އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއާއެކު މަސައްކަތުގެ މާހައުލަށް ބޮޑު ބަދަލުތަކެއް

ހުޅުމާލެ ސެންޓްރަލް ޕާކު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއާއެކު މަސައްކަތުގެ މާހައުލަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ އެ ކުންފުނީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ތެރެއިން ގްރޭޓާ މާލެ ސަރަހައްދުގައި މަސައްކަތްތެރިންގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އެއް ގާއިމުކުރުމުން ވިޔަފާރިތަކާ، ކުންފުނިތައް އަދި ދައުލަތުގެ ވުޒާރާ ތަކުގައި މަސައްކަތްތެރިން މަސައްކަތް ކުރާ ގޮތް މުޅިން ބަދަލު ވެގެންދާނެކަމަށެވެ.

"މި މަޝްރޫގެ ލަނޑުދަނޑިއަކީ އަމިއްލަ ޖަމިއްޔާތަކާ ވިޔަފާރިތައް އަދި ދައުލަތުގެ އެކި ބޭނުމަށް އުފައްދާ އޮންލައިން އެޕްލިކޭޝަން ތަކާ ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ އަސާސީ މައިގަނޑު ވަސީލަތްތައް ގާއިމްކުރުން،" އެޗްޑީސީއިން ބުންޏެވެ.

މީގެ އިތުރުން ބުނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ ގާއިމުވުމުން މަސައްކަތްތެރިންނަށްވެސް އައު ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފަހިވެ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކަށްވެސް ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

އެގޮތުން ހައި ސްޕީޑް އިންޓަނެޓް އާންމުންނަށް އަގު ހެޔޮކޮށް ފަސޭހައިން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާ ވިއުގައެއް ގާއިމް ކުރުމަކީ އެޗްޑީސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.

އެ ކުންފުނިން ބުނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއު އަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާ ހުރިހާ އުމުރުފުރައެއްގެ މީހުން ހިމެނޭ ގޮތައް މުޅި މުޖުތަމައުއަށް ފައިދާތަކެއް ލިއްބައިދޭނެ މަޝްރޫއެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ރަށްވެހިންނަށް އަމާން ހިތްގައިމު އަދި ދުޅަހެޔޮ ދިރިއުޅުމެއް މަގުފަހި ކޮށްދޭނެ މަޝްރޫއެއްކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް