ ކެރެލާ ގައި މިދިޔަ ހަފްތާއިން ފެށިގެން އަނެއްކާވެސްވަނީ ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައެވެ.

ކޮވިޑްގެ ތިންވަނަ ރާޅެއް އިންޑިއާގެ ބޯމަތީގައިވާއިރު އެރާޅުން ސަލާމަތް ކުރެވޭނީ ނުވަތަ އޭގެ ގެއްލުން ކުޑަކުރެވޭނީ ވެކްސިން ޖެހުމުގެ މަޝްރޫއު ވަރަށް ބާރަށް ކުރިޔަށްގެންގޮސް އާބާދީގެ މަދުވެގެން 50 އިންސައްތަ މީހުންނަށް ވެކްސިންގެ 2 ޑޯޒު ދެވިގެންކަމަށް ސިއްހަތާބެހޭ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ނަމަވެސް މިއީ އިންޑިއާފަދަ އާބާދީ ބޮޑު ގައުމެއްގައި މަދު ދުވަސްތަކެއްގައި ކުރެވޭވަރުގެ ކަމެއްނޫނެވެ.

އިންޑިއާގެ އާބާދީގައި ކޮވިޑް ވެކްސިންގެ 2 ޑޯޒު ފުރިހަމަ ކުރިމީހުންގެ ނިސްބަތް އުޅެނީ 25 އިންސައްތައަށްވުރެވެސް ދަށުގައެވެ. ނަމަވެސް އިންޑިއާގެ އާބާދީގެ 18 އަހަރުން މަތީގެ 38 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ. މިއީ އިންޑިއާފަދަ ގައުމަކަށް ބޮޑު ކުރިއެރުމެއްކަމަށް އެގައުމު ދެކެއެވެ.

އިންޑިއާއަކީ އެމެރިކާ ފިޔަވައި ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އެންމެ ބޮޑު ގައުމެވެ. އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 35 މިލިޔަނަށް ވުރެ މައްޗަށް ގޮސްފައިވާއިރު އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދުވަނީ 31 މިލިޔަނަށްވުރެ މައްޗަށް ގޮސްފައެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދަށް ބަލާއިރުވެސް އެމެރިކާ ފިޔަވައި މަރުއެންމެ ގިނަ ގައުމަކީ އިންޑިއާއެވެ. އެމެރިކާގައި ކޮވިޑް ޖެހިގެން 6 ލައްކައަށްވުރެ ގިނަމީހުން މަރުވެފައިވާއިރު އިންޑިއާގައި ހަތަރު ލައްކައަށްވުރެ ގިނަމީހުންވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް