ޗައިނާގެ ބިލިއަނަރަކު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ބެއިޖިން (ޖުލައި 29): ޗައިނާގެ ބިލިއަނަރަކު އެގައުމުގެ 'އޮފިޝަލުންތަކަކަށް ހަމަލާދޭން ރޭވުމާއި މީހުންނަށް ދުއްތުރާ ކުރަން ހިތްވަރު ދިނުން' ފަދަ ދައުވާތަކެއްގައި 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޗައިނާގެ ދަނޑުވެރިކަމާ ގުޅުން ހުރި އެންމެ ބޮޑު އެއް ޕްރައިވެޓް ވިޔަފާރި ކަމަށްވާ ޑާވޫ އެގްރިކަލްޗާ ގުރޫޕުގެ ޗެއާމަން ސަން ޑާވޫ މިދިޔަ އަހަރު ހައްޔަރު ކުރީ އެ ކުންފުންޏާއި ސަރުކާރުން ހިންގާ ކުންފުންޏަކާ ދެމެދު ހިނގި ދެބަސްވުމަކަށް ފަހުއެވެ. އެދެބަސްވުން ހިނގީ ޑާވޫ ގުރޫޕުގެ އިމާރާތެއް ހުރި ބިމެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުންނެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ސަންގެ މައްޗަށް ވަނީ "ދައުލަތުގެ އިދާރާތަކަށް ހަމަލާ ދިނުމަށް މީހުން އެއްކުރުމާއި ސަރުކާރުގެ މަސައްކަތަށް ހުރަސް އެޅުމާއި މީހުންނަށް އުނދަގޫކޮށް، ދުއްތުރާ ކުރަން ހިތްވަރު ދިނުމުގެ" ދައުވާ ސާބިތުވެފައެވެ. އެހެންކަމުން އޭނާ 18 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން 3.11 މިލިއަން ޔުއާން (4،78،697 ޑޮލަރު)އިން ވަނީ ޖޫރިމަނާކޮށްފައެވެ.

އެ މައްސަލައިގައި ސަންގެ އިތުރުން 19 މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. އަދި އެމީހުންގެ މައްޗަށް ވަނީ އެއް އަހަރާއި 12 އަހަރާ ދެމެދުގެ ޖަލު ހުކުމްތައް ކޮށްފައި ކަމަށް ޑާވޫ ގުރޫޕުން ނެރުނު ބަޔާނެއްގައިވެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެ މައްސަލައިގެ އަޑު އެހުމެއްގައި ސަން ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ގިނަ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް ބައެއް ކުށްތައް ކުރެވިފައިވާ ކަމަށް އެއްބަސްވެފައެވެ.

ސަން އަކީ ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އަދި އެގައުމުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑު ކިޔާފައިވާ ވިޔަފާރިވެރިއެކެވެ. އެގޮތުން 2019 ވަނަ އަހަރު ޗައިނާގައި ސްވައިން ފްލޫ ފެތުރުނު އިރު، އޭގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް ފޮރުވަން ސަރުކާރުން މަސައްކަތް ކުރުމުން އެކަމަށް ފާޑުކީ މަދު ބަޔެއްގެ ތެރޭގައި ސަން ހިމެނުނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް