އިރާގުން އެމެރިކާ ސިފައިން ބޭލުމަށް ރައީސް ޖޯ ބައިޑެން ނިންމަވައިފި

ބައިޑެން، އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ އާ ބައްދަލުކުރައްްވަނީ

ވޮޝިންޓަން (ޖުލައި 28): އިރާގުގައި ތިބޭ އެމެރިކާ ސިފައިން އެގައުމުން ބޭލުމަށް ރައީސް ޖޯ ބައިޑެން ނިންމައިފިއެވެ.

ބައިޑެން މިނިންމުން ނިންމަފާފައިވަނީ އެމެރިކާއަށް ވަޑައިގެން އުޅުއްވާ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާ ތަކުގައެވެ. ދެބޭފުޅުންގެ މަޝްވަރާތަކަށްފަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ސިފައިން އިރާގުން ބާލާނެކަމަށާ ނަމަވެސް އިރާގާއެކު އެމެރިކާއިން އަސްކަރީ ގުޅުންތައް ބާއްވާނެކަމުގައެވެ.

މިގުޅުންތަކުގެ ތެރެއިން އިރާގު ބޭނުންވާ އަސްކަރީ މަޝްވަރާއާއި އެހީތެރިކަން ދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށާ ނަމަވެސް އަންނަ ޑިސެމްބަރަށްފަހު އެމެރިކާ ގެ ސިފައިން އިރާގުގައި ނުތިބޭނެ ކަމަށް ބައިޑެން ވިދާޅިުވިއެވެ. އިރާގުން ފޭބުމަށް އެމެރިކާގެ ރައީސް ނިންމަވައި އެކަން އިއުލާން ކުރައްވާފައި މިވަނީ އެމެރިކާ ސިފައިންނާ ދެކޮޅަށް އިރާގުގެ ޖަމާއަތްތަކުން ދޭ ހަމަލާތައް ވަރުގަދަކޮށް އިރާގުން ފޭބުމަށް އިރާގުގެ އަސްކަރީ ޖަމާއަތްތަކުން އެމެރިކާއަށް އިންޒާރު ދެމުންގެންދާ ވަގުތެއްގައެވެ.

އެމެރިކާ ސިފައިންނާ ދެކޮޅަށް ހަމަލާދީ އިރާގުން ފޭބުމަށް އެމެރިކާއަށް އިންޒާރުދެމުން ގެންދާ އިރާގުގެ އަސްކަރީ ޖަމާއަތްތަކަކީ އިރާގުގެ ސިފައިންގެ ލަޝްކަރުތަކާވެސް ގުޅިފައިވާ ޖަމާއަތްތަކެކެވެ. އެހެންކަމުން އެޖަމާއަތްތަކުގެ ނުރުހުމުގައި އެމެރިކާގެ ސިފައިން އިރާގުގައި ތިބޭތިބުމަކީ އިރާގު ސަރުކާރަށް ކުރަން ފަސޭހަ ކަމެއް ކަމެއްނޫނެވެ.

އިރާގުން ފައިބަން އެމެރިކާ ނިންމުމަކީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީގެ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ އެއްކަމަށް އިރާގުގެ މިޑީއާއިންވަނީ ވަނީ ސިފަކޮށްފައެވެ. ކާޟިމީ އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން ވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިން މިއަހަރު ނިމުމުގެ ކުރިން ބާލާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އިރާގުގައި އެމެރިކާ ސިފައިން ތިބެނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައެވެ. ނަމަވެސް އެމެރިކާ ސިފައިން އިރާގުގައި ބޭތިއްބުމުގައި އެމެރިކާ ހަގީގީ މަގްސަދަކީ އީރާނަށް ފާރަލުމާއި އީރާނަށް ބިރު ދެއްކުންކަމަށްވަނީ ބެލެވިފައެވެ.

2019 ވަނައަހަރު އެމެރިކާވަނީ އިރާގުގެ ބިން އިރާގުގެ ސަރުކާރުގެ ހުއްދައަކާ ނުލައި ނަހަމަގޮތުގައި ބޭނުންކޮށްގެން އީރާނުގެ މަސްއޫލުވެރިއެއް ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީއާއި އިރާގުގެ އަލްހަޝްދުއްޝަޢަބީ ޖަމާއަތުގެ ދެ ކޮމާޑަރަކު އަވަހާރަކޮށްލާފައެވެ. މިއީ އިރާގު ސަރުކާރުގެ ހުއްދައަކާނުލައި އިރާގުގެ ބިން ނަހަމަގޮތުގައި ބޭނުންކޮށްގެން އެމެރިކާ ހިންގި ޖަރީމާތަކެއް ކަމަށްވާތީ އިރާގުގެ ސިޔާދަތާއި މިނިވަންކަމަށް އެމެރިކާ އިހުތިރާމް ނުކުރާ މައްސަލަ އިރާގުގައި ވަނީ ވަރަށް ހޫނުވެގެން ގޮސްފައެވެ.

މީގެއިތުރުން އީރާނާ ކުރިމަތިލުމަށް ޓަކައި އެމެރިކާ އިރާގުގެ ބިން ބޭނުންކުރާ މައްސަލަވެސް ވަނީ ވަރަށް ހައްސާސް މައްސަލައަކަށް ވެފައެވެ. މި މައްސަލާގައި އެމެރިކާ ހޫނުފެނަށް ވެއްޓުނީ ސުލައިމާނީގެ މަރުގެ ބަދަލު ހިފުމަށްޓަކައި އީރާނުން އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދުރުރާސްތާގެ މިސައިލް ހަމަލާތަކެއްދީ އެމެރިކާ ސިފައިންގެ އެތައް ބަޔަކު ޒަހަމްކޮށްލުމާ ގުޅިގެންނެވެ.

އެމެރިކާގެ އެ ހަމަލާއަށްފަހު އިރާގުގެ ޖަމާއަތްތަކުންވެސްވަނީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް ފާޅުގައި އަދި ތަކުރާރުކޮށް ހަމަލާތައް ދޭން ފަށާފައެވެ. މިޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކުގެ ރައްދުގައި އެމެރިކާ ދެތިން ފަހަރެއްގެ މަތިން އެޖަމާއަތްތަކަށް ހަމަލާދިން ނަމަވެސް އިރާގުގެ ޖަމާއަތްތަކުން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެހެންކަމުން އެމެރިކާ ސިފައިން އިރާގުން ބޭލުން ނޫންގޮތެއް ނެތްކަން އެމެރިކާއަށްވަނީ އިހްސާސް ކުރެވެން ފަށާފައެވެ. އެއަށްފަހު މިދިޔަ ހަފްތާގައި އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟީމީ ވެސްވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބުމުގެ ބޭނުމެއް މިހާރުނެތްކަމަށާ އިރާގު ސިފައިންނަށް އިރާގު ދިފާއުކުރެވޭނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

comment ކޮމެންޓް