އެމްޑީޕީގެ ޕީޖީގައި މާބޮޑު މަޝްވަރާތަކެއް ނޯވޭ: ރޮޒައިނާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަންކަމުގައި އަދި ކުރެވޭ މަސައްކަތްތަކާމެދު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި މާ ބޮޑު މަޝްވަރާތަކެއް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގުޓީވީގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކަމެއް ހުށަހެޅުމުން އެކަމަކާމެދު ބަހުސް ކުރުން އޮންނަނީ ހަމައެކަނި މަޖިލީހުގެ ޖަލްސާ ތެރޭގައި ކަމަށެވެ. އަދި ޕާޓީއެއްްގެ ގޮތުގައި އެމްޑީޕީ އާއި މަޝްވަރާ ކުރެވެނީ ކިހާ މިންވަރަކަށް ކަމެއްވެސް އެނގިވަޑައިނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީ ތެރޭގައި ކޮންކަމަކާތޯ މަޝްވަރާ ކުރަނީ. އެއްކަމަކާވެސް މަޝްވަރާއެއް ނުކުރޭ. މަޖިލީހަށް ބިލެއް ދިޔައިމާ އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ކިހާ މަޝްވަރާއެއްތޯ ކުރެވެނީ. ނުކުރެވޭ މާބޮޑު މަޝްވަރާއެއް. އެއްގަޑިބައިގައި ވޯޓުލާން އޮތިއްޔާ ބާރަ ޖެހީމަ ޕާލިމަންޓަރީ ގުރޫޕު ބާއްވާފައި މި ނިންމަނީ އެޔަށް ގޮތެއް." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށެވެ. އަދި އެ މައްސަލަ ހުރިހާ މެމްބަރުންވެސް ޖައްސަމުން އަންނަކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަދު ފަހަރެއްގައި ވަޒީރުންނާއެކު މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރުޕްގެ ބޭފުޅުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވިފައިވީނަމަވެސް އެކަން ކަން ކުރުމަކީ ޕާޓީގެ ތެރެއިން ކުރަންޖެހޭ ކަމެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ވަޒީރަކަށް ގޮސް ރައްޔިތުންގެ މަޖިލީހަކަށް އަމިއްލައަކަށް ވަދެވަޑައެއްނުގެންނެވޭނެ. ރައްޔިތުންގެ މަޖިލީހުން ވެއްދިއްޔާ ވަޒީރަކަށް ވަދެވަޑައިގެންނެވޭނީ. އެހެންވީމާ އަޅުގަނޑުމެންގެ ކަމެއް ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވީމާ އަޅުގަނޑުމެންގެ މެމްބަރުންނާއި އެ ބިލެއް ނިސްބަތްވާ މިނިސްޓްރީއަކާއެކީގައި މަޝްވަރާކޮށް މިކަންކަން ކުރުމަކީ،" ރޮޒައިނާ ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އެ ޕާޓީގެ ތެރޭގައި އެއްވެސް ވަރަކަށް މަޝްވަރާގެ އުސޫލެއް ނެތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ފަހަކަށް އައިސް ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ. އެއާއެކު ޕާޓީގެ ތެރޭ ބޮޑެތި މައްސަލަތަކެއް ފެންމަތިވެގެން ދާއިރު ރޮޒައިނާއަށް ވެސް ގިނަ ފާޑުކިޔުންތަކެެއް އެ ޕާޓީގެ މެމްބަރުންގެ ފަަރާތުން އަންނަނީ އަމާޒުވަމުންނެވެ.

comment ކޮމެންޓް