ޗައިނާއިން ރާއްޖެއަށް ސިނޮފާމްގެ ހަތަރު ލައްކަ ޑޯޒް ދޭން ނިންމައިފި

ޗައިނާގެ ރައީސް ޝީޖިން ޕިން އާއި ރައީސް ސޯލިހު

ޗައިނާއިން ރާއްޖެއަށް ސައިނޮފާމް ވެކްސިންގެ 400،000 ޑޯޒް ދޭން ނިންމައިފިއެވެ.

ރާއްޖެއަށް ވެކްސިން ދޭން ޗައިނާއިން ނިންމާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ތަކުގެ ތެރެއިންނެވެ.

ޗައިނާއިން ވެކްސިން ދޭން ހަމަޖެހިފައިވާކަން ފޮރިން މިނިސްޓްރީއިން ވަނީ ޔަގީންކޮށްދީފައެވެ. އެހެންނަމަވެސް ވެކްސިން ލިބޭނެ ތާރީހެއް އަދި ޔަގީންނުވާކަމަަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ގައުމާ މުހާތަބުކުރައްވައި ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ އެންމެންނަށް ދެ ޑޯޒް ޖެހޭވަރަށް މިހާރު ވެކްސިންގެ ސްޓޮކް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

ReadMore

ރައީސް ވިދާޅުވި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުން 90 ޕަސަންޓު މީހުންނަށް އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖަހައި ފުރިހަމަކުރުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖަހަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށައި, އަދި އޭގެ ފަހުން ޗައިނާއިން ހަދިޔާކުރި 200،000 ޑޯޒްގެ ސިނޮފާމް ވެކްސިންވެސް ރާއްޖޭގައި ދަނީ ޖަހަމުންނެވެ. އެހެންނަމަވެސް ކޮވިޝީލްޑް ވެކްސިންގެ ލިބުނު ސްޓޮކް ހުސްވިފަހުން އެ ވެކްސިން ލިބުމުގައި ރާއްޖެއަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

comment ކޮމެންޓް