އައްސޭރި ޖަލުގެ ފާރުތައް އުސްކުރުމުން ބޮޑެތި ލުއިތަކެއް ލިބޭނެ: ސީޕީ

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު -- ފޮޓޯ/ ހޯމް މިނިސްޓްރީ

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ބަލަހައްޓަން ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި އަދި މިހާރު ކުރިޔަށްދާ ޖަލުގެ ފާރުތައް އުސްކުުރުމުގެ މަސައްކަތާއެކު އެފަދަ ބައެއް މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މިއަދު ފެށި ފާރުތައް އުސްކުރުމުގެ މަސައްކަތާ ގުޅޭގޮތުން ސީޕީ "ސަން" އަށް ވިދާޅުވީ އެ މަސައްކަތް ނިމުމުން ޖަލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"މި މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރެވި ކޮންޓްރެކްޓުކުރެވިފައިވާނީ މިހާރު. އަސްލު ހިންމަފުށީ އައްސޭރި ޖަލަކީ ޖަލެއްގެ ސިފަވަންތަކަން ހުރި ތަނެއް ނޫން. ހަމަވަރަށް އާދައިގެ ފާރެއް ހުންނާނީ. އާންމުންނަށް ހަމަ ވަރަށް ކައިރިވެވޭ. އަނެއްކާ ޖަލު ހުންނާނީ އިތުރު ދެ އިމާރާތަކާ އިންވެގެން." ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މިގޮތަށް ހުރުމުން ވަރަށް ފަސޭހައިން ޖަލުގެ ތެރެއަށް އެއްޗެހި އުކުމަށް ފުރުސަތު ލިބިގެންދާކަމަށެވެ. އަދި އެހެންކަމުން ފާރުތަކުގެ ކައިރީ ސެކިޔުރިޓީ ބަލަހައްޓަން ގިނަ އަދަދަކަށް ޖަލު އޮފިސަރުން ބޭނުންވާ ކަމަށެވެ.

"ކެމެރާވެސް ހުންނާނެ. އެކަމަކު ކުޑަ އެއްޗެއް ފާރުކައިރިއަށް އެއްލާފައި ދާ ދިޔުން ބެލެހެއްޓުން އެއީ ފަސޭހަކަމެއް ނޫން އަބަދު 24 ގަޑިއިރު. ވަރަށް ބޮޑަށް އިންސާނީ ވަސީލަތާއި ހަކަތަ ބޭނުންވާނެކަމެއް މިއީ." ސީޕީ ވިދާޅުވިއެވެ.

ފާރުތައް އުސްކުރުމުގެ މަސައްކަތް ނިމުމުން މި މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުގެ ތެރޭގައި ގައިދީން ފޯނު ބޭނުންކުރާ މައްސަލައާ ގުޅޭ ގޮތުންވެސް ސީޕީ ވާހަކަދެއްކެވިއެވެ. އެގޮތުން ސިގްނަލް ޖޭމަރު ހަރުކޮށްގެން މައްސަލަ ހައްލުކުރަން މަސައްކަތްކުރިނަމަވެސް އަދި އެންމެ އެކަށީގެންވާ ހައްލެއް އެކަމަށް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ހައްލުކުރުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.

comment ކޮމެންޓް