އިނގިރޭސީންނަށް "ބިރުދައްކަން" ދިވެހީން ހެދި "މަނަވަރު"ގެ ވާހަކަ

ޖުލައި 25، 2021: އައްބާސް އިބްރާހިމް ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދިވެހީންގެ ކިބައިގައި ހުރި ނުލަފާކަމާއި ގޮތްދޫނުކުރާކަން އިނގިރޭސީންނަށް ހަމަ ރަނގަޅަށްވެސް އިހުސާސްކުރެވޭނެ, ދޮގެއްތޯ."

މިއީ މީގެ 60 އެއްހާ އަހަރު ކުރީގެ ހަނދާންތަކުގެ ފޮތް ހުޅުއްވާލައްވަމުން ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމްގެ ބަސްކޮޅެވެ. އައްބާސް މި ކިޔައިދެއްވަން އުޅުއްވާ ހާދިސާއިން ހަމަ ޔަގީނުންވެސް ހާމަވަނީ ދިވެހީންނަކީ ގައުމީ ރޫހުން ފުރިގެންވާ ބައެއް ކަމެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ "ޕްރޮޓެކްޓޮރޭޓް"ކަމުގެ ހިމާޔަތުގެ ދަށަށް 1887 ވަނަ އަހަރު ގެންދިޔައީއްސުރެ ރާއްޖޭގެ ހާރިޖީ ކަންކަން މުޅިންހެން ކޮންޓްރޯލުކުރަމުން ދިޔައީ އެމީހުންނެވެ. އެވަރު ނުވެގެން ދާހިލީ ކަންކަމާ ބެހުމަށް ވެސް މަސައްކަތް ކުރިއެވެ. މި ކަންކަމާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ނެރެ, ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ރާއްޖޭގެ ރައްޔިތުން ކުރަމުން ދިޔަ ކަންތައްތައް އެންމެ ގާތުން ދެކެވަޑައިގަތް އެކަކީ އައްބާސް އިބްރާހީމެވެ. އޭނާއަކީ 1960 ގެ އަހަރުތަކުގައި މާލޭގެ އެންމެ ހިންގުންތެރި އެއް ޒުވާނާއެވެ.

މިނިވަންކަމަށް ރާއްޖެ ކުރި ދަތުރުގެ ތެރެއިން މާލޭގައި އިނގިރޭސީންނާ ދެކޮޅަށް އެތައް ކަމެއް ކުރިއެވެ. އަދި 1960 ގެ އަހަރުތަކުގައި އިނގިރޭސީންނަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހަރަކާތްތައް ވެސް ފެށިއެވެ. އެމީހުންގެ މަންދޫބުންނަށް "ޖެއްސުން"ކޮށް އުނދަގޫކުރުމާއި އަދި އެމީހުންނާ ދެކޮޅު މުޒާހަރާތަކެއް ވެސް ކުރެވުނެވެ.

ރާއްޖެއަށް 1958 ގައި ފޮނުއްވި އިނގިރޭސި ސަފީރު އާތިންގްޓަން ޑޭވީ, މުލީއާގޭގައި ހުންނެވުމަށްފަހު ފަހުން ބަދަލުވީ ކ. ދޫނިދޫއަށެވެ.

ނަމަވެސް ދިވެހީންގެ އަޒުމު މާ ވަރުގަދައެވެ. ސަފީރު ޑޭވީއާ ދެކޮޅަށް ދިވެހި އަންހެނުން ނުކުމެ, 1962 ނޮވެމްބަރު 16 ގައި މުޒާހަރާކުރިއެވެ. އަދި އެއްދުވަހަކު އަންހެނުންތަކެއް ދޯނިތަކެއްގައި މާލެއިން ފުރައި "ޑޭވީ މޫދަށް ލުމަށް ޓަކައި" ދޫނިދޫއާ ދިމާލަށް ދިޔައެވެ.

މަނަވަރުގެ ހަރަކާތް ފެށުނީ އެހިސާބުންނެވެ. އޭގެ ފަހުން ދޫނިދޫގެ ބަނދަރުގައި އިނގިރޭސި މަނަވަރެއް އަބަދުވެސް އޮވެއެވެ.

"އެކަން ހިނގި ދުވަހުގެ އަނެއްދުވަހު ހެނދުނު މި އަންނަނީ އިނގިރޭސި މަތިންދާބޯޓެއް. އައިސް ވަރަށް ތިރިން ދުއްވާލީ. އަޅުގަނޑުމެން ވަރަށް ބިރުގަތް. ދެން މެންދުރު މަނަވަރެއް އައީ. މަނަވަރެއް އައިސް މަނަވަރު އޮތީ ދޫނިދޫ ބޭރުގައި. އަޅުގަނޑުމެންނަށް އަނެއްހެން ކުރެވޭނެ މާބޮޑުކަމެއް ނެތް, ދޮގެއްތޯ. އެމީހުން ހަމަ އެންމެ ބަޑިއެއް ޖައްސާލިޔަސް އަޅުގަނޑުމެންގެ ދުވަސް ދިޔައީ, ދޮގެއްތޯ," އައްބާސް ވިދާޅުވިއެވެ.

ދެން ދިވެހި ޒުވާނުން ދައްކާލީ އެމީހުންގެ ފަންނުވެރިކަމާއި ޖެހިލުންކުޑަކަމެވެ. ދޫނިދޫ ބަނދަރުގައި އޮންނަ މަނަވަރުގެ ނަކަލެއް މާލޭގެ ތޮށިމަތީގައި ހަދަން ފެށީއެވެ.

ޖުލައި 25، 2021: އައްބާސް އިބްރާހިމް ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދެން އެހެން ހަދަމުން ދިޔަ ދުވަސްވަރު އިނގެރޭސީންނަށް ޖެއްސުން ކުރަންވެގެން އަޅުގަނޑުމެން ކުރިކަމެއް މިއީ. މަނަވަރެއް [ހެދީ] ގޯނިން. ދަނޑިން ހަމަ ހަދާފަ، ގޯނި އޭގަ ޖަހާފަ އަޅުގަނޑުމެން މި ދަވާދުލަނީ. އަސްލު މަނަވަރާ އެއް ސައިޒަކަށް ވެސް ނޫން. އެއް ސައިޒެއް ނުވެސް ހެދޭނެ, ދޮގެއްތޯ. އޭގަައި އަޅުގަނޑުމެން ހަމަ ނަމެއް ވެސް ޖަހާލާފައި އޮންނަނީ އިނގޭތޯ," އައްބާސް ވިދާޅުވިއެވެ

މިގޮތުގައި ކަންކަން ދަމުން ގޮސް ދޫނިދޫއަށް އިނގިރޭސީންގެ އިތުރު މަނަވަރެއް އައިކަމަށް އައްބާސް ވިދާޅުވިއެވެ. އަދި އެފަހަރު އައި މަނަވަރަށް ކިޔަނީ "އެޗްއެމްއެސް ބްލެކްޕޫލް" ކަމަށް ވިދާޅުވިއެވެ.

"އެހެން އޮތީމާ އަޅުގަނޑުމެން ހަދާފައޮތް މަނަވަރުގެ ނަމަކަށް އަޅުގަނޑުމެން ޖެހީ 'އެޗްއެމްއެސް ވައިޓް ފޫލް'. މިގޮތުގައި ގާތްގަނޑަކަށް އެއް މަހާ ދިހަ ދުވަސް ދިޔަ," އައްބާސް ޒުވާން ދުވަސްވަރު ހިނގި ރާއްޖޭގެ މިނިވަންކަމުގެ އެކްޓިވިޒަމްގެ ހަނދާންތައް ހިއްސާކޮށްދެއްވިއެވެ.

މި މަނަވަރެއް ހެދުމަށް އެންމެ އިސްކޮށް އުޅުނު ދިވެހީންނަކީ އޭރު ވިއްސަކަށް އަހަރުގެ އައްބާސްއާއި އޭނާގެ ބައްޕާފުޅު އިބްރާހިމް ދޮންމަނިކު (ތުޅާދޫގޭ ދޮންމަނިކު)އެވެ. އޭގެ އިތުރުން ކޮނޑޭ ތުއްތުމަނިކު, މާވާ މުހައްމަދުމަނިކު, ހީނާ ތުއްތުމަނިކު އަދި ސަރުދާރު ދޮންމަނިކު ވެސް މިކަމުގައި އިސްކޮށް އުޅުއްވިއެވެ.

ޖުލައި 25، 2021: އައްބާސް އިބްރާހިމް, އޭނާގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުންގެ ފޮޓޯތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަހުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ފަދަ މަގާމުތައް އަދާކުރެއްވި އައްބާސް ވިދާޅުވި ގޮތުގައި, 1960 ގެ އަހަރުތަކުގައި މިނިވަންކަން ހޯދުމަށް ހިންގި ހަރަކާތްތަކަކީ ހަގީގީ ގައުމީ ރޫހުގައި, މިނިވަންކަން ހޯދުމަށް އެދިގެން ހިންގި ހަރަކާތްތަކެކެވެ.

"އަޅުގަނޑު އުފަލާއެކީ ދަންނަވަން ބޭނުން އެއްވެސް ކަހަލަ ފައިސާއެއް، އެއްވެސް ފަރާތަކުން އެއްޗެއް ދީގެންނެއް ނޫން މި ހަރަކާތް ހިންގީ. އަޅުގަނޑުމެން އަމިއްލައަށް ހަމަ ހިލޭސާބަހަށް ކުރި ކަމެއް. ގައުމީ ރޫހުގައި އެ ފޯރީގައި އިނގިރޭސީންނަށް ޖެއްސުންކުރަންވެގެން," ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހީމްގެ ދޮށީ ބޭބެ އައްބާސް ވިދާޅުވިއެވެ

މި ހަރަކާތުގެ ތެރެއިން އެ ޒުވާނުން ދައްކަމުންދިޔައީ ދިވެހިންގެ ނުރުހުމާއި ދެކޮޅުވެރިކަމެވެ. މިއާއެކު ދެން އޮތީ މަޖާ ވާހަކައެކެވެ: މާލޭ ބަނދަރުން ފެންނަމުން ދިޔައީ ހަގީގީ މަނަވަރެއް ކަމަށް ދޫނިދޫ ބަނދަރުގައި އޮތް މަނަވަރުގައި ތިބި އިނގިރޭސީން ހީކުރީއެވެ. ދެން އިނގިރޭސި މަނަވަރުން ދިވެހި "މަނަވަރު"ގެ ފަޅުވެރިންނަށް ދިނީ ކޮކްޓެއިލް ޕާޓީއަކަށް އެ މަނަވަރަށް ޒިޔާރަތްކުރުމުގެ ދައުވަތެކެވެ.

"މީގައި މަޖާ ތަންކޮޅަކީ އެމީހުން ވެސް އެޗްއެމްއެސް ޖަހާފައި އޮންނަ ތަނުގައި އަޅުގަނޑުމެން ވެސް އެޗްއެމްއެސް ޖަހާފައި އޮންނަނީ. އަސްލު އިނގިރޭސީން އެޗްއެމްއެސް ބޭނުންކުރަނީ 'ހާ މެޖެސްޓީޒް ޝިޕް'ގެ ގޮތުގައި. އެކަމަކު އަޅުގަނޑުމެން ސަމާސާކޮށްލުމުގެ ގޮތުން އަޅުގަނޑުމެން [ޖެހި ގޮތަކީ] 'އެޗް'އަކީ ހޯމް. 'އެމް' އަކީ މޭޑް. 'އެސް' އަކީ ޝިޕް."

ޖުލައި 25، 2021: އައްބާސް އިބްރާހިމް ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޫނިދޫ ބަނދަރަށް މަނަވަރު އައުން ހުއްޓާލެވުނު ކަމެއްގެ ގޮތުގައި އަައްބާސް ވިދާޅުވީ އިނގިރޭސީންނާ ދެކޮޅަށް ސިހުރު ހެދުމުގެ ހަރަކާތެއް ހިންގުންކަމަށެވެ.

އޭރު ދޫނިދޫގައި ހުންނެވި ސަފީރު ޑޭވީއަކީ ރާއްޖެ ވަޑައިގަތުމުގެ ކުރިން, އާންމުކޮށް ސިހުރުގެ ކަންކަން ކުރާ އެފްރިކާގެ ކެންޔާގައި ހުންނެވި ބޭފުޅެކެވެ. އެހެންކަމުން ޑޭވީއަށް ސިހުރުގެ ކަންކަން ވަރަށް ބޮޑަށްއޮތީ ގަބޫލުކުރެވިފައެވެ.

"ސިހުރު ފަންޑިތަ މީނަ ގަބޫލު ވެސް ކުރާނެ. އެހެންވީމާ އަޅުގަނޑުމެން ކުރި ކަމަކީ ކަޅު ހެދުން އަޅާފައި ދިހަ މީހުން ދޯންޏެއްގައި މި ދަނީ. ގޮސް ދޫނިދޫ ބޭރުގައި ވަށާފައި ބަނޑިޔަލަކުން ފެން އޮއްސާ، މަނަވަރު ކައިރިޔަށް ގޮސްލާފަ ދުން އަޅާ ކިޔަވާކަމަށް ހަދާފައި އުޅުނީ," އައްބާސް ވިދާޅުވިއެވެ.

އެއަށްފަހު އެ ދުވަސްވަރު އެއްދުވަހަކު ވިއްސާރަވެ ދޫނިދޫ ބަނދަރުގައި އޮތް މަނަވަރުގެ ކޮންމެވެސް ތަނެއް ހަލާކުވެ ވެއްޓުނު އެއްޗަކުން ޖެހި މަނަވަރުގެ އޮފިސަރަކަށް އަނިޔާވިކަމަށް އައްބާސް ވިދާޅުވިއެވެ. އިނގިރޭސީންނަށް އެއީ ދިވެހިން ހެދި ސިހުރުގެ ކަމެއްކަމަށް ގަބޫލުކުރެވުނީ ކަމަށް ވެއެވެ. އެ ހާދިސާ ހިނގުމަށްފަހު ދޫނިދޫ ބަނދަރަށް މަނަވަރު އައުން ހުއްޓާލިއެވެ.

މީގެ ކުރިން ވެސް އިނގިރޭސީންނަށް އުނދަގޫކުރުމުގެ އެތައް ކަމެއް ދިވެހީން ކުރިއެވެ. ދޫނިދޫގައި ހުންނަވާ އިނގިރޭސި ސަފީރަށް މާލެ އެރުއްވުމަކީ އުނދަގޫ ކަމެކެވެ. "އިއްޔެ"ގައި އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައިވާ ގޮތުގައި އޭނާ މާލެ ވަޑައިގަތުމުން "ބޮޑުފާލަމުން ފެށިގެން އަތިރީމާފަންނުގެއާ ހަމައަށް ވަޑައިގެންނެވީ ދެގަޑިއަށް ވުރެން ވެސް ގިނަ އިރުން" ކަމަށެވެ.

"އެތައް ބައިވަރު ބައިސްކަލެއްގައި ޒުވާނުން އެމަނިކުފާނުގެ ކުރިބައްދަނީއެވެ. ސިފައިން އެމަނިކުފާނު ހިމާޔަތްކުރަނީއެވެ. މިކަމުގައި ކެރަފާ އަބްދުއްސައްތާރު, އުމަރު ޒާހިރު, ސިއްކަގޭ ނަސީމް, އަދިވެސް އެތައް ޒުވާނުންނެއް ބައިވެރިވިއެވެ. މިކަހަލަ ދަތި ހާލެއްގައި ކިތަންމެ ދުވަހަކު ޑޭވީ އުޅުއްވިއެވެ," އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައިވެއެވެ.

މިކަންކަން އޭރު ހިންގީ ސަރުކާރާ ދިވެހި ރައްޔިތުން ގުޅިގެންނެވެ. އައްބާސް, މިނިވަންކަމަށް ރާއްޖެ ކުރި ދަތުރު ސިފަކުރެއްވީ ދިވެހި ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ވަރުގަދަ ގުޅުން ހާމަވި ދަތުރެއްގެ ގޮތުގައެވެ.

ރާއްޖެއަކީ މިއަދު މިނިވަން ދައުލަތެއް ކަމުގައި ވާ އިރު ކުރަން ޖެހިފައި އޮތް މަސައްކަތަކީ މިނިވަންކަން ދެމެހެއްޓުމުގެ މަސައްކަތެވެ. ގައުމުގެ ކަންކަމާ މެދު ފިކުރުކޮށް, ގައުމުގެ މަސްލަހަތު އިސްކުރުމެވެ.

ޖުލައި 25، 2021: އައްބާސް އިބްރާހިމް ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލާނެތް ނަމެއް ޖަހައި އިނގިރޭސީންނަށް ޖެއްސުންކުރުމަށް އޭރު ހެދި "މަނަވަރު"ގެ ހަނދާންތަކަށްފަހު އައްބާސް އިބްރާހީމް ވެސް އަމާޒު ހިއްޕެވީ މި ވާހަކައަށެވެ.

"ގައުމަކީ އެންމެންގެ އެއްޗެއް. ކޮންމެ މީހެއްގެ ވެސް އެއްޗެއް. އެ ކަން އަބަދުވެސް ހިތުގައި ބާއްވަންޏާ އެމީހަކަށް ކުރެވުނުކަމެއް ގައުމަށް ޓަކައި ކޮށްދޭނެ. ގައުމަށް ޓަކައި ކޮށްދޭ ކަންތައްތަކުގައި އަމިއްލަ މިނިވަންކަން ގުރުބާންކުރަންޖެހޭނެ. އޭރުން ގައުމު ދެމިއޮންނާނީ,".

comment ކޮމެންޓް