ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ނުކުރުވަން އެންގީ އާއްމު ކަމަކަށް ހަދާތީ: މިނިސްޓްރީ

މާލޭގައި މިއަދު ހުޅުވި "ޒިޔާރަތް މިސްކިތް" -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ނުކުރުވަން އެންގީ އެކަން އާއްމު ކަމަށް ހަދާތީ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "ސަން" އަށް ވިދާޅުވީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް ލައްވާ އިމާމުވެ ނަމާދު ކުރުވުން އާއްމު ކަމަކަށް ހަދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިނިސްޓރީއަށް ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

"ހުޅުމާލޭ މިސްކިތުގަ ކުޑަކުދިން ލައްވާ ނަމާދު ކުރުވާ ކަމުގެ ޝަކުވާއެއް ލިބިގެން ވާނީ އިމާމާ ވާހަކަ ދައްކާފަ. އުސޫލު އޮންނަ ގޮތުން މުސާރަ ލިބޭ ވަޒީފާއެއްގަ އިމާމުވެސް ހުންނަނީ. އެހެން ވީމަ ވަޒީފާއެއްގަ މީހަކު ހުންނަ ނަމަ ހަގީގަތުގަ އެ ޒިންމާ އަދާ ކުރަން ޖެހޭނެ. ކުޑަކުދިން ލައްވާ ނަމާދު ކުރުވުން އޭގެ ޒާތުގަ މައްސަލައެއް ނޫން. ނަމަވެސް މިނިސްޓްރީއަށް ބޮޑަށް ފާހަގަ މިވަނީ އެއަށްވުރެ ބޮޑަށް ބައެއް އިމާމުން ތަންކޮޅެއް ކަން ފަސޭހަ ކޮށްލާފަ އެކުދިން ލައްވާ ނަމާދު މި ކުރުވަނީ،" އަފްރާހް ވިދަޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް ލައްވައި އިމާމުވެ ނަމާދު ކުރުވަނީ އެ ކުދިން ހަދަމުން އަންނަ ކޯހަކަށް ފަރިތަ ކުރުމުގެ ގޮތުން ކަމުގައި މިސްކިތު އިމާމު ވިދާޅުވެފައިވާ ކަމަށެވެ.

އަފްރާ ވިދާޅުވީ ކުޑަކުދިން ތަކެއް ލައްވައި އިމާމުވެ ނަމާދު ކުރުވަނީ އެ މިނިސްޓްރީއަށް އެންގުމަކާނުލާ ކަމަށެވެ. އެހެން ކަމުން މިނިސްޓރީގެ ހުއްދައެއް ނެތި އެކަން ނުކުރުމަށް އިމާމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތް ތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ނަމާދު ނުކުރުވަން މިނިސްޓްރީން އެންގުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "ސަން"އަށް ވިދާޅުވީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣު ވެފައިވާ ކުއްޖެއް ނަމަ، އިމާމުވެ ނަމާދު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އިމާމުންނަކީ ރަސްމީ ވަކި ފާހެއް އޮންނަން ޖެހޭ ބައެއް ނަމަވެސް ރީތިކޮށް ކިޔަވާ އަދި ގުރުއާން ހިތުދަސް ކުދިން، އިމާމުވެ ނަމާދު ކުރުމުގެ ދޮރު ބަންދު ވެގެން ނުވާނެ ކަމަށެވެ.

comment ކޮމެންޓް