އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަކަ، އަލަށް އުފައްދާ ޕާޓީއަށް ނުދެއްކޭނެ: އަދުރޭ

ޕީޕީއެމަށް މެމްބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަދުރޭ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރު ތިލަފަޅު އެއްބަސްވުމުގެ ވާހަކަ އަލަށް އުފައްދާ ޕާޓީއަށް ނުދެއްކޭނެ ކަމަށް ވިދާޅުވެ, އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންނަށް ތިބެވޭ ގޮތަށް އިންޑިއާ އާއި މި ސަރުކާރާ ދެމެދު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމުގެ ޑްރާފްޓް ކޮޕީއެއް ވަނީ މީގެ ކުރިން ލީކްކޮށްލާފައެވެ.

ލީކު ކޮށްލާފައިވާ އެބަސް ވުމުގައި ވަަރަށް ގިނަ ބަޔަކު ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަކަ ކުރެވެއެވެ.

ޕީޕީއެމާ އަލަށް ގުޅުނު މީހުންގެ ފޯމްތައް ހަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވަނީ ކާނަލް ނާޒިމްގެ ނަންފުޅު ބޭނުން ނުކުރައްވައި އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އަދުރޭ ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުން ހެދިއިރު އެކަމާ ދެކޮޅަށް އަޑުއުފުލަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެއްވެސް ޕާޓީއަކަށް ނުކެރުނު ކަމަށެވެ.

"ކޮބައިތޯ އުތުރު ތިލަފަޅު ވިއްކާލިއިރު ނުވަތަ އެތަނުގެ އެއްބަސްވުން ހެދިއިރު އެކަމާ ދެކޮޅަށް އަޑު އުފުލީ ކޮންބައެއްތޯ؟ އެމްއާރުއެމް އުފުއްލެވި ތޯ؟ ޖުމްހޫރީ ޕާޓީ އުފުއްލެވިތޯ؟ އަދާލަތު ޕާޓީ އުފުއްލެވިތޯ؟ އަލަށް އުފައްދާ ޕާޓީގެ ބޭފުޅުން އެ ވާހަކަ ދެއްކެވި ތޯ؟ ކިހިނެއްތޯ ދައްކަވާނީ. މި ހުރިހާ ވާހަކައެއް އިސްވެ ދެއްކުމުގެ މޭސްތިރިޔާ މިއަދު އާ ޕާޓީއެއް ހައްދަވަން އެ އުޅުއްވަނީ،" އަދުރޭ ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކާނަލް ނާޒިމް ---ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދުރޭ ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަނީ ވަކި ބަޔަކު އަލަށް ސިޔާސީ ޕާޓީއެއް ހަދާތީ އެކަމާ ކަންބޮޑުވެގެން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ ހަކަތާގައި ނުކުމެ ސިޔާސީ މަސައްކަތް ކުރާނެ ހިތްވަރު ނެތް ނަމަ އެންމެ ރަނގަޅު ވާނީ އެކަހަލަ ކަންތަކާ ނޫޅުން ކަމަށެވެ.

"ތިމާ މެންގެ އަމިއްލަ ސްޓްރެންތުގަ ނުކުމެ މަސައްކަތް ތަކެއް ކުރެވޭނެ ހަކަތަ ނެތިއްޔާ އެފަދަ މާޒީއެއް ތިމަންނަ މެންގެ ނެތިއްޔާ ރަނގަޅު ވާނީ އެކަހަލަ ކަންތަކާ ނޫޅުނުނިއްޔާ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ގައުމަށް ހިދުމަތެއް ކޮށްދޭން ބަޔަކު ނުކުތުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ބަލަން ޖެހޭ ކަމަކީ ހިދުމަތް ކުރަން ނުކުތް މީހުންގެ ފަލްސަފާ އަކީ ކޮބައިތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމަށް އިޝާރާތް ކުރައްވާ އަދުރޭ ވިދާޅުވީ މިސަރުކާރުން ކޮވިޑްގެ ކަންކަން ބެލެހެއްޓީ ވަރަށް ފުރިހަމައަށް ކަމުގައި ބޭފުޅަކު ވިދާޅުވުން، އެމީހެއްގެ ސިޔާސީ ވިސްނުމާއި ތަޖުރިބާ ހުރި މިންވަރު ރައްޔިތުންނަށް ސާފު ވެއްޖެ ކަމަށެވެ.

comment ކޮމެންޓް