ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ފަރާތަކަށް ދުލެއް ނުކުރާނަން: ނާޒިމް

ޖުލައި 26، 2021: އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ ސިފައިން އަތްގަދަ ކޮށްގެން ތިބޭ ތިބުން ނިމުމަކަށް ގެނެސް، ރައްޔިތުން އެދޭ ފަދަ ރައްކާތެރި މާހައުލެއް ގާއިމުކޮށް ދެއްވާނެ ކަމަށް ދަނގެތީ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން ފުރަތަމަ ބޭއްވި ނޫސްވެރިނަންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އިސްކުރާނީ ގައުމާއި ރައްޔިތުން ކަމަށެވެ.

ނާޒިމް ވިދާޅުވީ މީގެ ކުރިން ހަދާފަ ހުރި އެގްރިމެންޓް ތަކުގައިވެސް ދިވެހީންގެ ނަން އެންމެ ފުރަތަމަ ނާންނަ ނަމަ އެމްއެންޕީގެ ސަރުކާރެއްގައި އެ އެގްރިމެންޓެއް ބާތިލް ކުރާނެ ކަމަށެވެ.

"އަޅުގަނޑު އެންމެ އިންޗިއެއްވެސް ދޫ ނުކުރާނަން. ބޭރުގެ ސިފައިން ރާއްޖޭގަ ތިބޭކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އެމްއެންޕީ ސަރުކާރެއްގަ އަޅުގަނޑުމެންގެ ފަލްސަފާއެއްގެ ގޮތުގަ މިއޮތީ އެންމެ ފުރަތަމަ ގައުމު. ރާއްޖޭގަ ހަދާފަ އޮތް އެއްވެސް އެގްރިމެންޓެއްގަ ވެސް ދިވެހިން ފުރަތަމައަށް ނާންނަ ނަމަ އެ ސަރުކާރަކާ މަޝްވަރާކޮށް ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް ބަދަލު ކުރުމަށް މަސައްކަތް ކުރާނަން. އެގޮތަށް އެކަން ނުވާނެ ނަމަ އެ އެގްރިމެންޓެއް އަޅުގަނޑުމެން ބާތިލް ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަޅޭއްލަވާ މީހުންނަށް ފުރައްސާރަ ކުރުމާއި ބޭރުގެ އެމްބަސީ ތަކުގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރުމަކީ އެ ޕާޓީގެ ފަލްސަފާއެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްއެންޕީން އޭގެ ބަދަލުގައި އިސްކުރާނީ ޑިޕްލޮމެސީގެ ތެރެއިން ދުނިޔޭގައި ކަންކުރާ އުސޫލު ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަކުގެ ތެރެއިންވެސް ގައުމާއި ރައްޔިތުންނަށް ފައިދާއެއް ލިބިދޭ ކޮންމެ ކަމެއްގައި އެ ޕާޓީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.

comment ކޮމެންޓް