ނަޝީދުގެ ރައްދު: ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ "ޖާނާ ހިތާ މޭ"

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިން

މޭ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަހެއް އަދި ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ބުނުމުން އެވާހަކަތަކަށް ރައީސް ނަޝީދު މިއަދު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ދައްކަން އޮތީ ހަމައެކަނި "ޖާނާއި ހިތާމޭ" ކަމަށެވެ.

އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހިތާ މޭ ހިބައިން ލިޔެދިނުމުންވެސް އެކަން ނުވެފައި އޮތްތޯ ސުވާލު އުފައްދަވާފައެވެ.

މޭ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން އެ ހަމަލާއާ ގުޅުން ހުރި އަދި ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ދިހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމާއި އެމީހުން އެ ހަމަލާ ރޭވި ގޮތާއި ހަމަލާ ދިން ރޭ އެމީހުންގެ ހަރަކާތްތައް ހުރި ގޮތްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެހެންނަމަވެސް ހަމަލާގެ ތަހުގީގަށް އަދި ރައީސް ނަޝީދުގެ ފަރާތުން އެއްވެސް ބަހެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދު މާލޭގައި ހުންނެވި އިރު ރައީސް ނަޝީދު އަރިހުން މައުލޫމާތު ސާފުކުރުމަށް ފުލުހުން އެދުނުކަމަށެވެ.

ނަމަވެސް ތަހުގީގުގެ ކުރީކޮޅަށްވުމާއެކު އަދި ރައީސް ނަޝީދު ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުން ދިޔުމާއެކު އެވަގުތު އެކަމަށް އެމަނިކުފާނު އުޒުރުވެރިވެވަޑައިގެންނެވިކަމަށް ރިޔާޒް ވިދާޅުވިއެވެ.

އަދި އޭގެ ފަހުންވެސް އެކި ފަހަރު މަތިން ރައީސް ނަޝީދުގެ ބަސްފުޅެއް ހޯދަން މަސައްކަތްކުރިނަމަވެސް އަދިވެސް އެކަން ކާމިޔާބު ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭއިން ބޭރުގައި ފަރުވާ ހޯއްދަވަމުން، އީމެއިލް ނުވަތަ ސިޓީއަކުންވެސް ރައީސް ނަޝީދުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އެދިފައިވާނޭކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު ޒަހަމްތަކުގެ ފޮޓޯ, ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެމަނިކުފާނުގެ އާއިލާ ބޭފުޅުން މެދުވެރިކުރައްވައި ވަނީ އާންމުކުރައްވާފައެވެ.

comment ކޮމެންޓް