އޮލިމްޕިކްސް ފެށުމާއެކު ޓޯކިޔޯގައި ކޮވިޑް ކޭސްތައް ރިކޯޑް އަދަދަކަށް މައްޗަށް

ޓޯކިއޯ އޮލިމްޕިކްސް ގެ ލޯގޯ- ފޮޓޯ؛ ގެޓީ އިމޭޖަސް

މިހާރު ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސް ފެށުމާއެކު އެ ސިޓީގައި ރެކޯޑް އަދަދަކަށް ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްކޮށްފިއެވެ.

އިއްޔެ އެސިޓީއިން ރިޕޯޓް ކުރި 2،848 ކޮވިޑް-19 ގެ ކޭސްތަކަކީ މިއަހރު ޖެނުއަރީގެ ފަހުން ރިޕޯޓްކުރި އެންމެގިނަ އަދަދެވެ. މިއާއެކު ޓޯކިއޯއިން ބައްޔަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ ދެލައްކައަށްވުރެ މައްޗަށް އަރާފައެވެ.

އޮލިމްޕިކްސް ފެށުމުގެ ކުރިން ތަޖުރިބާކާރުން ވަނީ އޮލިމްޕިކްސްގެ ސަބަބުން ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެ "ސާރޖް" އަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.

އޮލިމްޕިކްސް ޓޯކިޔޯގައި ކުރިޔަށްދާއިރު އެ ސިޓީގައި މިހާރު ވަނީ ކޮވިޑް-19 އާ ގުޅިގެން ހަތަރުވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އެ ހާލަތުގައިވެސް އޮލިމްޕިކްސް ބާއްވަމުންދާތީ ގައުމުގެ ބައެއް މީހުން ދަނީ ސަރުކާރާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި ގައުމުގެ ސިއްހަތަށް ބެލުމަށްވުރެ އޮލިމްޕިކްސްއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން މާ ބޮޑެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވަނީ ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ މަގުމައްޗަށް ނުކުމެ ނޫޅުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

އެެހެން ނަމަވެސް އޮލިމްޕިކް ގޭމްސް ސަސްޕެންޑުކުރުމާ މެދު ވިސްނަން ޖެހޭ ބޭނުމެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އޮލިމްޕިކްސްއާ ގުޅިގެން ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމާއި ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން އަންގާފައި އޮތުމުން މާ ގިނަ މީހުން ބޭރު ތެރެއަށް ނުކުމެ ނޫޅޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

"ގޭގައި ތިއްބަވައިގެން ޓީވީއިން އޮލިމްޕިކްސް މުބާރާތް ބެއްލެވުން އެދެން," ބޮޑުވަޒީރު ސުގާ ވިދާޅުވިއެވެ.

ޖަޕާނުން އަންނަނީ ދުނިޔޭގެ އެހެން އާބާދީ ބޮޑު ގައުމުތަކާ އަޅާ ބަލާއިރު ކޭސްތައް ފެތުރުން ކޮންޓްރޯލް ކޮށްފައެވެ. މުޅި ޖަޕާނުން އިއްޔެއާ ހަމަޔަށް ރިޕޯޓް ކޮށްފައިވަނީ 870،445 ކޭސްއެވެ. އެގައުމުން ކޮވިޑުގައި މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ 15،129 މީހުންނެވެ.

ޖަޕާނު ސަރުކާރުން ބުނާ ގޮތުގައި އެގައުމުގައި މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީގެ އެންމެ 25.5 ޕަސަންޓު މީހުންނެވެ.

comment ކޮމެންޓް