ތެލުގެ ހިޔާނާތުގައި އެންމެ ބޮޑަށް ޝައްކުކުރެވެނީ ބިދޭސީ މީހަކަށް: ގަސަމް

އެފްއެސްއެމްގެ ބައުޒަރެއް. -- ފޮޓޯ/އެފްއެސްއެމް

ކޮވިޑް-19ގެ ފުރަބަންދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބައެއް މުއައްޒަފުންތަކެއް ގުޅިގެން ހިންގި ތެލުގެ ކޮރަޕްޝަން މައްސަލައިގައި އެންމެ ބޮޑަށް ޝައްކު ކުރެވެނީ އެފްއެސްއެމްގެ ބައުޒަރެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމަށާއި އެމީހާ މިވަގުތު ހުރީ ރާއްޖެއިން ނުފުރޭ ގޮތަށް މަޑުކުރުވާފައިކަމަށް އެފްއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން ގަސަމް ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތާއި ގުޅިގެން ޝައްކުކުރެވޭ ބައެއް މުއައްޒަފުން އަދިވެސް ތިބީ ސަސްޕެންޝަނެއްގައި ކަމަށެވެ. އަދި އެހެން ބައެއް މުއައްޒަފުން އެހެން ޑިޕާޓްމެންޓްތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ވަރަށް ބޮޑަށް ޝައްކުކުރެވޭ އެއް މުއައްޒަފަކީ އެފްއެސްއެމްގެ ބައުޒަރެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ގަސަމް ވިދާޅުވިއެވެ.

"ދެން މީގަ ސަސްޕެކްޓް ކުރެވޭ އެއް ފަރާތެއް އުޅޭ ވަރަށް ބޮޑު، ދެން އެއީ ބޭރު ފަރާތެއް. އަޅުގަނޑުމެންގެ ބައުޒަރެއްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ސްޓާފެއް އެއީ ދެން، އެ ފަރާތް މިހާރު ވަޒީފާއިން ސަސްޕެންޑްކުރެވިފަ ވަނީ،"

"އެކަމުގެ މި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފަރާތްތައް، ދެން އަޅުގަނޑުމެންނަށް ޝައްކެއްތާ ވާނީ، އެެ ފަރާތްތައް އަޅުގަނޑުމެން ވާނީ ވަގުތީ ގޮތުން އެހެން ޑިޕާޓްމެންޓްތަކަށް ބަދަލުކޮށްފަ، އެބޭފުޅުން ކުރިން ކުރަމުން އައި މަސައްކަތުން އެހެން ދިމަ ދިމާލަށް ބަދަލުކުރެވިފަވީ، އެވެސް މި ދެންނެވި ގޮތަށް ޝައްކުވި ފަރާތްތައް،" ގަސަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުންނާ ފުލުހުން އަދި ކަމާގުޅޭ އެހެން އިދާރާތަކުންވެސް މިހާރު ތަހުގީގުކުރަމުންދާ އެ މައްސަލައިގައި ގަސަމް ވިދާޅުވީ އެ ހިޔާނާތް އަދިވެސް ހިނގައިދިޔަ ގޮތެއް މުޅިން ޔަގީންކުރެވިފައި ނުވާކަމަށެވެ.

އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކުން ކުރިޔަށްގެންދާ ތަހުގީގު އަދި ނުނިމިފައިވާތީވެ، އެ މައްސަލައިގައި ޝައްކުކުރެވޭ ފަރާތްތަކާ މެދުވެސް އަދި ގޮތެއް ނިމިފައިނުވާކަމަށް ގަސަމް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން، އަޅުގަނޑުމެންނަށް ޔަގީނެއް ނޫން މިކަންކޮށްފަ އޮތީ ކިހިނެއް ކިހިނެއް ކަމެއް. އަޅުގަނޑުމެންނަށް ބައެއް ކަހަލަ ކަންތައްތަކުން އަޅުގަނޑުމެންނަށް ޝައްކުވީ،" ގަސަމް ވިދާޅުވިއެވެ،

އެ މައްސަލައާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކަމަށް ހާއްސަ އޮޑިޓެއް ކުރަމުން އަންނަކަމަށްވެސް ގަސަމް ރޭ ވިދާޅުވިއެވެ.

އަދި އެ ފަރާތްތަކުގެ ތަހުގީގުގެ ބޭނުމަށް އެންމެ ބޮޑަށް ޝައްކުކުރެވޭ ބަންގްލަދޭޝް މީހާ ރާއްޖެއިން ފުރިޔަނުދީ މަޑުކުރުވުމަށް އެ ފަރާތްތަކުން އެދިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވިގޮތުގައި އެކަހަލަ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމުގައި ތެޔޮ ލިބޭ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކުގައި މަސައްކަތްކުރުން މުހިންމެވެ. އަދި މިހާރު އެކަހަލަ ކަމެއް ދެވަނަ ފަހަރަށް ވިޔަ ނުދިނުމަށްޓަކައި ބައުޒަރުތައް ހުންނަ ސަރަހައްދުގައި ސީސީޓީވީ ހަރުކޮށްފައިވާކަމަށްވެސް ގަސަމް ވިދާޅުވިއެވެ،

comment ކޮމެންޓް