ބެންކޮކްގެ ޑޮން މުއާންގް އެއާޕޯޓްގައި ކޮވިޑަށް ޚާއްސަ ހޮސްޕިޓަލެއް ހުޅުވައިފި

ބެގްކޮކްގެ އެންމެ ބޮޑު އެއާޕޯޓްގައި ހުޅުވި ކޮވިޑް ހޮސްޕިޓަލް

ވޮޝިންޓަން (ޖުލައި 29): ތައިލެންޑްގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ވެރިރަށް ބެންކޮކްގެ ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓު ކޮވިޑް އަށް ޚާއްސަކޮށްގެން ހޮސްޕިޓަލެއް ހުޅުވައިފިއެވެ.

ޑޮން މުއަންގް އެއާޕޯޓުގައި ހުޅުވި 1،800 އެނދުގެ މިހޮސްޕިޓަލްގެ ބޭނުމަކީ ތައިލެންޑްގައި އިތުރުވަމުންދާ ކޮވިޑްގެ ކޭސްތަކާ ކުރިމަތިލައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެހީތެރިވުމެވެ. ތައިލެންޑްގެ ބޯޑަރުތައް ފަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ހުޅުވާނުލި ނަމަވެސް ޑޮން މުއާންގް އެއާޕޯޓް ބޭނުންކޮށްގެން ކާގޯ ދަތުރުތައް ކުރަމުން ގެންދެއެވެ.

ޑޮން މުއާންގް އެއާޕޯޓް ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން އުޅޭ އަދި ޕޮޒިޓިވް ކޭސްތައްވެސް ގިނައިން ފެންނަ ސަރަހައްދެކެވެ. ޑޮން މުއާންގް އެއާޕޯޓްގައި ހޮސްޕިޓަލަކަށް ހެދީ މުދާ ރައްކާކުރާ ގުދަނެއް ހުސްކުރުމަށްފަހު އެތަނުގައެވެ. މި ހޮސްޕިޓަލްގައި ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އިންތިޒާމުތަކެއް ހިމެނެއެވެ.

ދުނިޔޭގައި ކުރިން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ގައުމުތަކުގެ ތެރޭގައި ތައިލެންޑް ހިމެނެއެވެ. ނަމަވެސް މިއަހަރުން ފެށިގެން ތައިލެންޑްގައި ކޮވިޑްގެ ޑެލްޓާ ވައްތަރު ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. 66 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑްގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދުވަނީ ގާތްގަނޑަކަށް 600,000 އަރާފައެވެ. އެބަލީގައި 4,000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ތައިލެންޑްގައި ކޮވިޑް ކޮންޓްރޯލް ނުކުރެވެނީ ވެކްސިން ދޭ މީހުންގެ އަދަދު މަދުކަމުން ކަމަށްވަނީ ބެލެވިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު