ކޮންމެ ކަމެއްގައިވެސް ހެޔޮއެދިގެން ގައުމު އިސްކުރަންޖެހޭ: ސިޔާމް

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ ގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ ކަމެއްގައިވެސް ގައުމު އިސްކޮށް ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލާޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ސިޔާމް ފޮނުއްވި ހިތޯބެއްގައި ވިދާޅުވީ މަދު ބައެއްގެ އަމިއްލަ އެދުމުގެ ސަބަބުން މިއަދުވެސް ގައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކުރަމުންދާކަމަށެވެ. އަދި އެއީ ހިތާމަހުރި މަންޒަރެއްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ވަކި ފަރުދެއްގެ މަސްލަހަތަށްވުރެ މި ލޮބުވެތި ދިވެހި ގައުމު މާ ބޮޑުވާނެކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫން. އެހެންކަމުން ކޮންމެކަމެއްގައިވެސް ގައުމު އިސްކޮށް، ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރުމުގައި ދެމިތިބުމަށް އަޅުގަނޑު ގޮވާލަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ މިނިވަންކަމަކީ އަގުހުރި ނިއުމަތެއްކަމަށެވެ. އަދި މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭނެކަމަށާއި އެއީ ގައުމީ، ދީނީ އަދި އިޖުތިމާއީ ޒިންމާއެއްކަމަށްވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

އަދި ގައުމުގެ އެތެރެއިންނާއި ބޭރުން މިނިވަންކަމަށް ކުރިމަތިކުރުވާ ގޮންޖެހުންތަކަށް ސަމާލުވުމަށްވެސް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ.

މިނިވަންދުވަހާ ގުޅިގެން ސިޔާމް ނެރުއްވި ބަޔާނުގައި އެމަނިކުފާނުވަނީ އެމްޑީއޭގެ މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްދުކުރައްވާފައެވެ.

comment ކޮމެންޓް