އެލަސްކާއަށް 8.5 މެގްނިޓިއުޑްގެ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

އަލަސްކާއަށް ނެރެފައިވާ ސުނާމީ އިންޒާރު

ބާރުގަދަ ބިންހެލުމަކާއެކު އެމެރިކާގެ އެލަސްކާއަށް ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު ނެރެފިއެވެ.

ރެކްޓާ މިންގަނޑުން 8.5 ގެ ބާރު މިނުގެ އެ ބިންހެލުމަކާއި އައިސްފައިވަނީ އެމެރިކާ ގަޑިން ރޭ 22:15 ކަންހާއިރުކަމަށް ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފައެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް މިހާރު ވަނީ ނެރެފައެވެ.

ބިންހެލުން ރެކޯޑްކުރެވިފައިވަނީ އެލަސްކާގެ ޕެރީވިލްގެ 91 ކިލޯމީޓަރުގެ ބޭރުންނެވެ. ބިންހެލުން އައިސްފައިވަނީ ކަނޑުގެ 29 މޭލު އަޑިންނެވެ.

އެ ބިންހެލުމުގެ ބާރުގަދަވިޔަސް މާބޮޑު ނުރައްކާތެރި ގެއްލުންތަކެއް ލިބިފައިނުވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

ބިންހެލުން އައި ސަބަބު އިދާރާތަކުން މިހާރު ބަލަމުންދާއިރު، ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ބިންހެލުމަކީ ޕެސިފިކް ޓެކްޓޯނިކް ޕްލޭޓް އުތުރަށް ޝިފްޓްވުމާއި ގުޅިގެން އައި ބިންހެލުމެކެވެ.

ބިންހެލުމަށްފަހު ބާރުގަދަ ދެ އަފްޓާޝޮކް މިހާތަނަށް ވަނީ ރެކޯޑް ކުރެވިފައެވެ.

މީގެ ކުރިންވެސް އެލާސްކާއަށްވަނީ ބިންހެލުން އައުމުގެ ސަބަބުން ސުނާމީގެ އިންޒާރު ނެރެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 7.4 މެގްނިޓިއުޑްގެ ބިންހެލުމެއްވެސް ވަނީ ރެކޯޑްކުރެވިފައެވެ. އަދި ހަމަ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގައިވެސް ހަމަ އެވަރުގެ ބިންހެލުމެއް ވަނީ ރެކޯޑްކުރެވިފައެވެ.

comment ކޮމެންޓް