އެމްއެންޕީގެ ފުރަތަމަ އޮފީސް ހުޅުވައިފި، މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށް!

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ އޮފީސް މާލޭގަ ހުޅުވުން --- ފޮޓޯ/ އެމްއެންޕީ

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދާ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ރެޖިސްޓްރޭޝަން އޮފީސް މާލޭގައި ހުޅުވައިފިއެވެ.

އެމްއެންޕީގެ އޮފީސް ހުޅުއްވައި ދެއްވީ އެކަމަށްޓަަކައި ހާއްސަ ކޮށްގެން މިއަދު ބޭއްވި ހަފްލާއެއްގައި، ކާނަލް ނާޒިމެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަ ކުރުމުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް އެބަދާ ކަމަށެވެ.

އެގޮތުން ގިނަ އަދަދެއްގެ މީހުން އެ ޕާޓީއަށް ސޮއި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ އޮފީސް މާލޭގައި ހުޅުވުން --- ފޮޓޯ/ އެމްއެންޕީ

"ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން ދަނީ. ވަރަށް ގިނަ ޒުވާނުންނާއި އެކި އުމުރު ފުރައިގެ ބޭފުޅުން އަންނަނީ ޕާޓީ އާ ގުޅެމުން. ދުވާލަކު ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ގުޅެމުން ދަނީ. ހެނދުނާ މެންދުރުފަހާ އަދި ރޭގަނޑުގެ ވަގުތު ތަކުގަވެސް އޮފީސް ހުޅުވާފަ ހުންނާނީ. ޕާޓީއަށް ސޮއި ކުރަން ބޭނުންވާ ހުރިހާ ބޭފުޅުން ރެޖިސްޓްރީ ވުމުގެ ފުރުސަތު މި އޮފީހުގަ ވަނީ ހުޅުވާލެވިފަ،" ނާޒިމް ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ ވީހާވެސް ގިނަ މީހުން ޕާޓީގެ އޮފީހަށް އައިސް މެމްބާޝިޕް ފޯމުގައި ސޮއި ކޮށްދިނުމަކީ އެ ޕާޓީގެ ފަރާތުން އެދޭ އެދުމެއް ކަމަށެވެ.

އެމްއެންޕީން މާލޭގައި އަލަށް މި ހުޅުވި ރެޖިސްޓްރޭޝަން އޮފީސް ހުންނަނީ ސްރީލަންކަން އެމްބަސީ ހުންނަ އިމާރާތުގައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ އޮފީސް މާލޭގައި ހުޅުވުން --- ފޮޓޯ/ އެމްއެންޕީ

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން މިހާތަނަށް އެ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންފައިވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.

comment ކޮމެންޓް