މާލީގެ ރައީސް އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުގައި ހުއްޓާ މަރުވެއްޖެ

މާލީގެ ރައީސް ކަމަށް އަސިމީ ގޮއިޓާ ވަނީ އައްޔަންކޮށްފަ -- ފޮޓޯ: ރޮއިޓާސް

ބަމަކޯ (ޖުލައި 26): މާލީގެ ރައީސް އަސިމީ ގޮއިޓާ އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

މިދިޔަ ހަފްތާގެ އަންގާރައިގައި ގޮއިޓާއަށް ހަމަލާ ދޭން މަސައްކަތް ކުރި ކަމަށް ބެލެވޭ މީހާ ހައްޔަރު ކުރުމަށް ފަހު އޭނާގެ ވަނަވަރު މާލީގެ ސަރުކާރުން ހާމަ ނުކުރެއެވެ. ނަމަވެސް އިއްޔެ އެ ސަރުކާރުން ވަނީ އެ މީހާގެ ހާލު ތަހުގީގުގެ ތެރޭގައި ގޯސްވެ، ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.

"ތަހުގީގުގެ ތެރޭގައި އޭނާގެ ހާލު ގޯސްވި، ދެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ވަނީ މަރުވެފަ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.

އޭއެފްޕީ ނޫހުން ރިޕޯޓު ކުރި ގޮތުގައި ގޮއިޓާއަށް މީހަކު ވަޅިން ހަމަލާ ދޭން މަސައްކަތް ކުރީ އޭނާ އެގައުމުގެ ވެރިރަށް ބަމަކޯގެ މިސްކިތެއްގައި އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވި ފަހުންނެވެ. އަދި އެ ސަރަހައްދުގައި ތިބި އިންޓެލިޖެންސް އިދާރާގެ މެމްބަރުން އެ މީހާ ވަގުތުން ހައްޔަރު ކޮށްގެން ގެންދިޔައީއެވެ.

އެ ހާދިސާއަށް ފަހު ގޮއިޓާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ޓީވީ މެދުވެރިކޮށް ވިދާޅުވެފައެވެ. އަދި ގައުމުގެ ލީޑަރަކަށް ހުންނަވާ އިރު އެފަދަ ހާދިސާތައް ދިމާވާނެ ކަމަށާއި "ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފާނެ މީހުން" އަބަދުވެސް ތިބޭނެ ކަމަށް ވިދާޅުވެފައެވެ.

މާލީގެ ސަރުކާރުން ވަނީ އެ މީހާ މަރުވި ނަމަވެސް، ރައީސަށް ދޭން އުޅުނު ހަމަލާގެ ތަހުގީގަށް ހުރަސް ނޭޅޭނެ ކަމަށް ބުނެފައެވެ. އަދި އެ ހަމަލާ ދިނުމުގައި އޭނާގެ އިތުރުން އެހެން ބަޔަކުވެސް ބައިވެރިވެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.

ގޮއިޓާ އަކީ މާލީއަށް މި ދެ އަހަރު ތެރޭގައި ގެނައި ދެ ބަޣާވާތުގައި އިސްކޮށް ހުންނެވި ސިފައިންގެ ކާނަލް އެވެ.

މާލީގެ އަސްކަރިއްޔާއިން މިދިޔަ އޮގަސްޓު މަހު ފުރަތަމަ ބަޣާވާތް ކުރީ އޭރުގެ ރައީސް އިބްރާހިމް ބޫބަކާރު ކެއިޓާއާ ދެކޮޅަށް އެގައުމުގައި ބޮޑެތި މުޒާހަރާތައް ބާއްވާތާ މަސްތަކެއްވީ ފަހުންނެވެ. އެ މުޒާހަރާތައް ބޭއްވީ އޭނާގެ ވެރިކަމުގައި ގައުމުގެ އިގުތިސާދީ އަދި ސަލާމަތީ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް ގިނަ އަދަދެއްގެ މީހުން ދެކޭތީއެވެ.

އެއަށް ފަހު މާލީގެ ވެރިކަމާ އަސްކަރިއްޔާއިން ހަވާލުވެއްޖެ ނަމަ ސަރަހައްދީ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެގައުމުގައި އަންނަ ފެބްރުއަރީ މަހު ރިޔާސީ އިންތިހާބެއް ބާއްވާ، މަދަނީ ސަރުކާރެއް އެކުލަވާލެވެންދެން އިންތިގާލީ ސަރުކާރެއް އުފެއްދި އެވެ. އެ ސަރުކާރުގެ ރައީސް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރެއް ކަމަށްވާ ބާ އެންޑޯ އައްޔަން ކުރި އިރު ނައިބު ރައީސް ކަމާ ގޮއިޓާ ހަވާލުވެވަޑައިގެންނެވި އެވެ. އަދި ސިފައިންނަށް ކެބިނެޓުގެ މުހިއްމު މަގާމުތައް ދިނެވެ.

ނަމަވެސް އެ ސަރުކާރަށް ބަދަލުތަކެއް ގެނެސް، ދެ ސިފައިންގެ މީހެއްގެ މަގާމު އަތުލި ފަހުން މިދިޔަ މެއި މަހުގެ 24ގައި އަސްކަރިއްޔާއިން ރައީސް އެންޑޯ ހައްޔަރު ކުރި އެވެ. އަދި އޭނާ ދޫކޮށްލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އޭގެ ފަހުން މެއި 28ގައި މާލީގެ ދުސްތޫރީ ކޯޓުން ވަނީ އެގައުމުގައި މަދަނީ ސަރުކާރެއް ގާއިމު ކުރެވެންދެން އިންތިގާލީ ސަރުކާރުގެ ރައީސްކަމުގައި ދެން ހުންނަވާނީ ގޮއިޓާ ކަމަށް ކަނޑައަޅާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް