ކޮވިޑް ކޭސްތައް ގިނަ ނަމަ، ވެކްސިން ޖަހާފައިވާ މީހުންވެސް މާސްކު އަޅާ: ސީޑީސީ

ސީޑީސީން ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންވެސް އާއްމު ތަންތަނުގައި މާސްކު އެޅުމަށް ލަފާ ދީފަ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޖުލައި 28): އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ސަރަހައްދުތަކުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންވެސް މާސްކު އެޅުމަށް އެގައުމުގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ލަފާ ދީފިއެވެ.

ސީޑީސީގެ ޑިރެކްޓަރު ރޮޝެލް ވަލެންސްކީ ވިދާޅުވި ގޮތުގައި އެގައުމުގައި މިހާރު ބާރު ސްޕީޑުގައި ފެތުރެމުންދާ ކޮވިޑްގެ ޑެލްޓާ ވޭރިއެންޓު އެހެން ވޭރިއެންޓުތަކާ ތަފާތެވެ. އަދި އެ ވޭރިއެންޓާ ބެހޭ ގޮތުން ލިބިފައިވާ އާ މައުލޫމާތާ ގުޅިގެން ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އެމެރިކާއިން މިހާރު ދުވާލަކަށް 60،000 އަށް ވުރެ ގިނަ ކޭސް ފެންނަމުންދާ އިރު އެގައުމުގައި މިހާރު ބަލިޖެހިފައި ތިބި މީހުންގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ ޑެލްޓާ ވޭރިއެންޓު ޖެހިފައިވާ މީހުން ކަމަށް ސީޑީސީން ބުންޏެވެ. އަދި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް މަދު ނަމަވެސް، ވެކްސިން ޖަހާފައިވާ މީހަކަށް ޑެލްޓާ ވޭރިއެންޓް ޖެހުމުން ވެކްސިން ނުޖަހާ މީހަކާ އެއްވަރަށް "ވައިރަލް ލޯޑް" ހުންނަ ފަހަރު އަންނަ ކަމަށް ސީޑީސީން ހާމަ ކުރިއެވެ. އަދި އެފަދަ ހާލަތެއްގައި ވެކްސިން ޖަހާފައިވާ މީހެއްގެ ފަރާތުންވެސް އެހެން މީހަކަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެކަން އެ މައުލޫމާތުން ދޭހަވާ ކަމަށް ސީޑީސީން އެންގިއެވެ.

އެހެންކަމުން، އެމެރިކާގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ގިނަ ތަންތަނުގައި މާސްކު ނާޅާ އުޅެން މިދިޔަ މެއި މަހު ސީޑީސީން ހުއްދަ ދިން ނަމަވެސް މިހާރު އެ އިދާރާއިން ވަނީ އަނެއްކާވެސް ގައިޑްލައިންތަކަށް ބަދަލު ގެންނަން ނިންމާފައެވެ.

"ބަލި ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގައި ޑެލްޓާ ވޭރިއެންޓު ފެތުރުން ހުއްޓުވުމަށާއި އެހެން މީހުން ރައްކާތެރި ކުރުމަށްޓަކައި ސީޑީސީން ލަފާ ދެނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންވެސް އާއްމު ތަންތަނުގަ އާއި އިންޑޯ ތަންތަނުގައިވެސް މާސްކު އަޅައިގެން ތިބުމަށް،" ވަލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގެ އާބާދީގެ 69 ޕަސެންޓު މީހުން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައިވާ އިރު އަބާދީގެ 60 ޕަސެންޓު މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. ނަމަވެސް ވެކްސިން ނުޖަހާ އެތައް މިލިއަން މީހުން އަދިވެސް ތިބި އިރު އެގައުމުގައި ކޮވިޑްގެ ކޭސްތައް އެންމެ ބޮޑަށް އިތުރުވަމުން ދަނީ ފްލޮރިޑާ ފަދަ، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު ނިސްބަތުން މަދު ސްޓޭޓުތަކުގައެވެ.

comment ކޮމެންޓް