ޓޯކްޔޯ އޮލިމްޕިކްސް: އެންމެ 13 އަހަރުގެ މޮމިޖީ ނިޝިޔާއަށް ރަން މެޑަލް

ސްޓްރީޓްސް ސްކޭޓްބޯޑިންގްގެ އަންހެން ޑިވިޝަން އިވެންޓުގެ ރަން މެޑަލް ހޯދި މޮމިޖީ ނިޝިޔާ

ޖަޕާނުގައި މިހާރު ކުރިއަށްދާ ސަމާ އޮލިމްޕިކްސްގެ ސްޓްރީޓްސް ސްކޭޓްބޯޑިންގްގެ އަންހެން ޑިވިޝަން އިވެންޓުގެ ރަން މެޑަލް އުމުރުން އެންމެ 13 އަހަރުގެ މޮމިޖީ ނިޝިޔާ ހޯދައިފި އެވެ.

ސްޓްރީޓްސް ސްކޭޓްބޯޑިންގް އަކީ މިފަހަރުގެ އޮލިމްޕިކަށް އިތުރު ކުރި ފަސް ކުޅިވަރުގެ ތެރެއިން އެއް ކުޅިވަރެވެ. މި އިވެންޓުގައި ޖުމުލަކޮށް ޒުވާން ކުޅުންތެރިންތަކެއް ބައިވެރިވި އިރު އެވަރެޖް އުމުރަކީ 14 އަހަރާއި 191 ދުވަހެވެ.

މި އިވެންޓުގެ ރަން މެޑަލް ހޯދި ނިޝިޔާ 13 އަހަރުގައި މެޑަލް ހޯދި އިރު އެއީ ޖަޕާނުން މިހާތަނަށް ރަން މެޑަލް ހޯދި އެންމެ ޒުވާން އެތުލީޓެވެ. މިހާތަނަށް އެންމެ ހަގު އުމުރުގައި އޮލިމްޕިކްސްގެ ރަން މެޑަލް ހޯދީ ޖަރުމަނުގެ ބާލިންގައި 1936 އޮތް އޮލިމްޕިކުގެ ސްޕްރިންގް ބޯޑު އިވެންޓުން މެޑަލް ހޯދި އެމެރިގާގެ މާޖޯރީ ގެސްޓްރިންގް އެވެ. އޭނާ އެފަހަރުގެ ރަން މެޑަލް ހޯދި އިރު އުމުރަކީ 13 އަހަރާއި 267 އެވެ. މިފަހަރުގެ ރަން މެޑަލް ހޯދި ނިޝިޔާއަށް އޭނާއަށް ވުރެން އުމުރުން ދޮށީ އެންމެ 63 ދުވަހެވެ.

ނިޝިޔާ ރަން މެޑަލް ހޯދި އިރު ރިހި މެޑަލް ލިބިފައިވަނީ ބްރެޒިލްގެ ރޭސާ ލީލްއަށެވެ. އުމުރުން 13 އަހަރުގެ ލީލް ރަން މެޑަލް ހޯދި ނަމަ އޭނާ ވެގެން ދާނީ ތާރީހުގައި ވެސް އޮލިމްޕިކްސް ރަން މެޑަލް ހޯދި އެންމެ ޒުވާން އެތުލީޓަށެވެ. އޭނާ އިއްޔެގެ މެޑަލް ހޯދި އިރު އުމުރަކީ 13 އަހާރި 203 ދުވަހެވެ. ބްރޯންޒް މެޑަލް ހޯދީ ޖަޕާނުގެ އުމުރުން 16 އަހަރުގެ ފުނަ ނަކަޔަމާ އެވެ.

މި އިވެންޓުގެ ފިރިހެން ޑިވިޝަންގެ ރަން މެޑަލް ވެސް ހޯދީ ޖަޕާނުންނެވެ. އެ މެޑަލް އެ ގައުމަށް ހޯދައިދީފައިވަނީ ޔޫޓޯ ހޮރިގޮމޭ އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ޖަޕާނުން ވާދަ ކުރާ އެންމެ ޒުވާން އެތުލީޓަކީ ކޮކޮނާ ހިކާ އެވެ. ޕާކް ސްކޭޓްބޯޑިންގް އިވެންޓުގައި ވާދަކުރާ މި އެތުލީޓުގެ އުމުރަކީ 12 އަހަރާއި 343 ދުވަހެވެ.

comment ކޮމެންޓް