ޕީޕީއެމުން "ގައުމީ ކެމްޕެއިނެއް" އިފްތިތާހު ކޮށްފި

އިދިކޮޅު ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ގައުމީ ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.

ޕީޕީއެމްގެ އެ ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ކެމްޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު، ވާހަކަ ދައްކަވުން އަދުރޭ ވިދާޅުވީ ޕީޕީއެމުން މި ފެށި މަސައްކަތަކީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއް ނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ރޭ ފެށިގެން ދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދު މިއޮތީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ހާލަތަކަށް ރާއްޖެ ގޮސްފަ. އަޅުގަނޑުމެން މި ގަބޫލު ކުރީ ދިވެހި ގައުމުގެ ހައްގުގަ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ ވަގުތު. ޕީޕީއެމްގެ މޮޓޯ އަކީ އެންމެ ފުރަތަމަ ގައުމު. އެހެން ވީމަ ޕީޕީއެމުން އަބަދުވެސް އިސް ކުރާނީ އެންމެ ފުރަތަމަ ގައުމު. މި ވަގުތަކީ އެހެން ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ޕާޓީން އިސްވެ ފަށަން ޖެހޭ ވަގުތު ކަމުގައި ރައީސް ޔާމީން ވިދާޅުވި،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގެ ހާލަތު މި ދަރަޖައަށް ވެއްޓުމުން، ގައުމު ސަލާމަތް ކުރުމުގެ މަސައްކަތުގައި ޕީޕީއެމް/ޕީއެންސީން ގަދަ ހިތްވަރާއެކު ނުކުންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

އެހެންކަމުން ރޭ އިފްތިތާހު ކުރި ގައުމީ ކެމްޕެއިންގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް