ގައުމީ ކެޕްޓަން އަކޫއާއި ފައިސަލް ވެސް އީގަލްސްއަށް

އަންނަ މަހަށް ޝެޑިއުލްކޮށްފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ މެޗުތަކަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ އީގަލްސްގެ ޕްރެކްޓިހުގައި ވެލެންސިއާއަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ކީޕަރު މުހައްމަދު ފައިސަލް ބައިވެރިވެއްޖެ އެވެ.

އޯގަސްޓް 15 ގައި، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި އީގަލްސް ކުޅޭ މެޗަށް، ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، އެ ކްލަބުން ވަނީ އަލީ ފާސިރު (ސެންޓޭ) އާއި އަލީ އަޝްފާގު (ދަގަނޑޭ) އާއި އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އާރިފް (ބަކާ) ގެނެސްފަ އެވެ. ބެލެވޭ ގޮތުގައި މި ކުޅުންތެރިން ގުޅިފައިވަނީ ހަމައެކަނި އޭއެފްސީ މެޗުތައް ކުޅުމަށެވެ.

ގައުމީ ކެޕްޓަން އަކޫ މިއީ އީގަލްސްއަށް ކުޅޭ ފުރަތަމަ ފަހަރެވެ. މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކުޅެފައިވާ އަކޫ ވަނީ މީގެ ކުރިން ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، މާޒިޔާ، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ.

އެންމެ ފަހުގެ ސާފުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް މިއީ އީގަލްސްއަށް ކުޅޭނެ ދެވަނަ ފަހަރެވެ. މީގެ ކުރިން ފައިސަލް އެ ޓީމަށް ކުޅުނީ 2014 ވަނަ އަހަރެވެ.

އީގަލްސް ދަތުރުކުރީ ޕްރިލިމިނަރީ މަރުހަލާގެ ފުރަތަމަ ބުރުގައި މިދިޔަ އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އާދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގައި އީގަލްސް ވާދަކުރަން ހަމަޖެހިފައި އޮތީ، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރު ކުރުމުގެ ހުއްދަ ނުލިބި ގައުމުގައި މަޑުކުރަން ޖެހުމުގެ ސަބަބުން އެ ޓީމަށް އޭރު މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުމުން އޭއެފްސީން އީގަލްސްއަށް ވަނީ ޕްލޭ އޮފް ބުރުން ޖާގަ ދީފަ އެވެ.

އީގަލްސްގެ ކޯޗަކީ މީގެ ކުރިން ޓީސީ ގޮވައިގެން އޭއެފްސީ ކަޕަށް ނުކުތް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

comment ކޮމެންޓް