އިސްރާއީލުގެ ޖަރީމާތައް ބަލާ ކޮމިޝަނަށް ތިން މެންބަރުން، ޕިއްލޭވެސް ހިމެނޭ

ނަވަނިތަމް ޕިއްލޭ

ޖެނީވާ (ޖުލައި 25): އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތައް ބަލައި ތަހްގީގް ކުރުމަށް އދ. ން އުފައްދާފައިވާ ކޮމިޝަންގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކޮށްފިއެވެ.

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނުން އުފެއްދި މި ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކުރީގެ ހައިކޮމިޝަނަރު ނަވަނިތަމް (ނަވީ) ޕިއްލޭ އާއި އިންސާނީ ހައްގުތަކުގެ ދާއިރާގެ ދެ ތަޖްރިބާކާރުން ކަމަށްވާ މިލުން ކޮޓާރީ އާއި ކްރިސް ސިޑޯޓީއެވެ. މީގެތެރެއިން ސިޑޯޓީ އަކީ އޮސްޓްރޭލިޔާގެ ރައްޔިތެކެވެ. ކޮޓާރީ އަކީ އިންޑިއާގެ ރައްޔިތެކެވެ. ނަވީ ޕިއްލޭ އަކީ ދެކުނު އެފްރިކާގެ ރައްޔިތެކެވެ.

މި ކޮމިޝަންގެ ވެރިއަކީ ނަވީ ޕިއްލޭއެވެ. އިސްރާއީލުން ފަލަސްތީނުގެ މުޖާހިދުންނާ އަދި ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކަށް 70 ވަރަކަށް އަހަރުވެފައި ވީނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާދެކޮޅަށް ފިޔަވަޅު އެޅުމުގައި އދ. ވަނީ ނާކާމިޔާބުވެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމަށް 70 އަހަރުވީއިރު މިކަން ބަލައި ތަހްގީގް ކުރުމަށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނުން ކޮމިޝަނެއް އުފެއްދުމަށް ނިންމީ މޭ މަހުގެ ތެރޭގައެވެ.

މިކޮމިޝަން އުފެއްދުމާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް މަސައްކަތްކުރި ނަމަވެސް މިމައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކަށް ގިނަ ގައުމުތައް ބޯލަނބާފައި ނުވާތީ އިސްރާއީލުގެ އަނިޔާވެރިކަމުގައި ދިފާއުގައި ނުކުތް ޔޫރަޕާއި އެމެރިކާވަނީ މިކަމުގައި ނާކާމިޔާބުވެފައެވެ.

އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތަކަށް އެންމެ ބޮޑަށް އެހީތެރިވެ އިސްރާއީލުގެ އަނިޔާވެރިކަން ދެމެހެއްޓުމަށް އެންމެބޮޑަށް ވާގިވެރިވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ވަކާލާތުކޮށް ދުނިޔޭގެ ފެންވަރުގައި އެކަމަށް ޕްރޮޕަގެންޑާކުރާ އެމެރިކާއާއި ޔޫރަޕްގެ މައްސަލައަކީ އިސްރާއީލު އިންސާނީ ހައްގުތަކަށް އަރައިގަތުމުން އެއީ ކަމަކަށް ނުހަދާ މައްސަލައެވެ.

މީގެއިތުރުން އެމެރިކާއާއި ޔޫރަޕުން ގެންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރު ދިފާއުކޮށް އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު އެހެން ގައުމުތަކުގެ މައްޗަށް ކުރުމުގެ ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅެމުންނެވެ. މީގެއިތުރުން އެެހެން ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމަށްޓަކައި އިންސާނީ ހައްގުތައް ސިޔާސީ ހަތިޔާރަކަށް ހަދާކަމުގެ ތުހުމަތުވެސް އެމެރިކާއާއި ޔޫރަޕްގެ މައްޗަށްވަނީ ކުރެވިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު ޖަރީމާތައް ބަލައި ތަހްގީގް ކުރުމަށް އދ. ން އެކުލަވާލި މިކޮމިޝަނުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެކަމަށް އިސްރާއީލުން ބުނާއިރު އެމެރިކާއާއި ޔޫރަޕުން މިކޮމިޝަންގެ މަސައްކަތްތަކަށް ހުރަސްއަޅައި އިސްރާއީލުގެ ދިފާއުގައި ތެދުވާނެކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް