އައިޕީއެލްގެ ބާކީބައި އަންނަ ސެޕްޓެމްބަރު މަހު ދުބާއީގައި

އިންޑިއާގެ ކްރިކެޓް ލީގު (އައިޕީއެލް) ގެ ތަށި ---- ފޮޓޯ/ބީސީސީއައި

އިންޑިއާގެ ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ބާކީ ބައި އަންނަ ސެޕްޓެމްބަރު މަހު ޔޫއޭއީގައި ބާއްވަން ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި އައިޕީއެލް ހަތަރު މަސްދުވަހަށްފަހު ދުބާއީގައި ކުޅެން ނިންމިކަން އިންޑިއާގެ ކްރިކެޓް ބޯޑް ބީސީސީއައިއިން ވަނީ އިއުލާންކޮށްފަ އެވެ. އެ ލީގުގައި އަދިވެސް ބާކީ 31 މެޗު އޮތް އިރު، ލީގުގެ ޝެޑިއިލްގައިވާގޮތުން މުބާރާތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.

އެގޮތުން 27 ދުވަހުގެ ތެރޭގައި ލީގު ކުޅެ ނިންމާލަން ލީގުގެ އިންތިޒާމީ ކޮމިޓީން ނިންމާފައިވާ އިރު، އޭގެ ތެރެއިން 13 މެޗު ކުޅޭނީ ދުބާއީގަ އެވެ. އަދި 10 މެޗު ޝާރްޖާހުގައި ކުޅޭ އިރު ބާކީ އަށް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަބޫ ދާބީގަ އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މޭ މަހުގައި އެގައުމުގެ ގިނަ ކުޅިވަރު މުބާރާތްތައް މެދުކަނޑާލި އިރު، ގައުމުން ބޭރުގައި ކްރިކެޓް ލީގު ފަށާނީ ޗެންނާއީ ސުޕަ ކިންގްސްއާއި މުމްބާއީ އިންޑިއަންސް ބައްދަލުކުރާ ވާދަވެރި މެޗުންނެވެ.

ލީގު ނިންމާލުމަށްފަހު އަންނަ ސީޒަނުގެ ލީގު ކޮލިފަޔާސްގެ މެޗުތައް ވެސް ކުޅޭގޮތަށް އޮތީ ދުބާއީގަ އެވެ.

ލީގުގައި މިވަގުތު އަށް މެޗު ކުޅެގެން އެއްވަނައިގައި އޮތީ ދިއްލީ ކެޕިޓަލްސް އެވެ. އެ ޓީމުން 12 ޕޮއިންޓް ހޯދައިގެން ތާވަލުގެ ކުރީގައި އޮތް އިރު، ދެވަނައިގައި އޮތް ޗެންނާއީ ސުޕަ ކިންގްސްއާއި ރޯޔަލް ޗެލެންޖާސް ބެންގަލޯ ހަތް މެޗު ކުޅެގެން ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.

comment ކޮމެންޓް