ވައިގަދަވެ ހޯރަފުށި އެއާޕޯޓަށް ވެލިއަރާ ފްލައިޓްތައް ލަސްކޮށްފި

ހޯރަފުށީ އެއާޕޯޓު: އެތަން ހުޅުވީ މިދިޔަ ނޮވެމްބަރު މަހު --

ވައިގަދަވުމާ ގުޅިގެން ހޯރަފުށި އެއާޕޯޓަށް ވެލި އެރުމުގެ ސަބަބުން މިއަދު ފުރަން ހުރި ފްލައިޓްތައް ލަސްކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ "ސަން" އަށް ވިދާޅުވީ އެއާޕޯޓަށް ވެލި އަރަން މެދުރިވީ ވައިގަދަވުމުން ކަމަށެވެ.

"ވައިމާ ބޮޑަށް ގަދަވެގެން ރަންވޭއަށް ވެލިއެރީ. އެތާނގަ ހުންނާނީވެސް ފުދޭވަރަކަށް ހިމުންވެލި. އެހެންވީމަ ފަސޭހައިން ވިއްސައިގެންދާނެ،" ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ ފްލައިޓްތައް ކެންސަލް ނުކުރާ ކަމަށާއި މައްސަލަ ހައްލު ކުރެވެންދެން ލަސްކުރީ ކަމަށެވެ.

ރަންވޭ މައްޗަށް އަރާފައިވާ ވެލިތައް މިހާރު ސާފު ކުރަމުންދާ ކަމަށާއި އުންމީދަކީ ވީހާވެސް އަވަހަކަށް ފްލައިޓްތައް އަލުން ފެށުން ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓް ވަނީ މީގެ ކުރިން މޫސުން ގޯސްވުމާ ގުޅިގެން ބަންދުވެސް ކޮށްފައެވެ. އެއާޕޯޓް ބަންދުކުރީ މޫސުން ގޯސްވެ ރާޅުއެރުމުގެ ސަބަބުން އެއާޕޯޓްގައި ފެންބޮޑުވެގެންނެވެ.

comment ކޮމެންޓް