ދައުރުން ބޭރު މަޖިލިސް ޖަލްސާއެއް ބާއްވަން ރައީސް ނަޝީދު އެދިވަޑައިގެންފި

އޭޕްރީލް 11، 2021: ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ގޮވާލެއްވުމަށްފަހު، ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު ވަނީ މިއަދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހިފާހައްޔަރުކުރުމަށް ގޮވާލައްވާފައެވެ.

އެ މެސެޖުތަކަށްފަހު ރައީސް ނަޝީދު ވަނީ އެ ގުރޫޕުގައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމަނިކުފާނު ބޭނުންފުޅު ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންނެވިކަން އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ޖަލްސާ ބޭއްވުމަށް ތާއީދުކުރައްވަނީ ކިތައް މެމްބަރުންކަމެއް އަދި ނޭނގެއެވެ. މަޖިލީހަށްވެސް އަދި އެކަހަލަ ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަން ނިންމޭނީ ވަކި އަދަދެއްގެ މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް އެގޮތަށް ހުށަހެޅުމުންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެދި ރައީސް ނަޝީދު ވަނީ މިރޭ އޮތް އެމްޑިޕީގެ ގައުމީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައެވެ. އެ ގަރާރު މިހާރު ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފައެވެ.

comment ކޮމެންޓް