ހޯރަފުށިން ލައިސެންސް ކާޑު ލިބޭ ގޮތް ހަދައިފި

ހއ. ހޯރަފުށިން ލައިސެންސް ކާޑު ދޫކުރުމުގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު

ހއ. ހޯރަފުށިން ދޭ ލައިސެންސް ދޫކުރުމުގެ ޚިދުމަތުގެ ތެރެއިން އެ ރަށުން ލައިސެންސް ކާޑު ފޯރުކޮށްދިނުމުގެ ހިދުމަތް ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "ސަން" އަށް ވިދާޅުވީ ލައިސެންސް ކާޑު ދޫކުރަން ފެށުމާއެކު އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށްވެސް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

"މީގެ ކުރިންވެސް ލައިސެންސް ދިނުމުގެ ހިދުމަތް ހޯރަފުށިން ލިބެމުންދޭ. އެހެންނަމަވެސް އެއިރު ދޫކުރަނީ ލައިސެންސް ފޮތް. ދެން އަޅުގަނޑުމެން ކައުންސިލުން މިހާރު މި ތައްޔާރުވީ ޓްރެކް ތައްޔާރުކޮށްފައި އެތަން ހުޅުވާފައި ކާޑު މެޝިނު ގެނެސް އެ ހިދުމަތް ދިނުމަށްޓަކައި ފޮތް ކާޑަށް ބަދަލުކުރުން،" ވަހީދު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވަހީދު ވިދާޅުވީ މި މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އާއި އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށް ދިޔަ ކައުންސިލްގެ މަޝްރޫއެއްކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ މި މަސައްކަތްކުރުމަށް ހަތަރު ލައްކަ ރުފިޔާ ހަރަދުވެފައިވާކަމަށެވެ. އަދި މި ހިދުމަތާއެކު އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ލައިސެންސް ކާޑެއް ހައްދަން ވެއްޖެޔާ 2،500 ނޫނީ 3،500 ހަރަދުކޮށްފައި ކަނޑު ހުރަސްކޮށް ދިއްދުއަށް ދާންޖެހެނީ. އެހެންވީމާ އެ ދަތުރުކުރާކަށްވެސް ނުޖެހޭނެ އަދި އެ ހަރަދު ކުރާކަށްވެސް ނުޖެހޭނެ އަދި ވާރެޔާ ފޮތް ތެމިގެން އަލުން ހައްދާކަށްވެސް ނުޖެހޭނެ. އެހެންވީމާ މިހުރިހާ ގޮތަކުން ބަލާއިރުވެސް ލުއިފަސޭހަ ލިބިގެންދާނެ،" ވަހީދު ވިދާޅުވިއެވެ.

މިއަދު ހޯރަފުށީގައި އަލަށް ދެވެން ފެށި މި ހިދުމަތަކީ އެ ރަށުގެ ގިނަ ރައްޔިތުންނެއް އިންތިޒާރުކުރަމުން ދިޔަ އެއް ހިދުމަތެވެ. އަދި މި ހިދުމަތާއެކު ލިބޭ ލުއި ފަސޭހަތަކާއެކު ހޯރަފުށިން އެ ރަށުގެ ރައްޔިތުންނަށާއި އަދި އެ ސަރަހައްދުގެ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ލިބިގެންދާނެއެވެ.

comment ކޮމެންޓް