އަޅުގަނޑަކީ ރައީސް ނަޝީދާ ޖައްސާލައިގެން އުޅޭ މީހެއް ނޫން: ރޮޒައިނާ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މެންބަރު ރޮޒައިނާ: އެމްޑީޕީގައި ދެ ފެކްޝަނެއް ނޯންނާނެ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައި ---

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ޖައްސާލައިގެން އުޅެން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޑިމޮކްރެސީ އެއްގައި ހިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު އެ ދައްކަވާ ހުރިހާ ވާހަކައަކަށް އެއްބަސްވާން ނުޖެހޭ ކަމަށެވެ. އޭގެ މާނަ އަކީ ޖައްސާލައިގެން އުޅުން ކަމުގައި ވާނަ ޑިމޮކްރެސީއެއްގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު، ވިސްނަވާ ނުލައްވާ ތަކުރާރުކޮށް އެ ދައްކަވާ ބައެއް ވާހަކަފުޅު ތަކުގެ ސަބަބުން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް ތެރޭގައިވެސް ހިޔާލު ތަފާތުވުން އުފެދި، މެމްބަރުން ވާހަކަ ދައްކަވާ ކަމަށެވެ.

"އަޅުގަނޑެއް ރައީސް ނަޝީދާ ޖައްސާލައިގެން އެއް އިރެއްގަވެސް ނޫޅެން. ނަޝީދާ ޖައްސާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެއްވެސް ބެލުމެއް ނެތި އެ ދައްކަވާ ހުރިހާ ވާހަކަ އަކަށް އެއްބަހެއް ނުވެވޭނެ. ނަޝީދު ވިދާޅުވެފާނެ މިސާލަކަށް އެމްޑީޕީންް ސަރުކާރުން ވަކި ވާނިއްޔޭ. އެމްޑީޕީ މިހާރު މި ސަރުކާރަށް ތާއީދެއް ނުކުރަމޭ. އެމްޑީޕީ ގައުމީ މަޖިލީހާ މަޝްވަރާ ނުކޮށް އަމިއްލަފުޅަށް މިކަހަލަ ބޮޑެތި ވާހަކަފުޅުތައް އެއީ ޕާޓީގެ ނިންމުން ކަމުގަ ދޭހަވާ ގޮތަށް ވިދާޅުވެވޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން،" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ރޮޒައިނާ ވިދާޅުވީ އެމަނިކުފާނަކީ ކެތްތެރި ކަމާއި ހިކުމަތްތެރި ކަމާއެކު ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު އިރުއަރާ ކޮންމެ ދުވަހަކީ އަމިއްލަ ޕާޓީގެ ތެރެއިން ސަރުކާރާ ދެކޮޅު ކޮންމެވެސް ވާހަކަ ތަކެއް ދައްކައިގެން އުޅޭ ދުވަހެއް ކަމަށެވެ.

"ރައީސް ސޯލިހަކީ ހިކުމަތް ތެރި ކަމާއެކު ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް. އެބޭފުޅާ އެ ވީ ވައުދުތައް ފުއްދެވުމަށް ވަރަށް އެބަ މަސައްކަތް ކުރައްވާ. އެތެރެއިން މި އަންނަ ކަންކަމާ ކޮންމެ ދުވަހަކު މި ދެކެވޭ ވާހަކަ ތަކާ މި ހުރިހާ ކަމަކަށް ރައްދު ދީފަ މި ކަމައިގެން އުޅެން ވެއްޖެއްޔާ ދެން ރައްޔިތުންނަށް ހިދުމަތެއް ދޭނެ ވަގުތެއް ވާނެ ތޯ؟،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހަށް ޕާޓީ ތެރެއިން ކުރިމަތި ކުރުވާ ގޮންޖެހުން ތަކަށް، ފަސް އެނބުރި ބެއްލެވުމެއް ނެތި ކުރިއަށް އެ ވަޑައިގަންނަވަނީ ރައްޔިތުންނަށް ވެފައިހުރި ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

comment ކޮމެންޓް