ބިދޭސީ ޓީޗަރުން ރާއްޖެ އައުމަށްފަހު ފަސް ދުވަހުގެ ކަރަންޓީނެއް

ޗުއްޓީ ނިންމުމަށްފަހު އެނބުރި އަންނަ ބިދޭސީ ޓީޗަރުން ރާއްޖެ އައުމަށްފަހު ފަަަސް ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާންޖެހޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

މިނިސްޓްރީން މިކަން އެންގުމަށް ސްކޫލްތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފައެވެ. އެ ސިޓީގައި ވަނީ މިގޮތަށް ނިންމާފައިވަނީ ބޭރުން އަންނަ ފަރާތްތަކުން ކަރަންޓީނު ނުވެ ސްކޫލްތަކަށް ދިޔުމާމެދު ގިނަ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

އަދި އެ ކަންބޮޑުވުންތައް ރަށްރަށުގެ ކައުންސިލްތަކުންނާއި ދަރިވަރުންނާއި ގުޅުންހުރި ގިނަ އިދާރާތަކަކުން މިނިސްޓްރީ އާއި ހިއްސާކޮށްފައިވާކަމަށ ސިޓީގައި ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މިކަމާ ގުޅިގެން މިހާރު އެ މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ މަޝްވަރާކޮށްފައިވާކަމަށެވެ.

"މަޝްވަރާތަކަށްފަހު ނިންމާފައިވަނީ ދެންނެވުނު މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓިޗަރުންވެސް ރާއްޖެ އަންނަ ތާރީހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް އެ ދާ ރަށުގެ ދިރިއުޅޭ ތަނުގައި ކަރަންޓިނުވުމާއި ފަސް ދުވަސް ހަމަކޮށް ސާމްޕަލް ނެގުމަށްފަހު ނަތީޖާ ނައްސިވުމުން ސްކޫލަށް ނެރުމަށް." މިނިސްޓްރީން ބުންޏެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓުގައި ރާއްޖެ އަށް ދަތުރުކުރާ މީހުން ކަރަންޓީނު ވުމާ ގުޅޭގޮތުން އެޗްޕީއޭ އިން ވަނީ ވަރަށް ފަހުން އުސޫލެއް އާންމުކޮށްފައެވެ.

އެ އުސޫލުގައި ވަނީ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ކޮވިޑް ވެކްސިނެއްގެ ފުރިހަމަ ކޮށްފައިވާ ފަރާތްތަކާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވިތާ 60 ދުވަސް ހަމަނުވާނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެކަމަށެވެ.

އެހެންނަމަވެސް މިނިސްޓްރީގެ މި އެންގުމާއެކު މިކަންކަން ފުރިހަމަވެފައިވާ ބިދޭސީ ޓީޗަރުންވެސް ފަސް ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެއެވެ.

އެއާއެކު މިވަގުތު ޗުއްޓީގައި އަމިއްލަ ގައުމުތަކުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީ ޓިޗަރުންތަކެއް އެނބުރި ރާއްޖެ އައިސް، ދިރާސީ އާ އަހަރު އޯގަސްޓް 10 ވަނަ ދުވަހު ފެށުމުގެ ކުރިން ފަސް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެއެވެ.

އޭގެ ކުރިން އަންނަ މަހުގެ ފަސް ވަނަ ދުވަހު ސްކޫލްތަކަށް އެކަޑަމިކް މުވައްޒަފުން ރިޕޯޓުކުރަން ފަށާނެއެވެ.

comment ކޮމެންޓް