ރިޔާސީ ޕްރައިމަރީގަ ވާދަ ކުރާނަން، އެމްއެންޕީ ކާމިޔާބު ހޯދާނެ: ކާނަލް ނާޒިމް

ޖުލައި 26، 2021: އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ޓިކެޓް ކަށަވަރު ވެއްޖެ ނަމަ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން މިއަދު ބޭއްވި އެ ޕާޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށްގެން ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން، އެ ޕާޓީގެ މެނިފެސްޓޯ ބަލައިގަނެ ޕާޓީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށެވެ.

"...ދެން އޮތް ސުވާލަކީ އަޅުގަނޑު ބައިވެރިވާނެތޯ. ކޮންމެ ސިޔާސީ ބޭފުޅަކީވެސް ކޮންމެވެސް ކަހަލަ ކުރިއެރުމަކަށް ވިސްނާ ފަރާތެއް. އެހެންވީމަ އަޅުގަނޑުވެސް ވާދަ ކޮށްގެން ޕާޓީގެ މެމްބަރުން އަޅުގަނޑު އެއީ 2023 ގެ ކެނޑިޑޭޓް ކަމަށް ނިންމައިފި ނަމަ އަޅުގަނޑު ނުކުމެ އެ މަސައްކަތް ކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެހެން ޕާޓީ ތަކާއި ހިލާފަށް އެމްއެންޕީ އަކީ ވަރަށް ތަފާތު ޕާޓީއެއް ކަމަށެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕަށް އަންނަ ކޮންމެ ފަރާތަކަށްވެސް ދެ ދައުރަށްވުރެ އިތުރަށް ނުތިބެވޭ ގޮތަށް އަސާސީ ގަވާއިދު ފާސް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"މި ޕާޓީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓަކަށް ޝައުގު ހުރި ކޮންމެ ބޭފުޅަކަށްވެސް ކޮންގްރެސް އާ ހަމައަށް ފުރުސަތު އޮންނާނެ. ވަޑައިގެން އަޅުގަނޑުމެންގެ ޕްރައިމަރީގަ ބައިވެރިވާން ވީ. ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއިއެކު އެ ކަނޑައެޅުނީ ރިޔާސީ ޓިކެޓް ދޭނެ ފަރާތް،" ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ އެމްއެންޕީން ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބާއްވާނީ އިތުރު ތިންވަނަ ފަރާތަކުން މޮނިޓަކޮށް ބެލެހެއްޓޭނެ ގޮތެއްގެ މަތީން އިންތިޒާމް ކޮށްގެން ކަމަށެވެ.

comment ކޮމެންޓް