މެލޭޝިއާގެ ރަސްގެފާނު، ސަރުކާރަށް ފާޑު ވިދާޅުވެއްޖެ

މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ސުލްތާން އަހުމަދު ޝާހު -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (ޖުލައި 29): މެލޭޝިއާގެ ރަސްގެފާނު އަބްދުﷲ ސުލްތާން އަހުމަދު ޝާހު އެގައުމުގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީންގެ ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި އެގައުމުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅު ކުރީ، އެގައުމުގައި މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އާދިއްތަ ދުވަހުގެ ފަހުން އިތުރު ނުކުރާނެ ކަމަށް ސަރުކާރުން އިއުލާންކުރި ފަހުންނެވެ. އަދި ފާއިތުވި މަސްތަކުގައި އިއުލާން ކުރި ހަ ކުއްލި އަމުރެއް، މިދިޔަ ބުދަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމަކަށް ފަހު އުވާލާފައިވާކަން މިދިޔަ ހޯމަ ދުވަހު އެންގި ފަހުންނެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވަނީ ރަސްގެފާނު އިއުލާން ކުރެއްވި ގަވާއިދުތައް، ރަސްގެފާނާ މަޝްވަރާ ކުރުމެއް ނެތި އުވާލުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ރަސްގެފާނު އިއުލާން ކުރެއްވި ހުރިހާ ކުއްލި އަމުރެއް ރަސްގެފާނުގެ ހުއްދައާ ނުލައި ސަރުކާރުން އުވާލާފައިވާ ކަމަށް ބުނާ ބަޔާނާ ހެދި ރަސްގެފާނު ވަނީ ހިތާމަ ފާޅު ކުރައްވާފަ،" ގަނޑުވަރުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކުއްލި ހާލަތާ ބެހޭ ގޮތުން ޕާލިމެންޓުގައި ބަހުސް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ރަސްގެފާނަށް ދިން ނަމަވެސް، އެފަދަ ބަހުސެއް ބާއްވާފައި ނުވާތީ ރަސްގެފާނު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ.

އެ ބަޔާނާ ބެހޭ ގޮތުން މެލޭޝިއާގެ ސަރުކާރުން އަދި އެއްޗެކޭ ބުނެފައި ނުވެއެވެ. ނަމަވެސް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ވަނީ މުހިއްޔުއްދީންގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

މެލޭޝިއާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ޖެނުއަރީ މަހުގެ 12އިގައެވެ. އަދި އެގައުމުގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވެ، ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ފިޔަވަޅުތައް އުވާލާތީ އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް