މަޖިލީހުން ދެން އެންމެ އިސްކަންދޭނީ ހަރުކަށި ފިކުރާ ދެކޮޅު މަސައްކަތަށް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީސް ހުޅުވުމާއެކު ދެން އެންމެ އިސްކަމެއް ދޭނީ ހަރުކަށި ފިކުރުގެ މައްސަލައާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމަން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ އެ މަސައްކަތް ކުރުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްޓަކައި މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ގިނަ މެމްބަރުން މިވަގުތު މާލޭގައި ނެތުމުން އެ ޖަލްސާ ބޭއްވުމަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ އަދަދެއްގެ މެމްބަރުން މިވަގުތު ތިބީ ރާއްޖެއިން ބޭރުގަ އާއި ދާއިރާތަކަށް ބައެއް މެމްބަރުން ވަޑައިގެން. އެހެންވީމަ ކުއްލިއަކަށް މިވެނި ދުވަހެއްގައޭ ބޭއްވޭނީ ބުނަން ވަރަށް ދަތި،" އާޒިމް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން މީގެކުރިން ވެސް ވަނީ ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައެވެ. އޭގެތެރޭގައި ކުށް ސާބިތުކުރާ މިންގަނޑު ލުއިކުރުން ހިމެނެއެވެ.

އެ މައްސަލަ ހައްލުކުރުމަށް އިތުރަށް ކުރަންހުރީ ކޮންކަންތައްތަކެއް ކަމެއް އެމްޑީޕީން ހާމަކޮށްފައެއްނުވެއެވެ.

comment ކޮމެންޓް