ޓޯކްޔޯ އޮލިމްޕިކްސް: ބޮޑެތި ގަދަބާރުތަކެއް އަލްވަދާއު ކިޔައިފި

މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުން ދުނިޔޭގެ ގަދަބާރުތަކެއް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި އާޖެންޓީނާ ކެޓި އިރު، ސްޕެއިން އަދި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ކުއާޓާއަށް ދަތުރުކޮށްފި އެވެ.

އޮލިމްޕިކްސްގައި 23 އަހަރުން ދަށުގެ ޓީމުތައް ކުޅުނު ނަމަވެސް ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމަކަށް ވެސް އޯވާ އޭޖް ކުޅުންތެރިންގެ ގޮތުގައި އިތުރު ތިން ކުޅުންތެރިން ޖެހެ އެވެ. މިފަހަރުގެ އޮލިމްޕިކުގައި ވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ބައެއް ޓީމުތަކުން ފެނުނު އިރު މިހާރު ވަނީ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމިފަ އެވެ.

އެގޮތުން 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި ބްރެޒިލް ކުއާޓާގެ ޖާގައެއް ހޯދީ އިއްޔެ ކުޅުނު ގްރޫޕް ޑީގެ ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން ސައުދީ އަރަބިއްޔާ ބަލިކުރުމަށްފަހުއެވެ. ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ގުރޫޕުގެ އެއްވަނައިގެ ގޮތުގައި އެ ޓީމު ކުއާޓާއަށް ދަތުރު ކުރި އިރު، އެ ގުރޫޕުން ގަދަ އަށަކަށް ދެން ދަތުރު ކުރީ ފަސް ޕޮއިންޓް ހޯދި އައިވަރީ ކޯސްޓް އެވެ. އެ ގުރޫޕުން ތިންވަނަ ހޯދި ޖަރުމަނާއި ހަތަރު ވަނަ ލިބުނު ސައުދީ އަރަބިއްޔާ ވަނީ ކަޓައިފަ އެވެ.

މީގެ އިތުރުން ކުއާޓާގެ ޖާގައެއް ސްޕެއިން ހޯދީ އިއްޔެ ކުޅުނު ގްރޫޕް ސީގެ ފަހު މެޗުގައި އާޖެންޓީނާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ.

މި މެޗު އެއްވަރުވުމުން ސްޕެއިނަށް ގްރޫޕް ސީގެ އެއްވަނަ ލިބުނުއިރު، ތިންވަނައިގައި އޮތް އާޖެންޓީނާ ވަނީ މުބާރާތުން ކަޓާފައެވެ. ވަރުގަދަ ސްކޮޑަކާއެކު ނުކުތް ސްޕެއިން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޑީގެ ދެވަނަ ހޯދި އައިވަރީ ކޯސްޓާއެވެ.

އަނެއްކޮޅުން 1984 ވަނަ އަހަރު ރަން މެޑަލް ހޯދި ފްރާންސް ކެޓީ ގްރޫޕްގެ ފަހު މެޗުން މި ފަހަރުގެ އޮލިމްޕިކްސްގެ ހޯސްޓް ޖަޕާން އަތުން 4-0 އިން ބަލިވުމުންނެވެ. ޖަޕާނުގެ ގޯލުތައް ޖެހީ ޓަކެފޫސާ ކޫބޯ، ހިރޯކީ ސަކާއި، ކޯޖީ މިޔޯޝީ އަދި ޑައެޒަން މައޭޑާ އެވެ. މި ގްރޫޕްގެ އަނެއް މެޗުން މެކްސިކޯ ވަނީ ދެކުނު އެފްރިކާގެ މައްޗަށް 3-0 އިން ކުރިހޯދައިފަ އެވެ.

comment ކޮމެންޓް