ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ލޭ ހުއްދަކުރުމަކީ މިނިވަންކަމަށް ނުރައްކަލެއް: ރައީސް

ޖުލައި 5، 2020: ފުލުހުންގެ ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަރުކަށި ފިކުރުގެ ވިސްނުމާއި އިސްލާމް ދީނަކީ ލޭ ހުއްދަކުރާ ދީނެއްކަމަށް ދެކޭ ދެކުން އަދި އިސްލާމް ދީނަށް ފުރައްސާރަކުރުމަކީ މުޖުތަމައުގައި އޮވެގެން ނުވާނެވަރުގެ ބޮޑު ދެ މައްސަލަކަމަށާއި އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރަން އެދޭ ކޮންމެ ދިވެއްސެއްވެސް އެކަމާއި ދެކޮޅަށް ތެދުވެ އަޑުއުފުލަންޖެހޭވަރުގެ ނުރައްކާތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހު މުނާސަބަތުގައި ގައުމާ މުހާތަބުކޮށް ދެއްވި ހިތާބުގައި ވިދާޅުވީ އިސްލާމްދީނަކީ މިނިވަންކަމާއި ސުލްހައާއި އެކުވެރިކަމުގެ އަސާސްތައް ކަނޑައަޅައިދިން ދީނެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ އަދި އިޖުތިމާއީ އެއްބައިވަންތަކަމުގެ ތަރަހައަކީ އިސްލާމް ދީންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި މަޒްހަބީ ތަފާތުތަކެއް ނެތުމަކީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ. އެހެންނަމަވެސް އިސްލާމް ދީނުގެ ނަމުގައި މުޖުތަމައުގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި، ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން. އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން،"

"އިސްލާމް ދީނަކީ ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެ ވިސްނުން ފަތުރައި އާންމުކުރުމަށް، ހަމަ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި އެބަ މަސައްކަތްކުރޭ. މިއީ މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ހަމަ ކޮންމެ މީހަކުމެ، ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ، ވަރަށް ނުރައްކާތެރި ކަމެއް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން އިސްލާމީ ގައުމުތަކުން މިއަދު ފެންނަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ ހަރުކަށި ފިކުރަށް އެ ގައުމުތަކުގައި ފުރުސަތު ދިނުންކަމަށެވެ. އަދި އޭގެ ފަހުން އެކި އެކި ފަރާތްތަކުގެ ނުފޫޒު އެ ގައުމުތަކުގައި ފެތުރި، މިހާރު އެއިން ކޮންމެ ގައުމަކީވެސް މިނިވަންކަމާއި ސުލްހަ އަދި އަދި ހަމަޖެހުން ގެއްލިފައިވާ ގައުމުތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި ފުރައްސާރަކުރުމުގެ އަމަލުތަކަކީ ވެސް، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް،"

"އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއް،" މިއީ ރާއްޖޭގައި އޮވެގެން ނުވާނެވަރުގެ އިޖްތިމާޢީ ބޮޑު ދެ މައްސަލަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހިތާބުގައި ރައީސް ވިދާޅުވީ އެ ދެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ހަމައެކަނި ފިޔަވަޅަކީ ގާނޫނީ ގޮތުން އެޅޭ ފިޔަވަޅު ނޫންކަމަށެވެ.

އަދި ދީނުގެ ސައްހަ އަގީދާގެ މަތީގައި ތުއްުތު އުމުރުން ފަށައިގެން ދަރިން ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުންވެސް އެއީ އެ ދެ މައްސަލަ ހައްލުކުރަން ކުރިޔަށް އޮތްތަނުގައިވެސް ރާއްޖެއަށް ކުރިމަތިވިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަމަށްޓަކައި ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން، ތަޢުލީމީ ނިޒާމުގެ ތެރެއިން، މިކަން ޙައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ވަނީ މިނިވަންދުވަހުގެ ތަހުނިޔާއާ ރައްޔިތުންނަށް އަރިސްކުރައްވަމުން، މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގައި ޤުރްބާންވެވަޑައިގެންނެވި މަތިވެރި ބަތަލުންގެ ގައުމީ ޖިހާދުގެ ހަނދާން އާ ކުރުމަކީ ކޮންމެ ދިވެއްސެއްގެވެސް ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް ސިފަކުރައްވާފައެވެ.

comment ކޮމެންޓް