ޗޮކްލެޓް ކްރަޝް 29

ޗޮކްލެޓް ކްރަޝް

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ, 'ތިޔަބައިމީހުން މާތްﷲއަށް ބިރުވެތިވާށެވެ. އަދި ދަރިންނާއިމެދު ހަމަ ހަމަޔަށް ކަންތައް ކުރާށެވެ,'". (ސަޙީޙް ބުޚާރީ)

***

މާސްޓަރ ބެޑްރޫމާއި ދިމާލަށް ހިނގައިގަތީ ޒޭވިއާ ގޭގައި ހުރިއްޔާ އެތަނުގައި ވާނެކަމުގެ ޔަގީންކަން ހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. ޒޭވިއާ އޭނައަށް އޮޅުވައިލީއެވެ. ބައްޕަގެ ގެ ވިއްކައިލިކަމަށް ބުނެ ދޮގުހެދީއެވެ. އަމިއްލަ ދަރިފުޅު އޭނައަށް އޮޅުވައިލިވަރު ހިތަށް އެރުމުން ހިތް ފިތިގެން ދިޔަފަދަ ގޮތެއްވެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. އޭނަގެ "ޕްރެޝަސް" އޭނައަށް މަކަރު ހަދާފާނެކަމަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ.

ހީނާއަށް ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ.

ޒޭވިއާގެ އެނދުގައި އަންހެންކުއްޖަކު އަރާމު ނިންޖެއްގައި އޮތްއިރު ޒޭވިއާ ލެޕް ހުޅުވައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. އޭނަގެ މަންމަ ދޮރުމަތިން ފެނުމުން ހުވަފެނެއްކަމަށް ހީކުރެވިފައިވެސް ޒޭވިއާ ލެޕް ލައްޕާލާފައި ތެދުވުނުގޮތަށް ހިނގައިގަތެވެ. އަރާ ހަމަވުމާއެކު ޒޭވިއާގެ ކަންކަށްޓަށް މަންމަގެ އަތުގެ ފިނިކަން އިހުސާސްކުރެވުނެވެ. ދެތިން އެތިފަހަރެވެ. މަންމަ ހީވީ ދުނިޔެއިން މޮޔަވެފައިވާ ހެންނެވެ. ޒޭވިއާ ކަންބޮޑުވީ މަންމަގެ އެ ވަރުގަދަ އިހުސާސްތަކާއި މެދުގައެވެ. އެ އިހުސާސްތަކުން މަންމައަށް ގެއްލުމެއް ވެދާނެއެވެ. ޝޮކަކަށްވެސް ހިނގައިދާނެއެވެ.

"މަންމާ. ބްރީތް....ޓޭކް އެ ޑީޕް ބްރީތް...އައިމް ސޮރީ. އައިމް ސޯ ސޮރީ......." ޒޭވިއާ މަންމަގެ ކޮނޑުގައި ހިފެހެއްޓިއެވެ. ގަޔާއި ކައިރިކުރަން އުޅުނެވެ.

"ވާހަކަ ނުދައްކާ....." ހީނާ ޚާން ކަރުތެރެއިން ނުކުތީ އެހެން މީހެއްގެ އަޑެކެވެ. އެ އަޑު ބަރުވެފައި ބިރުވެރިއެވެ.

ޒޭވިއާއަށް އޭނަގެ މަންމަގެ ރުޅީގެ ގަދަފަދަކަން އަންދާޒާ ކުރެވުނެވެ. އޮޅުވައިލެވޭކަށްވެސް ނެތެވެ. ނަހަލާލު ގުޅުމަކަށް އަރައިގަނެގެން އުޅޭ ވާހަކަވެސް ބުނާކަށް ނުކެރޭނެއެވެ. މަންމަގެ ލޮލުން ހުރިހާ މަންޒަރެއް ދެކެފިއެވެ. އެހެންނޫންނަމަ އެކުވެރިއެކޭ ކިޔާފައި ދޮގުހެދިދާނެއެވެ. ދެން ޖެހުނީ އަނެއް ދޮގު ހަދާށެވެ. މަޖުބޫރުވީއެވެ.

"މަންމާ. އައިމް ސޮރީ މަންމަ ގާތު ނުބުނެވުނީމަ. އެއީ އަޅުގަނޑުގެ ވައިފް..ހިލޭ މީހެއްނޫން. މަންމަ އަޒާލިއާއައި ކައިވެނި ކުރަން އެދުނީމަ އަޅުގަނޑަށް ހަގީގަތް ހާމަ ނުކުރެވުނީ.. އޭރުވެސް އަޅުގަނޑު ކައިވެނިކޮށްފިން................" ދާލިއާއަށް އަންބެއްގެ މަގާމު ދީފައި ނުވާއިރުވެސް ޒޭވިއާއަށް ޖެހުނީ މަންމައަށް އޮޅުވައިލާށެވެ. ނަހަލާލު ގުޅުމެއްކަން އެނގިއްޖެއްޔާ އަދި ވަކިން ބޮޑަށް މަންމަގެ ހިތަށް އަސަރުކުރާނެއެވެ.

ހީނާ ޚާންގެ ލޮލުގައި ދެން އަޅައިގަތީ މޭޒުމަތީގައި ހުރި ރާފުޅިއެވެ. ތުނި ބިއްލޫރިތަށްޓެއް ކައިރީގައި ހުރުމުން ހީނާ ޚާންއަށް ދެތިން ނޭވާ ފުންކޮށް ލެވުނެވެ. އެވަރުންވެސް އެދިޔަ ބާރުމިނުގައި އެފުޅި ބިންމައްޗަށް ޖެހިއެވެ. އެނދުގައި ފުން ނިދީގައި އޮތް ދާލިއާ ހޭވެރިކަންވެ ރަޖާގެ ދަށަށް ދެމިގަތީ ލޯ ތަންމިނަށް ބޮޑުކޮށްލަމުންނެވެ. ހީނާ އެނދާއި ދިމާލަށް ޖެހިގަތީ ސިންގާއެއް ފުއްލާއަކަށް ހަމަލާދިން ފަދައަކުންނެވެ.ރަޖާގަނޑު ދަމައިގެންފާ އެކުއްޖާގެ ގައިގާ ދެއަތުން ތަޅައިގަތްއިރު އަތުގެ ބުރު ހެކަ ނާޅައެވެ. ދާލިއާއަށް އަމިއްލަ ނަފްސު ދިފާއު ކުރަން އަތް އުފުލައިލިއިރު ބިރުންގޮސް ރޮވޭގޮތްވެއްޖެއެވެ. ހީނާ އޭނަ ދަމާ ކޫއްތާ ވައްޓައިލަން އުޅުނުއިރު ޒޭވިއާ އެދެމެދަށް ވަނެވެ.

ޒޭވިއާ ދާލިއާއަށް ލޮލުގެ އިޝާރާތުން އެންގީ އެތަނުން ނުކުތުމަށެވެ. ނިދާހެދުމުގައި އެ ލޫޅާފަތި ކުއްޖާ ފެނުނުއިރު އިސްކޮޅާއި ރީތިކަމުން ޒޭވިއާއަށްޓަކާ ހައްދަވާފައިވާފަދައެވެ.

ދާލިއާގެ ލޮލުގައި ކަރުނަ ވިދަ ވިދާ ހުރިއިރު ތުންފަތްވެސް ރޫރޫއަޅައެވެ. ޒޭވިއާގެ ހުއްދަ ލިބުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ބޭރަށް ދެމިގެންފިއެވެ.ހީނާ އަށް ހުރިތަނަށް ތިރިވެވުނީ ހަށިގަނޑުން ވަރު ދޫވެގެންނެވެ. އެތެރެހަށީގައި އުފެދިފައިވާ ރުޅިވެރިކަން އެ އަމަލުންވެސް ހާމަކޮށްދިނެވެ.

"އެ ސްޓްރޭންޖާ ގާލް މަށަށް ވުރެ މުހިއްމުވީ؟"

"މަންމާ...އެހެނެއް........."

ހީނާ އިނގިލި އުފުލައިލަމުން ޒޭވިއާ ވާހަކަދެއްކުން މަނާކުރިއެވެ.

"ދީނުގައި ލެއްވިހާ ހަރާމްކަމެއް ހުއްދަކޮށްގެން މިގެ ބުދު ފައްޅިއަކަށް ހެދީތަ؟ ޒޭވިއާގެ ހުރި ގޯސްކަން ބަލައިލަބަލަ. ތިމާ ހެއްދެވިފަރާތަށްވެސް މަކަރުހަދަނީ. އެކަހަލަ މީހެއް މަންމައަށް އޮޅުވައިލުމަކީ ގަބޫލުކުރެވޭކަމެއް. ޒޭވިއާގެ އިހުސާންތެރިކަމެއްވެސް ނެތެއްނު. މީހުންނަށް އެހެން މޫނެއް ދައްކާފައި.......ސުބުހާނަﷲ.." ހީނާ ޚާން ދެއަތަށް ބޯ ހޫރައިލިއެވެ.

"ނޯއާއާއި ދިމާލަށް މިއޮތް ހުރިހާ ދުވަހު އެއްޗެހި ކީއިރު ހަގީގީ ފިރިހެން ދަރިއަކީ އެއީ. މަންމައަކު ފަޚުރުވެރިވާންޖެހޭފަދަ ޖަވާހިރެއް. އަހަރެންވެސް ޒޭވިއާއާއިމެދު ހާދަ ފަޚުރުވެރިވީމޭ.ހާދަ އުއްމީދެއް ކުރީމޭ. ކުރިންވެސް ދީނަށް އަހުލުވެރި ނޫންކަން އެނގޭ. އެކަމަކު ބޭބެގެ ބޮލަށް އެރިގެން އަޒާލިއާއާއި ކައިވެނި ކުރުވީ އެކުއްޖާގެ ސޯލިހުކަމުގެ އަސަރުކޮށްފާނެތީ. އޭރު ނޭގުނު ޒޭވިއާ މިހާ ކުރީގައި ކަމެއް އުޅެނީ. އެކަމަކު އެގޯސް ހެދިއްޖެ. މިއަދު ބޭބެ އެހާލުގައި އޮތީތީ ހިތާމަކުރިޔަސް އަހަންނަށްޓަކާ ކޮންމެވެސް ވަރެއްގެ ރަގަޅަކަށް މިވަގުތު އެހެން އެވީ. ބޭބެއަށް އެނގިއްޖެއްޔާ ލަދުން މީހެއްގެ މޫނަށް ބަލަން ކެރޭނެތަ؟ އަހަރެން ހާދަ ވަރަށޭ ޒޭވިއާ ނަންކުރީ. ހާދަ ވަރަށް ނޯއާއާއި އަޅާ ކީމޭ. އޭރު މާހިރާ ހުރީ ކިޔާނެ އެއްޗެއް ނޭނގި ލަދުން. ނޯއާގެ ކަންނެތްކަމާއި ޅަކަމާއި މައުސޫމްކަމަކީ ބޮޑުވީވަރަކަށް އަމިއްލައަށް ރަނގަޅުކުރެވޭނެ ކަންތައް. އެހެންވެ ނޯއާ މިއަދު އިސްލާހުވެގެން އޭނަގެ މަންމަމެންނަށްޓަކާ ހަރުދަނާ ވާން މަސައްކަތްކުރީ. އެވެސް ދީނަށް ލޯބިކޮށް އަޅުކަން ކުރަމުން. ފޮނިކަމުގެ ޒައްރެއްގެ މިންވަރުވެސް އެމޫނަކުން ނުފެންނާނެ. ޒޭވިއާ މިއަދު އަހަރެންގެ މޫނުމަތީ ކޮޅުފައިން ޖަހައިފި....."

ހީނާ ޚާންގެ އަޑު ކުރެހިއްޖެއެވެ.

"މަންމާ..އަޅުގަނޑަށް މާފު....." ޒޭވިއާ އިސްޖެހިއެވެ.

"އަހަންނަށް އެނގިއްޖެ. މައިންބަފައިންގެ ހިތުގައި ޖެއްސުމުގެ ސަޒާ އެމީހަކަށް ކޮންމެވެސް ޒަމާނެއްގައި ލިބޭނެ. ދުނިޔޭގައި ނުވިއްޔާ އާޚިރަތްދުވަހު. އަހަންނަށް މިލިބުނީ އެކަމުގެ ސަޒާ. އަހަރެން ޒޭވިއާގެ ބައްޕަ ކްރިސްޓިއަނެއްކަން އެނގިހުރެ ދޫނުކޮށް މައިންބަފައިންގެ ނުރުހުމުގައި އެކަން ކުރިއަށް ގެންދިޔައީ. އޭރު ވިސްނީ އަމިއްލަ ނަފުސަށް. މުސްތަގުބަލާއި ދަރިންނާއި ދޭތެރެއަކު ނުވިސްނަން. އަހަރެންގެ ދެކޮޅުހެދުމާއި ބޮޑާކަމުގެ ސަބަބުން މައިންބަފައިން އެންމެފަހުން އާއެކޭ ބުނީ. ހިތާއި ދެކޮޅަށް. އެމީހުން ބުނިގޮތަށް ބުނީ މީހަކާއި ކައިވެނި ކުރިނަމަ މާ ރަގަޅުވީސްކަން ނޭގޭ. އަހަރެންގެ ދަރިން މިތާ އުޅެ ބޮޑުވީމަ މި މާހައުލުގެ އަސަރުކޮށްފި. އަޅުވެރި ސޯލިހަކާއި ކައިވެނިކުރަން ދީންގައި އޮތީ އެހެންވެ.މިއަދު މިޖެހުނީ އެކަމާއި ހިތާމަކޮށް ކަރުނަ އޮއްސަން. މަގޭ ދަރިންގެ ދީނުގެ ކަންފުޅެއްވެސް ނެތް................" ހީނާ ޚާންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަދި ތެދުވެގެން ގޮސް ސޯފާގައި އިށީދެއްޖެއެވެ.

"މަންމާ......" ޒޭވިއާ އެއްޗެކޭ ބުނަން އުޅުނެވެ.

"މަށަށް މަންމަ ނުކިޔާތި...." ހީނާ ޚާން ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. ދެވަނަ މިނިޓުގައި ޒޭވިއާ އޭނާގެ މަންމަގެ ފައިބުޑަށް ތިރިވެ އުނގުގައި ބޯ އަޅައިލިއެވެ. އޭނައަށް އަނގައިން ނުބުނެވުނެވެ. އެކަމަކު ކަރުނަތިކިތަކުން ހީނާ ޚާންގެ ހެދުން ތެމެމުން ދިޔައެވެ. ދަރިފުޅުގެ އެ ކަރުނަތަކުން ހީނާ ޚާންގެ ރުޅިވެރިކަން ނެތި ކުލުނާއި ލޯބި ކުރި ހޯދައިފިއެވެ. އަމިއްލަ މޭގެ އެތިކޮޅުގެ ކަރުނަތަކުން އޭނައަށް ސިހުރު ހަދާ ކަފަކޮޅެއްހެން އެ ހިތް މަޑުކޮށްލައިފިއެވެ. ނަމަވެސް އެކަން އެހާ ފަސޭހައިން އޭނާ ދައްކާނުލާނެއެވެ.

"އެންމެ ރަގަޅު ޒޭވިއާ. ބުނެބަލަ ޒޭވިއާ ހަދާނެގޮތެއް؟"

"ކުށްވެރިއަކީ އަޅުގަނޑު. ދާލިއާގެ ކުށެއް ނެތް. އޭނަ މިވަގުތު ދޫކޮށްލައިފިއްޔާ ވަރަށް ބޮޑު އަނިޔާއަކަށް ވާނީ. އެކަމަކު މަންމައަށް ޓަކައި..........." ޒޭވިއާ މަންމަގެ ފަސްބައިން މޫނު ފޮހެލުމަށްފަހު އިސްއުފުލާލައިފިއެވެ.

"ކޮބާ އެކުއްޖާގެ އާއިލާ؟"

"އެމީހުންނަކަށްވެސް ނޭގޭނެ. ދާލިއާގެ އާއިލާއިންވެސް އަހަންނާއި ގަބޫލެއްނުވާނެ. ސަބަބަކީ........." ޒޭވިއާގެ ޖުމްލަ މެދުކެނޑުނެވެ. ސަބަބު ބުނެފިއްޔާ އަނެއްކާ މަންމައަށް ޝޮކެއް ލިބިދާނެއެވެ.

"އެންމެ ރަގަޅު. ކޮންމެ ސަބަބަކާއިހުރެވެސް އެހެން އާއިލާއެއް މިދޭތެރެއަށް ނުވަން ކަން ރަގަޅު......" ހީނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޒޭވިއާ ކުރި ކުށަށް އެހާ އަވަހަށް މާފުދިނުމުން އިސްލާހު ވުމުގެ ބަދަލުގައި ދެވޭ ހިތްވަރަކަށް ވެދާނެއެވެ." ޒޭވިއާ. ޒޭވިއާ އަހަރެންގެ ހިތުގައި ޖައްސައިފި. ވަރަށް ބޮޑަށް. ބޭބެ މިއަދު އެހާލުގައި އޮތަސް ރަގަޅުވެ ހަގީގަތް އެނގުނު ދުވަހަކުންވާނީ ކިހިނެއް؟ އަޒާލިއާ ފިޔަވާ އެހެން އެއްވެސް އަންހެނަކު ޅީދަރިއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ. ވީމަ އެ އަންހެނާ ޒޭވިއާ ދުނިޔެއަށް ފޮރުވާފައި ބަހައްޓާ. ދުނިޔެއަށް ޒޭވިއާގެ އަންހެނުން ކަމުގައި ދެކެވޭނީ ހަމައެކަނި އަޒާލިއާ..އެނގިއްޖެތަ؟ ނޫނީ ޒޭވިއާއަށް ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު. އަޒާލިއާގެ ހުރިހާ ޒިންމާއެއް ވެސް ނަގާ. އޭނައަށް ހަރަދުކޮށް ބަލަހައްޓާ ހުރިހާ ކަމެއް ކުރަން ޖެހޭނީ ހަމަ ޒޭވިއާ. ނޫނީ މި ހިތް ދުވަހަކު ހެވެއް ނުވާނެ. ހާދަ އުއްމީދާއެކު ތި ކައިވެންޏެއް ކުރުވީ. ހާދަ ފަހުރުވެރިވީމޭ. ހިޔެއް ނުކުރަމޭ އަހަރެންގެ ފިރިހެންދަރި އޮޅުވާލަފާނެކަމަށް. އެއްގޮތަކަށްވެސް ޒޭވިއާގެ ތިބުނާ އަންހެނުން ބަލައިގަނެވޭކަށް ނެތް. އޭނަ ގާތުވެސް އެހެން ބުނޭ. އޭނަ ހުރިއްޔާ އަހަރެން މިގެއަކު ނޫން ހުންނާނީ......"

"ކޮންތާކަށް މަންމަ ދެން ދާނީ؟" ޒޭވިއާ ހާސްވިއެވެ.

"އަހަރެން ދާ ތަނެއް ޒޭވިއާއަށް މުހިއްމުވާން ވީ ސަބަބެއް ނެތް. އަހަރެން ވީ ލޯތްބާއި ވީ ގުރުބާނީ ޒޭވިއާއަށް އަގުހުރި އެއްޗަކަށް ވީނަމަ މިފަދަ ދުވަހެއް ނުދައްކާނެ....." ހީނާ ގަދަކޮށްލައިފިއެވެ.

ޒޭވިއާގެ ކަރުނަތަކުން ހީނާއަށް ޔަގީންވީ ދަރިފުޅުގެ ހިތުގައި އޭނައަށްޓަކާ އޮތް ލޯތްބެވެ. މަންމަގެ އުފާތައް ވެސް އޭނައަށް މުހިއްމުކަމެވެ. ޔަގީނުންވެސް އެއީ ދެއްކުންތެރި ކަރުނަ ނޫންކަން މަންމައެއްގެ ހައިސިއްޔަތުން ދެނެގަނެވުނެވެ. މައިމީހާއަށް އެނގޭ ވަރަށް ދަރިފުޅުގެ އިހުސާސްތަށް އެނގޭނީ އެހެން ކޮން އިންސާނަކަށް ހެއްޔެވެ؟

ހީނާ އެގެއިން ނުކުމެގެން ގޮސް ކާރަށް އެރިއިރު އެ ބީރައްޓެހި އަންހެންކުއްޖާގެ ބިރުގެންފައިވި ލޯ އޭނައަށް އުދަގޫކުރިއެވެ. އެފަދަ ގޮތަކަށް އެކުއްޖާގެ ގަޔަށް އަތްލެވުނީތީ އުނދަގޫ އިހުސާސެއް ކުރެވުނެވެ. ނަމަވެސް އަމިއްލަ ފިރިހެންދަރިފުޅުގެ ގެއިން ބީރައްޓެހި އަންހެނަކު ފެނުމުން ކޮންމެ މަންމައަކަށްވެސް އަމަލުކުރެވޭނީ އެފަދަ ހަރުކަށިކޮށް ނޫންހެއްޔެވެ؟ އަދި އެވެސް ރަލާއެކުގައެވެ. ރަލާއެކު ހިލޭ ފިރިހެނެއްގެ ކައިރީގައި މާތް އަންހެންކުއްޖަކު ރޭތައް ވޭތުކޮށްލާނެކަމަކަށް އޭނަގެ ޟަމީރު ގަބޫލެއްނުކުރެއެވެ. ނަމަވެސް އޭނާ އެކަމާ ހިތާމަކުރިއެވެ. އެގޮތަށް އަމަލު ކުރެވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ.

***

އެ ހާދިސާއަށް ހަފްތާއެއް ވީއިރު ދާލިއާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިއްޖެއެވެ. ޒޭވިއާގެ މަންމަގެ ހަރުކަށިކަމާއިމެދު ފުރަތަމަ ކުރި އަސަރު ފަހުން ފިލައިގެން ދިޔައީ ޒޭވިއާ ވިސްނައިދީގެންނެވެ. މަންމަމެންގެ ދީނީ ފިކުރު ހުންނަގޮތުން ހިލޭ އަންހެނަކު ޒޭވިއާގެ އެނދުން ފެނުމާއި ކޮޓަރިން ރާ ފުޅި ފެނުމުން މަންމަގެ ނަފްސު އަތުން ދޫވީއެވެ. މަންމަގެ ފަރާތުން އޭނަވެސް ދުވަހަކު ދުށް ޒާތެއްގެ ރުޅިގަނޑެއް ނޫނެވެ. މަންމަ އޭނައަށް މާފުދޭކަށްވެސް ބޭނުމެއް ނުވިއެވެ. މަންމަގެ މާފާއި ނުލާ އޭނަގެ ހިތުގެ ހަމަޖެހުން ވަނީ ނެތިފައެވެ.

ދާލިއާ ފެންޑާގައި ކުރިކާލި ކަނޑަން ހުރިއިރު އަތުގައި އޮތް މަލުގެ ފިޔަތައް ނައްޓަމުން ދިޔައެވެ. ލައިގެން ހުރި ޖެކެޓްގެ ކުލަ މޫނަށް ވެރިވެފައިވާއިރު ފިނީގެ ސަބަބުން ކޯތަފަތައި ނޭފަތުގެ ކުރި އިތުރަށް ރަތެވެ. ލާ ކޮންމެ ނޭވާއަކާއެކު އާވިތައް އަރައިގެންދަނީ އެތެރެހަށީގެ ހޫނުކަން ކަނޑުވާދެމުންނެވެ. ޒޭވިއާ ކާރުން ފައިބައިގެން އައި މަންޒަރު ބަލަން ހުރިއިރު އެމޫނުގައި ހިނިތުންވުމެއް ނެތެވެ.

"ކޮންތާކުން ތިއައީ ލަވް.." ދާލިއާ ސުވާލުކުރިއެވެ.

"ވެލް......"

"ޑޭޓަކަށް ޖައްސައިލީތަ؟" ޒޭވިއާގެ ލޮލަށް ވެރިވި ކުލަވަރު ފެނުނުކަމަށް ނަހަދާ ހިނިގަނޑެއް ޖަހާލައިފިއެވެ. މިއޮތް ބޮޑު ލަންޑަނުން އޭނަ ދިޔަތަނެއް ދާލިއާއަށް އެނގުމުގެ އޮތީ ކުޑަ ސައްތައެކެވެ. އެކަމަކު ދޮގު ހަދާ އޮޅުވާލުމަށްވުރެ މިފަހަރު ތެދެއް ބުނުމުން ބޮލަށް ފަސޭހަވާނެއެވެ.

"އެންމެ ކުއްޖެއް ނޫން. ދެ ކުދިންނާއެކު. މަންމަ އާއި ބައްދަލުކުރަން އެގެއަށް ދިޔައިރު ފުރައިފި އެކަމަކު އަންކަލްގެ ދަރިން ވީމަ ކޮފީއަކަށް ގެންދިޔައީ......................" ޒޭވިއާ އިސްތަށިގަނޑުން ސްނޯ ފޮޅާލަމުން ދާލިއާއަށް ނަޒަރު ހުއްޓައިލިއެވެ. ދާލިއާގެ ހިތް ވިރިއްޖެއެވެ.

"ޑޯންޓް ބްރޭކް މައި ހާޓް އެވަރ ކިރިޔާނު ހިތް ނުހުއްޓުނީ..." ދާލިއާ ޒޭވިއާގެ އަތުގައި ހިފަހައްޓާފައި ފިނިވެ ގަނޑުފެންގަނޑަކަށް ވެފައިވާ އަތްތިލައިގާ ތުންފަތް ޖައްސާލިއެވެ. "ކޮބާ ގްލަވްސް. ބުނަމެއްނު ފިނިވިޔަނުދޭށޭ. ބަލިވެދާނެއޭ. އައި ރިއަލީ ހޭވް ދިސް ފިއާ ޔޫ ނޯ....މަގޭ ހިތަށް ގެއްލުމެއް ވެދާނެ މައި އެންޖަލް..ހިނގާ ހޫނު ހޫނު ކޮފީއެއް ބޯން. ފަޔާ ޕްލޭސް ކައިރީ..."

ޒޭވިއާގެ ހިތާމަތައް އޭނާ ފޮރުވިއެވެ.

ދާލިއާ ފަދަ ލޯބިން ހިތް ފުރިފައިވާ އަންހެންކުއްޖަކު ހިތުގައި ޖައްސާކަށް އޭނައަށް ނުކެރޭނެއެވެ. އޭނާގެ ހިތާމައާއި ކަރުނަތައް ސިއްރުކުރަމުން ދާލިއާއަށް ލިބުނު ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމުގައި އޭނަ އެހީތެރިވެދޭނެއެވެ.

***

ޒޭވިއާ ހިތާމަތައް އެއްފަރާތްކޮށްލަން ގިނަވަގުތު ހޭދަކުރީ ނައިޓްކްލަބްގައެވެ. ރަލާއި ސިގްރެޓާއި ކޮފީގެ ތެރެއަށް ހިތާމަތައް ގަންބާލައިގެންވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ވަގުތީ ރާހަތްތަކަކީ ދާއިމަށް ލިބޭ އަރާމެއް ނޫނެވެ. ހިތުގެ ހަމަޖެހުމަކީ ކޮބައިކަން އަދި ޒޭވިއާއަށް ނޭގެނީއެވެ. އެންމެފަހުން އެކުވެރިޔާއަށް ގުޅައިލިއެވެ.

"އެރިކް.މަމް ކޯޓް މީ ރެޑް ހޭންޑެޑް ވިތް ދާލިއާ....."

އަރްކާންގެ ފަރާތުން ނަފްސާނީ އެހީތެރިކަމާއި އަޅައިލުން ޒޭވިއާއަށް ލިބުނުއިރު އޭނަގެ ހާލަތު ސިއްރުކުރިއެވެ. އަނާ ގެއްލުނު ޚަބަރު ބުނެފިއްޔާ އަމިއްލަ އެދުން ބޮޑުމީހަކަށް ނޫނީ ނުވާނެއެވެ. އޭނަ ހުރީ ޒޭވިއާގެ އެހީތެރިކަން ހޯދުމަށެެވެ. އެ އާއިލާގެ ކުއްޖަކަށް ވުމުން ކޮންމެ ތަނެއްގައި ފިލާ ހުއްޓަސް ފަސޭހައިން ހޯދައިގަނެވޭނެ މީހަކީ ހަމަ ޒޭވިއާއެވެ. ނަމަވެސް އިހަށް ޒޭވިއާ ހަމަޔަކަށް އެޅެންދެން އޭނަ މަޑުކޮށްގެން އަމިއްލައަށް މަސައްކަތް ކުރުމުން ގޯހެއްނެތެވެ.

"އަހަރެން ވަރަށް އަވަހަށް ތިކޮޅަށް ދާނަން..."

"ދުނިޔޭގައި ހުއްޓާ އަންނައްޗޭ..."ޒޭވިއާ ބުނިގޮތުން ހީވީ މަރުވާންވެސް އޭނަ ޚިޔާލުކޮށްފައިވާ ހެންނެވެ.

***

ކަޒްޔާއަށް ލިބިފައިވާ އުފާވެރިކަން އޭނަގެ ދެލޮލުން ފައުޅުވާން ހުއްޓެވެ. ބަބްލްސް މޫނުގައި ޖައްސާ ބާރުކޮށްލިއިރު ހިތް އާސްމާނުގައި އުދުހެނީއެވެ.

"ލަވްއަށް އެނގޭތަ؟އަަހަރެމެން އެންމެ ލޯބިވާ މީހުންނާއި މީޓްވަނީ. ޔޫ ވޯންޓެޑް ޓު މީޓް ދޯސް ލަވިން ސޯލްސް؟އުފަލުންގޮސް ބަބްލްސް މޮޑެލުން ނޫން ކަމެއް ކުރާކަށް ނޭގޭ....މޮޑެމުންގޮސް ގެއަށް ދާންވާއިރަށް ޓޮމްހެން ފްލެޓް ނުވެއްޖެއްޔާ ރަގަޅު..މަގޭ ފްލަފީ ސްނޯކޮޅު....ލަވް ޔޫ."

ކަޒްޔާ ކާރަށް އަރާ ހަމަޖެހިލުމުން އަރްކާންވެސް ގާތުގައި އިށީނެވެ. އެ ތޫނު ލޮލާއި ލޯ ބައްދަލުވުމުން ކަޒްޔާ ފިނިވިއެވެ. އަރްކާންއަކީ ދޮންބެކަމަށް ދެކި ލޯބި އުފައްދަން މަަސައްކަތްކުރާއިރުވެސް "ގާތިލު" އެ ލަފުޒު އެހުރިހާ އިހުސާސްތަކަށް ގަނޑުފެން އަޅައިލާ ލޯބީގެ ބަދަލުގައި ހިތުގައި ބިރުވެރިކަން އުފައްދަނީއެވެ. އޭނައަށް އަރްކާން ފެނުމުން ސިހެނީއެވެ. ބިރުގަންނަނީއެވެ. ނަވާބު މަނިކު ފަދައިންނެވެ. އެލޮލަށް ނުބަލަން އޭނަ އަބަދުވެސް މަސައްކަތްކުރެއެވެ. މިފަހަރުވެސް ބަލައިލެވުނީ އޮޅިގެންނެވެ.

"ވަޓް؟" އަރްކާން އެހިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު