ކޮވިޑުގައި މީހަކު މަރުވެ ދުވާފަރުގައި މުޒާހަރާ ކުރަނީ

ކޮވިޑް ޖެހުނު މީހަކު ކަމާބެހޭ ފަރާތްތަކުގެ އިހުމާލުން މަރުވި ކަމަށް ބުނެ ދުވާފަރުގައި މުޒާހަރާ ކުރަނީ ---

ކޮވިޑުގައި މީހަކު މަރުވެ ރ. ދުވާފަރުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މިއަދު އެ ރަށުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ހައިރިސްކު އަންހެނެކެވެ.

މިކަމާ ގުޅިގެން ދުވާފަރު ނިމިދިޔަ ކައުންސިލުގެ ރައީސް އިބްރާހިމް ނަސީރު "ސަން" އަށް ވިދާޅުވީ މިއަދު މަރުވި މީހާ ކޮވިޑުގެ އަލާމާތްތައް ފެންނަތާ ހަތަރު ދުވަސް ވެފައިވާކަމަށެވެ. ނަމަވެސް އެ ބަލި މީހާ އާ މެދު އެކަށީގެންވާ ގޮތެއްގައި އަޅާލެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު ތުހުމަތު ކުރާގޮތުގައި އެ އަންހެން މީހާ މަރުވީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލުންނެވެ.

"ނޭވާ ހާސްވެގެން އެ އަންހެން މީހާ މަރުވީ މިރޭ. އޭގެ ކުރިން ސިއްހީ މަރުކަޒަށް ގެންދިޔައީ މިރޭ ހަގަޑި ބައި އެހާކަށް ހާއިރު. ގެންގޮސް އޭނައަކީ ހައި ރިސްކު މީހަކަށް ވާއިރު ވަރަށް ބޮޑަށް ސީރިއަސްވެފަ އޮތް ހާލަތުގައި އޮއްވާ ސީ އެމްބިއުލާންސް އެއްގޮތަކަށްވެސް ނުގެނެވުނު. މިއަންނަނީ މިއަންނަނީ ކަމަށް ބުނަމުންދަނުކޮށް ފުރާނަ ދިޔައީ،" ނަސީރު ވިދާޅުވިއެވެ.

"ސީއެމްބިއުލާންސް އަށް ދިހަ ބާރަ ފަހަރު ގުޅިނަމަވެސް އާދެވިފައެއް ނުވޭ. މިދަނީ މިދަނީ މިދަނީ ކިއީ. މިކަހަލަ ގޮތަކަށް ސީއެމްބިއުލާންސް ނައިސް ވަގުތުތައް ދިގުދެމިގެން ދިޔައީ."

މީގެ އިތުރުން އޭނާ ވިދާޅުވީ ދުވާފަރަކީ ރ. އަތޮޅުގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް ރަށް ކަމަށެވެ. ނަމަވެސް ސީއެމްބިއުލާންސް އަށް ނާދެވި ބަލި މީހާއަށް އެކަށިގެންވާ ފަރުވާ އެއް ނުލިބި މަރުވެގެން ދިޔުމަކީ ކައުންސިލާއި ގުޅުން ހުރި އިދާރާތަައް ފެއިލް ވެފައިވާކަން އަންގައިދޭ ކަމެއްކަމަށެވެ.

"ހެލްތު ސެންޓަރާއި މުއައްސަސާތަކުގެ އިހުމާލުން މިއަދު އެ ފުރާނަ ދޫކޮށް އެދިޔައީ. އެއް ޑޮކްޓަރު ހުރީ ކަރަންޓީނުގައި. 5000 މީހުންގެ އާބާދީއަކަށް މިވަގުތު ހުރީ އެންމެ ޑޮކްޓަރެއް." ނަސީރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދުވާފަރުގެ ގިނައަދަދެއްގެ ރައްޔިތުން އަންނަނީ ސިއްހީ މަރުކަޒު ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

"ރަށުގައި މުޒާހަރާ ވަރަށް ބޮޑަށް އެބަކުރޭ. ރަށުގެ ގާތްގަނޑަކަށް 95 ޕަސެންޓު ކަހަލަ ގޮތަކަށް މުޒާހަރައިގައި ތިބީ. މުޒާހަރާގައި ތިބެން ޖެހޭ ސަބަބުތައްވެސް އެބަހުރި އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި ޖުމްލަ މީހުންގެ އަދަދު 221 އަށް މިވަނީ އަރާފައެވެ. އަދި މިއީ ދުވާފަރުން މި ބަލީގައި މަރުވި ހަތަރު ވަނަ މީހާއެވެ. އަދި ދާދި ފަހުންވެސް އެމްބިއުލާންސް އައުން ލަސްވެ ކޮވިޑު ގައި ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. އަދި އިހުމާލުން ހިނގި މި މަރާއެކު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް