ވަރުގަދަ އަމާޒަކާއެކު އަލުން ވެކްސިން ކެމްޕޭން ފަށަނީ

ފެބްރުއަރީ 23، 2021: ޓްރީޓޮޕް ހޮސްޕިޓަލުން ކޮވިޑް ވެކްސިން ޖަހައިދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިންގްޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަތް ވެކްސިން ޝިޕްމެންޓާއެކު ކުރިޔަށް އޮތް އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 ޕަސަންޓު މީހުންނަށް ވެކްސިން ޖަހައި ފުރިހަމަކުރުމުގެ މަސައްކަތް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ފަށައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއީ އެޗްއީއޯސީއިން އެންމެ ވަރުގަދައަށް މަސައްކަތްކޮށްގެން އަލުން ކެމްޕޭން ފަށްޓާ ފަހަރުކަމަށެވެ.

އަދި މިހާރުވެސް ރާއްޖޭގެ އާބާދީގެ 26 ޕަސަންޓު މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަ ތިބި ކަމަށެވެ. އެ ފަރާތްތައް ހިމެނޭގޮތަށް އަންނަ އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 ޕަސަންޓު މީހުން ވެކްސިން ފުރިހަމަ ކުރުވަން މަސައްކަތް ފަށާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިފަހަރު މި ލިބުނު ޝިޕްމެންޓާ، އަދި ކުރިޔަށް އަޅުގަނޑުމެންނަށް އަންނަން ހުރި ވެކްސިންތަކުގެ އެކި ގޮތްގޮތުން ލިބެން ހުރި ވެކްސިންތަކުގެ ޝިޕްމެންޓްތަކާ އެއްކޮށް، އަޅުގަނޑުމެންނަށް ބެލެވޭ މިވަގުތު ދިވެހިރާއްޖޭގަ ވެކްސިން ޖަހަންޖެހޭ އާބާދީގެ އެންމެންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެކަމަށް,"

"ހާއްސަކޮށް ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް ކުރިޔަށް އޮތް އޯގަސްޓް މަހުގެ ތެރޭގަ ވެކްސިން ޖަހާ ނިންމުމަށް، މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ހަމަ އެންމެ ފައިނަލް ޕުޝް ނުވަތަ އެންމެ ބާރަށް ހިފާ، ވެކްސިން ޖަހާ ނިންމުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ފަހަރު،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭގެ ވެކްސިން ކެމްޕޭން މިހާރުވެސް އަތޮޅުތެރޭ ރަށްރަށުގައި ފަށައިގެން ކުރިޔަށްދާކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ވާހަކަދައްކަވަމުން ނާޝިޔާ އަބްދުލްގަފޫރު ވިދާޅުވިއެވެ.

އެ ކެމްޕޭން މާލެ ސަރަހައްދުގައި ފަށާނީ މި މަހުގެ 31 ވަނަ ދުވަހުކަމަށް އޭނާ ވިދާޅުވިއެވެ، އެގޮތުން މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ފަށާނީ ހަ ސެންޓަރެއްގައެވެ.

ޑރ. ނަޒްލާ ރަފީގު އިތުރަށް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ލިބުމުގެ ދަތިކަމާއި ކުރިމަތިވެފައިވާކަމަށާއި، އެހެންނަމަވެސް އާބާދީ މަދުވުމުގެ ސަބަބުން ރާއްޖެއަށް ވާ ވަރަށް މިހާރު ވެކްސިން ލިބިފައިވާކަމަށާއި އަދި މިހާރު ވެކްސިން ލިބުމުގެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބިފައިވާކަމަށެވެ.

އެހެންކަމުން މިފަދަ ވަގުތެއްގައި އެކަމުގެ ފައިދާ ނަގައިގެން އެންމެންވެސް ގައުމީ ކަމެއްކަމަށް ދެކިގެން ވެކްސިންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން އާއިލާ އަދި އެކުވެރިންގެ ތެރޭގައިވެސް ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވެކްސިން ޖެހުމަށް ބާރުއެޅުމަށް ޑރ. ނަޒްލާ އެދިލެއްވިއެވެ.

އާބާދީގެ މިހާރަށްވުރެންވެސް ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ފުރިހަމަކުރެވިއްޖެނަމަ، ބަލިން ރައްކާތެރިވެ، އާންމު ދިރިއުޅުމަށް ދިޔުމަށް ކުރިމަތިވެފައި ހުރި ދަތިތަކަށް ލުއިތަކެއް ލިބިގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މި ބަލިމަދުކަމުން ރައްކާތެރިވެ، އާންމު ހާލަތަކަށް ދިޔުމަށް ނުވަތަ އާންމު ދިރިއުޅުމަށް ދިޔުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މުހިންމު ހަތިޔާރަކީ ވެކްސިން،"

"ކުދިންގެ ކިޔެވުމަށް މި އަންނަ ބުރޫތަކާ، ދަތުރުކުރުމުގައި މިހިރަ ދަތި އުނދަގޫތަކާ މިކަހަލަ ކަންކަމަށް ނިމުމެއް އައިސްދާނެކަމަށް އަޅުގަނޑުމެންނަށް ބެލެވޭ ވެކްސިން އާބާދީގެ ބޮޑު ބަޔަކަށް ޖެހިއްޖިއްޔާ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

https://sun.mv/154698

ރާއްޖޭގައި މިހާރު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ އާބާދީގެ 60 އިންސައްތައަށްވުރެ މަތީގައެވެ.

އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 ޕަސަންޓު މީހުންނަށް ވެކްސިން ޖެހުމުގެ އަމާޒު އިއުލާނުކުރެއްވީ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

"މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް, ވަރަށް މަތިވެރި ނަސީބެއް," ރައީސް ސޯލިހު ވިދާޅުވިއެވެ.

comment ކޮމެންޓް