ލޫސިފާ ސީޒަން 6ގެ ޓީޒާ ދައްކާލައިފި

ޓީޒާ ގެ މަންޒަރެއްގައި ލޫސިފާ---

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ލޫސިފާ"ގެ ހަވަނަ ސީޒަން އަދި ފަހު ސީޒަންގެ ޓީޒާ އެއް ދައްކާލައިފިއެވެ.

އެ ސީޒަންގެ ޓީޒާ އާންމުކުރިއިރު މި ޓީޒާ އަކީ ލޫސިފާ ސީޒަން އެކަކުން ފެށިގެން ސީޒަން ފަހަކާ ހަމައަށް ހިނގާދިޔަ ކަންތައްތައް ކުރު ގޮތަކަށް ދައްކުވައިދިން ޓީޒާއެކެވެ.

ލޫސިފާގެ ހަވަނަ ސީޒަންގައި ގިނަ ކަންތައްތަކެއް ހިނގާނެ ކަމަށް ބެލެވޭއިރު މި ސީޒަން އާންމުންނާ ހަމައަށް އަންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ނެޓްފްލިކްސްގެ އޮރިޖިން ލޫސިފާ ގެ ފަސް ވަނަ ސީޒަން ގެނެސްދިނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ސީޒަން ފަހަކުން މި ސީރީޒް ނިންމާލަން ގަސްތުކުރި ނަމަވެސް އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުމާއެކު ސީޒަން ހައެއް ގެނެސްދޭން ނިންމީއެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން 2019 އަހަރު ދެއްކިއިރު، މި ޝޯއަކީ އެ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސްމެ އެވެ. ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރު ވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސް އެވެ. ލޫސިފާގެ ލީޑު ރޯލުން ފެނިގެންދަނީ ޓޮމް އެލިސް އަދި ލޯރެން ޖަރމަން އެވެ.

comment ކޮމެންޓް