ބާސެލޯނާއިން އަހަންނަށް ބޮޑު އުންމީދެއް ކުރޭ: ޑިޕާއީ

ބާސެލޯނާގެ ފޯވާޑް މެމްފިސް ޑިޕާއީ ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހުމަށްފަހު ---

ދާދި ފަހުން ފްރާންސްގެ ލިޔޯން ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ސްޕޭނުގެ ބާސެލޯނާއަށް ބަދަލުވި ފޯވާޑް މެމްފިސް ޑިޕާއީގެ ފަރާތުން ބޮޑު އުންމީދެއް ކުލަބުން ކުރާ ކަމަށް އޭނާ ބުނެފި އެވެ.

ލިޔޯން ދޫކޮށް ޑިޕާއި ބާސެލޯނާ އަށް ސޮއިކުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ. ޕްރީ ސީޒަން ފްރެންޑްލީއެއްގައި ޑިޕާއި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޖިރޯނާ އަތުން 3-1 އިން ބާސެލޯނާ މޮޅުވި މެޗުގައި ކުޅެފަ އެވެ.

ޔޯހާން ކްރައިފް ސްޓޭޑިއަމުގައި ކުޅުނު އެ މެޗުގެ ފަހު ގޯލު 85 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ޑިޕާއި ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ ޖެރާޑް ޕީކޭ އާއި ރޭއި މަނާޖް އެވެ.

އެ މެޗަށްފަހު ޑިޕާއީ ބުނީ ބާސެލޯނާގެ ޖާޒީ ލައިގެން ކުޅުމުގެ ފުރުސަތު ލިބުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި، ކުލަބުގެ ސަޕޯޓަރުންނާއި، ޓީމުގެ ހިތްވަރަކީ ކުރިއަށް ދާން ލިބޭނެ އިތުރު ބާރެއް ކަމަށެވެ.

"އަހަންނަށް އިނގޭ ބާސެލޯނާއިން އަހަރެން ގެނައީ ބޮޑު އުންމީދަކާ އެކު ކަން. ކުލަބުގެ ސަޕޯޓަރުން ހެއްވާލަން ބުރަ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދެން." ޑިޕާއީ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުންޏެވެ.

ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއިން ފުޓުބޯޅަ ކެރިއަރު ފެށި ޑިޕާއީ އެ ޓީމުގައި ހުރެ 2014/2015 ވަނަ އަހަރު ނެދަލެންޑްސް ލީގުގައި 22 ގޯލު ޖެހުމާ އެކު ތަށި އުފުލާލި އެވެ. އެއާ އެކު ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން އޭނާއަށް ކަޅި އަޅަމުން ދަނިކޮށް 2015 ވަނަ އަހަރު އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑުން 25 މިލިއަން ޕައުންޑަށް އޭނާ އެކުލަބަށް ގެންދިޔަ އެވެ.

އެހެން ނަމަވެސް އަނިޔާއާއި، ފޯމު ކެޓުމުގެ މައްސަލަތައް ކުރިމަތިވެ ޔުނައިޓެޑްގައި ޑިޕާއީ މުޅިން ބޭކާރުވެގެން ގޮސްފައިވާ އިރު، އޭނާ 2017 ވަނަ އަހަރު ޖެނުއަރީ މަހު ލިޔޯނަށް ބަދަލުވި އެވެ.

އޭނާ ވަނީ ލިޔޯންއަށް ކުޅެދިން 178 މެޗު ކުޅެދީ 76 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ވެސް 20 ގޯލު ލީގުގައި ޖެހި ޑިިޕާއީއަށް ވުރެން އިތުރަށް އެ ލީގުގައި ގޯލު ޖެހީ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާއްޕޭ އެކަންޏެވެ.

comment ކޮމެންޓް