ވަރާން ވިއްކާލަން ރެއާލުން ހުށައެޅި ފީ ޔުނައިޓެޑުން ގަބޫލުކޮށްފި

ރެއާލް އަދި ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން --- ފޮޓޯ/ ގެޓީ

ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވެރޭން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދައިފި އެވެ.

ވަރާން، 28 ރެއާލް މެޑްރިޑާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކާ ގާތްވެފައިވާ އިރު، އެ ކުލަބާ އެކު އެއްބަސްވުން އައު ނުކުރާނެ ކަމަށް އޭނާ ވަނީ ކުލަބަށް އަންގައިފަ އެވެ. އެއާ އެކު ޔުނައިޓެޑުން އޭނާގެ ސޮއި ހޯދަން މަސައްކަތްތައް ވަނީ ފަށައިފަ އެވެ. އެގޮތުން ވަރާން ގަތުމަށް ރެއާލުން ހުށައެޅި އަދަދު ޔުނައިޓެޑުން މިހާރު ވަނީ ގަބޫލުކޮށް، ރަސްމީ ބިޑު ހުށައަޅަން ތައްޔާރުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުގެ ހުށައެޅުމަކީ 34 މިލިއަން ޕައުންޑެވެ. އެކަމަކު އިތުރު ފީތަކާ އެކު ވަރާން ސޮއިކޮށް ނިމޭ އިރު ޔުނައިޓެޑުން ޖުމުލަ 42 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ.

މި ޓްރާންސްފާ މާކެޓުގައި ވަރާން ވިއްކާލަން ރެއާލަށް މަޖުބޫރުވެފައިވަނީ އޭނާގެ އެއްބަސްވުން އައު ނުކޮށްފި ނަމަ ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށް ދާނެތީ އެވެ. މިހާރުގެ ޓްރާންސްފާގައި އެކުލަބުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވެސް ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، ކޯޗަކަށް ހުރި ޒައިނުއްދީން ޒިދާން ވެސް ވަނީ ޓީމު ދޫކޮށްލައިފަ އެވެ.

ވަރާން ވަނީ ރެއާލަށް 360 މެޗު ކުޅެދީ، 17 ލަނޑު ޖަހާދީފައެވެ. އަދި އެހެންމެ އޭނާ ވަނީ އެ ކުލަބާއެކު ސްޕެނިޝް ލީގު ތިން ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 79 މެޗު ކުޅެދީފައިވާ ވަރާނަކީ އެ ގައުމުން 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ.

comment ކޮމެންޓް