ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދަނީ

ވިލިމާލެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ލޯކަލް މާރުކޭޓެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއުލާނުކުރީ އަމިއްލަ ތަކެތީގައި މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކޮށް، އަގު ހުށަހަޅާނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ދުވަސްތަކުގައި ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަން (އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް ބިލްޑިންގެ 4ވަނަ ފަންގިފިލާ) އަށެވެ.

މައުލޫމާތު ސާފުކުރުމަށް ހުޅުވާލާނީ އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ ހެނދުނު 11:00ގަ އެވެ. މި މަސައްކަތުގެ ތަފްސީލް މައުލޫމާތު ކަރުދާސް އެ ސެޝަންގައި ހަވާލުކުރާނެ އެވެ. އެ ސެޝަންއަށް ހާޒިރުވާއިރު އައިޑީކާޑު ގެންދަންވާނެ އެވެ.

މި މަސައްކަތަށް އަގު ހުށަހެޅުން އޮންނާނީ އޮގަސްޓް 25ވަނަ ދުވަހުގެ ހެނދުނު 10:00ގަ އެވެ.

މައުލޫމާތު ސާފުކުރަން ކަނޑައަޅާފައިވާ ދުވަހު ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ބީލަން ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަންނާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މިއީ މާލެ ސިޓީ ކައުންސިލުގެ ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ ޖޫން މަހު ކައުންސިލަށް ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

comment ކޮމެންޓް