ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ލީޑަރު ހުރީ ޕީޕީއެމުގައި: ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ ( މުހައްމާ) ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ހަމައެކަނި ލީޑަރު މިއަދު ހުރީ އިދިކޯޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންދާނީ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ކަމަށެވެ.

"ޕީޕީއެމް އުފެދުނީއްސުރެ މިއަދާ ހަމައަށް ގެނެސްދިން ފަލްސަފާއަކީ ގައުމު. ރައީސް ޔާމީނުގެ ވެރިކަމުގައި ކުރިން ނުވެ ދުވަހަކުވެސް ދެން މި ގައުމަށް ދެން ވެދާނޭކަމަށް ގަބޫލްނުކުރެވޭ ތަރައްގީގެ އެތައް މަސައްކަތެއް ކުރެއްވި. ބްރިޖުތައް އެޅި. ޒުވާނުންނަށް އުންމީދު ގެނެސްދިން. ޖީބުތައް ތިޔާގިވެ ދިޔަ," ސައީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔަމީންގެ ވެރިކަން ފެނި ބޭރުގެ ބައެއް ގައުމުތަކުންނާއި ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އެމަނިކުފާނާ މެދު ހަސަދަވެރިވިކަމަށެވެ.

"2023 ގައި ރައީސް ޔާމީން މި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ އިރާދަކުރެއްވިއްޔާ. ޔަގީން ކުރައްވާ، ޝައްކު ނުކުރައްވާ އެކަމަށް," ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު އެއް އަހަރު ދުވަސް ތެރޭ މި ސަރުކާރުން އުފެއްދި ދަރަނި މެނޭޖުކުރާނެ ޕްލޭނެއްވެސް ރައީސް ޔާމީން އެކުލަވާލައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހިމެނިވަޑައިގްނަވައެވެ.

comment ކޮމެންޓް