ކޮންޓެއިނަރުތަކެއްގެ މަތިން ވެއްޓި އެމްޕީއެލްގެ މުވައްޒަފަކަށް އަނިޔާވެއްޖެ

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުގަނޑެއް ބޭނުންކޮށްގެން ކޮންޓެއިނަރުތަކެއްގެ މައްޗަށް އަރަން އުޅުނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުއައްޒަފަކު ވެއްޓި އަނިޔާވެއްޖެއެވެ.

އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް "ސަން" އަށް ވިދާޅުވީ އެ މީހާ ވެއްޓުނީ ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މަތިން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މައްޗަށް ހަރުގަނޑެއް ބޭނުންކޮށްގެން އަރަން މަސައްކަތްކުރަމުން ދަނިކޮށް ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ މިރޭ 18:20 ހާއިރުއެވެ.

"ވެއްޓުނު މުއައްޒަފުގެ ވައަތް ވިދުނު ގޮތަކުން ކޮނޑުހުޅާ އުޅަބޮއްޓާ ދޭތެރޭ އިންނަ ކަށިގަނޑު ވަނީ ބިންދައިގެންގޮސްފައިވޭ،" ދާނިޝް ވިދާޅުވިއެވެ.

އަދި އައިޖީއެމްއެޗާއި އޭޑީކޭއިންވެސް ބިންދައިގެން ދިޔަތަނުގެ ސާޖަރީ ހެދެން ނެތުމުން މިރޭ 23:48 ކަންހާއިރު އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަމަށް ދާނިޝް ވިދާޅުވިއެވެ.

އެމީހާގެ ހާލު މިވަގުތު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

"އޭނާ ވެއްޓުނީ ގާތްގަނޑަކަށް ނުވަ ފޫޓު މަތިންކަމަށާއި ހާދިސާ ހިނގިއިރު އެ މަޖޫރީ ހުރީ ހެލްމެޓްފަދަ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ އެއްޗިހި އަޅައިގެން،" ދާނިޝް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެމްޕީއެލްއިން ދަނީ އަނިޔާވި މުއައްޒަފުގެ ހާލު ވަރަށް ގާތުން ބަލަމުންނެވެ. އަދި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް