ދުނިޔޭގެ ބޮޑުބާރަކާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ދެއްވައިފި

އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިންނާ ބައިޑެން މުޚާތަބު ކުރައްވަނީ

ވޮޝިންޓަން (ޖުލައި 28): އެމެރިކާއަށް އާދަޔާ ހިލާފަށް ނުރައްކާތެރި ސައިބާ ހަމަލާއެއް ދީފިނަމަ ދުނިޔޭގެ ބޮޑު ބާރަކާއި އެމެރިކާއާ ދެމެދު ހަގީގީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.

ވޮޝިންޓަންގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ސައިބާ ހަމަލާތަކުގެ ސަބަބުން މިހާރުވެސް އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށާ އާދަޔާ ހިލާފަށް ނުރައްކާތެރި ސައިބާ ހަމަލާއެއްގެ ޝިކާރައަކަށް އެމެރިކާ ވެއްޖެނަމަ ބޮޑު ބާރަކާއި އެމެރިކާއާ ދެމެދު ހަގީގީ ހަނގުރާމައެއްގެ ހުޅަގަނޑު ރޯވުމަކީވެސް ވަރަށް ގާތް ކަމެއް ކަމުގައެވެ.

ބައިޑެންގެ އިންޒާރާ ގުޅިގެން ވޮޝިންޓަންގައި ތިއްބަވާ ބޭރުގެ މުރާސިލު ވިދާޅުވި ގޮތުގައި ބައިޑެން އިންޒާރު އަމާޒު ކުރައްވާފައިވަނީ ދުނިޔޭގެ ބޮޑު ދެބާރުކަމަށްވާ ޗައިނާއަށާއި ރަޝިއާ އަށެވެ. ނަމަވެސް ޗައިނާއާއި ރަޝިއާއަކީ އެމެރިކާ ދީފާނެ ކޮންމެ ބާވަތެއްގެ ހަމަލާއަކަށް ވޭންދެނިވި ރައްދެއް އެމެރިކާއަށް ދެވޭވަރު ބާރުގަދަ ދެގައުމަށް ވެފައި އެދެގައުމަށް ހަމަލާދީފައި އެމެރިކާއަށްވެސް ސަލާމަތް ނުވެވޭނެކަން ބައިޑެންއަށް އެނގިވަޑައިގަންނަވާނެތީ ބައިޑެން އިންޒާރު ދެއްވި ނަމަވެސް އެދެގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރަން އެމެރިކާ އަށް ނުކެރޭނެކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާއަށް އަމާޒުވާ ސައިބާ ހަމަލާތަކުގެ ފަހަތުގައިވާކަމަށް އެމެރިކާގެ މަސްއޫލުވެރިން ތުހުމަތު ކުރައްވާ މައިގަނޑު ދެގައުމަކީ ޗައިނާއާއި ރަޝިއާއެވެ. ނަމަވެސް މިކަމުގެ ހެއްކެތް ދެއްކުމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ދާދިދަހުންވަނީ އެމެރިކާގެ މަޝްހޫރު މައިކްރޯ ސޮފްޓް ކުންފުނީގެ ސިސްޓަމްތަކަށާއި ސާވާތަކަށް ސައިބާ ހަމަލާތަކެއް ތަކުރާރުކޮށް ދެމުން ގެންދާކަމަށާއި އެކަމުގެ ސަބބަުން މައިކްރޯސޮފްޓް ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި އެ ހަމަލާތަކުގެ ޒިންމާވެސް ބްލިންކެން އަޅުއްވާފައިވަނީ ޗައިނާގެ އަމަނާބެހޭ ދައުލަތުގެ ވުޒާރާގެ މައްޗަށެވެ.

ނަމަވެސް ޗައިނާއިން އެމެރިކާގެ ތުހުމަތުތައް ދޮގުކުރެއެވެ. އެމެރިކާގެ ތުހުމަތުތަކަށް ރައްދު ދެމުން ޗައިނާ ސަރުކާރުން ބުނެފައިވަނީ ސައިބާ ހަމަލާތަކަކީ އެތަށް ގައުމަކަށް ކުރިމަތިވާ ހަމަލާތަކެއް ކަމަށާ އެފަދަ ހަމަލާތައް ޗައިނާއަށްވެސް އަމާޒުވާކަމުގައެވެ. އެމެރިކާގެ މަގްސަދަކީ ސައިބާ ހަމަލާތައްވެސް ސިޔާސީކޮށްގެން ޗައިނާގެ ބޮލުގައި ތުހުމަތުތަކެއް އެޅުވޭތޯ ބެލުންކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ އެންމެ ބޮޑުބާރުގެ ގޮތުގައި މިހާތަނަށް ދެމިއޮތް ހަމައެކަނި ގައުމަކީ އެމެރިކާއެވެ. ނަމަވެސް ޗައިނާގެ ކުރިއަރަމުންދާ އިގްތިސާދާއި ހަތިޔާރުގެ ބާރުވެރިކަމާއި ޗައިނާގެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ ސަބަބުން އެމެރިކާއަށް އެ ހައިސިއްޔަތު ދާދި އަވަހަށް ގެއްލިދާނެކަމުގެ ބިރު އެމެރިކާ ގެންދަނީ އިހްސާސް ކުރަމުންނެވެ.

މީގެއިތުރުން ހަތިޔާރުގެ ޓެކްނޮލޮޖީގައި އެމެރިކާއާ ވާދަކޮށް އެމެރިކާގެ ހަތިޔާރުގެ މާކެޓަށް ރަޝިއާ ވަންނަމުންދާ ކަމުގެ ކަންބޮޑުވުންވެސް އެމެރިކާ ގެންދަނީ އިހްސާސް ކުރަމުންނެވެ. މި ބިރުތަކާއެކު އެދެގައުމަށް އެމެރިކާ ދޭ ބަހުގެ ހަމަލާތައް މިފަހަކަށް އައިސް ވަނީ އިތުރުވެގެން ގޮސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު