އެތުލެޓިކޯގެ ޒުވާން ޓީމުގެ ކޯޗަކަށް ޓޮރެސް

އެތުލެޓިކޯގެ ލެޖެންޑު ފެނާންޑޯ ޓޮރޭސް --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލީގުގެ ޑިފެންޑިންގް ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުގެ ޒުވާން ޓީމުގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ފޯވާޑް ފެނާންޑޯ ޓޮރޭސް ހަމަޖައްސައިފި އެވެ.

އެތުލެޓިކޯ މެޑްރިޑުގެ އެކެޑެމީއިން އައި އެންމެ ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ޓޮރޭސް އަކީ އެކުލަބުގެ ލެޖެންޑެކެވެ. އިނގިރޭސިވިލާތުގެ ލިވަޕޫލާއި ޗެލްސީގައި ވެސް މޮޅު ކުޅުމެއް ދެއްކި ޓޮރޭސް ވަނީ ދެފަހަރެއްގެ މަތިން އެތުލެޓިކޯއަށް 11 އަހަރުވަންދެން ކުޅެފަ އެވެ.

ސްޕެއިނުގެ ކުރީގެ ފޯވާޑް ޓޮރޭސް، 37 ފުޓުބޯޅަ ކުޅުން ހުއްޓާލީ 2019 ވަނަ އަހަރު އެވެ. ކާމިޔާބު ފުޓުބޯޅަ ކެރިއަރަކަށްފަހު އޭނާ އެތުލެޓިކޯގެ ކޯޗިންގް ޑިޕާޓްމެންޓުގައި ތަޖުރިބާތަކެއް ހޯދުމަށްފަހު އަމިއްލަ ސަބަބުތަކާ ހުރެ އެކުލަބުން ވަކިވިކަން އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅެވެ. އެހެން ނަމަވެސް ހަތަރު މަސް ފަހުން ޓޮރެސް އަލުން އެނބުރި އެކުލަބާ ގުޅި، ޒުވާން ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވާކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.

"ފެނާންޑޯ އިޒް ކަމިންގް ހޯމް" އެތުލެޓިކޯގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިއުންކޮޅެއްގައި ބުނެފައިވެ އެވެ.

އެގޮތުން ކުރިއަށް އޮތް ސީޒަނުގެ ޖުވެނައިލް އޭ ޓީމާއި ޓޮރޭސް ހަވާލުވި އިރު، މިއީ އޭނާ ކުޅުން ހުއްޓާލުމަށްފަހު ރަސްމީކޮށް ޓީމެއްގެ ކޯޗަކާ ހަވާލުވާނެ ފުރަތަމަ ފަހަރެވެ.

އެތުލެޓިކޯއަށް 404 މެޗު ކުޅެދީ 129 ގޯލު ޓޮރޭސް ވަނީ ޖަހައިދީފަ އެވެ.

ކުލަބު ލެވެލްގަޔާއި، ގައުމީ ފެންވަރުގައި ވެސް ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދި ޓޮރޭސް ވަނީ އޭނާގެ 18 އަހަރުވީ ފުޓުބޯޅަ ކެރިއަރުގައި ބޮޑެތި ހުރިހާ މުބާރާތްތަކެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫރޯ، ވޯލްޑްކަޕް، ޗެމްޕިއަންސް ލީގު އަދި ޔޫރޮޕާ ލީގު ހިމެނެ އެވެ.

comment ކޮމެންޓް