ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ގޮވާލާ ގަރާރެއް ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވަނީ

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައީސް ނަޝީދު އެ ގަރާރު ހުށަހަޅުއްވަން ނިންމަވާފައިވަނީ މިރޭ 9:00 ގައި އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ޖަލްސާގައެވެ.

ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމަވާފައިވާ ގަރާރުގެ ކޮޕީއެއް މިހާރު ވަނީ ލީކުވެފައެވެ. ލީކުވެފައިވާ ކޮޕީގައި ވަނީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ފުރާނަކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހިފާހައްޔަރުކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ތާއިދުކުރުމަށް ގޮވާލާފައެވެ.

އެގޮތަށް ގޮވާލާފައިވަނީ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެއީ އެކަމާ ގުޅިގެން ސަރުކާރުން ދެން އަމަލުކުރަން ޖެހޭ ގޮތާމެދު އެމްޑީޕީއިން ދެކޭ ގޮތް ހާމަކުރަން ފާސްކުރަން އުޅޭ ގަރާރެކެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ދެކޭ ގޮތް ކަމަށް ފާސްކުރަން އެ ގަރާރުގައި ވަނީ ލިޔެފައެވެ.

ރައީސް ނަޝީދު ވަނީ މިއަދު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް ކުރި މެސެޖުތަކެއްގައިވެސް ހަމަ މިފަދައިން ގޮވާލައްވާފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންނާއި ޕީޖީ އޮފީހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ލިބިފައިވާ ބޮޑެތި ކުރިއެރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ. އެގޮތުން ހަމަލާ ދިނުމާއި، ރޭވުމުގައި އިސްކޮށް އުޅުނު ޖުމްލަ ދިހަ މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު އެ ހަމަލާއަކީ ފައިސާ ހުށަހަޅައިގެން ދީފައިވާ ހަމަލާއެއްކަމަށް ބެލެވެން ނެތްކަމަށް ފުލުހުން ވަނީ ރޭގެ ބައްދަލުވުމުގައި ބުނެފައެވެ.

އަދި ހަމަލާ ދިން މީހުން ތިބީ ޖާނުންފިދާވެގެންވެސް ހަމަލާދޭން ތައްޔާރަށްކަމަށާއި ނީލޯފަރު ހިނގުމުގައި ހަމަލާ ދިނުމުގެ ކުރިން ދެ ފަހަރަކު މާލޭގެ އެހެން ދެ ސަރަހައްދެއްގައި އެތައް ދުވަހެއްގެ މަތިން ހަމަލާދޭން މަސައްކަތްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު މި ހުށަހެޅި ގަރާރު ފާސްވެއްޖެނަމަ، އެގޮތަށް އަމަލުކުރުމަށް ސަރުކާރަށް ބާރުއެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ގާނޫނުއަސާސީގައިވާ ގޮތުންނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު އޮންނަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށެވެ.

comment ކޮމެންޓް