ތޫފާން އިންފާގެ ބިރުވެރިކަމާއެކު ޝަންހާއީން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަނީ

ޗައިނާއާ ދިމާލަށް ދަތުރުކުރަމުންދާ ތޫފާން އިންފާ- ފޮޓޯ: އިންފާ

މިއަދުގެ ވަގުތެއްގައި ޗައިނާގެ ޝަންހާއީއާ ހިސާބަށް ފޯރާނެކަމަށް ލަފާކޮށްފައިވާ ތޫފާން އިންފާގެ ބިރުވެރިކަމާއެކު ޝަންހާއީން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ޗައިނާގެ އިރުމަތިން ޝަންހާއީއާ ދިމާލަށް ދަތުރު ކުރަމުންދާ ތޫފާނަކީ ވަރަށް ބާރުގަދަ ތޫފާނެއްކަމަށް އެގައުމުން ވަނީ ބުނެފައެވެ. މި ތޫފާނުގައި ބޯކޮށް ވާރޭވެހި ގަޑީރެއްގައި 190 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި ތޫފާންގެ އަސަރު ފުރަތަމަ ކޮށްފައިވަނީ ޗައިނާ ކައިރީގައި އޮންނަ ޓައިވާނަށެވެ. މި ތޫފާނުގެ ސަބަބުން ޓައިވާނަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ރައްކާތެރިވުމުގެ ގޮތުން ޝަންހާއީން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ޝަންހާއީގެ ބޮޑު ދެ ވައިގެ ބަނދަރުގެ ފްލައިޓުތައް ވަނީ ކެންސަލް ކޮށްފައެވެ. ޝަންހާއީ ޕުޑޮންގް އެއާޕޯޓާއި ޝަންހާއީ ހޮންގްޗިއާއޯ އެއާޕޯޓުން ވަނީ 100 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައެވެ. ޝަންހާއީ ކައިރީގައި ހުންނަ އެހެން ސިޓީތަކުގެ އެއާޕޯޓުތަކުންވެސް ދަނީ ފްލައިޓުތައް ކެންސަލް ކުރަމުންނެވެ.

އިންފާ ތޫފާނުގެ އިންޒާރާއިއެކު ކަނޑުގެ ބަނދަރުވެސް ވަނީ ޝަންހާއީން ބަންދުކޮށްފައެވެ. ކަނޑުގެ ރާޅުތައް އާދަޔާ ހިލާފަށް ބޮޑުވާނެކަމަށް ލަފާކޮށް ކާގޯ ބޯޓްތައް އަނބުރާ ބަނދަރު ކުރުމަށް އަންގާފައި ވާއިރު, ކަނޑުގެ ސަރަހައްދަށް ނުނިކުތުމަށް އާންމުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ފިހާރަތައް ބަންދުކުރުމަށާއި މަގުތައް މައްޗަށް ކޮންމެހެންވެސް ނިކުންނަށް ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުމަށް ވަނީ އެދިފައެވެ.

އިންފާ ތޫފާން ޝަންހާއީއާ ހިސާބަށް ފޯރަނެ ކަމަށް ލަފާކުރެވިފައިވަނީ މިއަދުގެ އިރުއޮއްސޭ ވަގުތުގައެވެ.

ޗައިނާއަށް އިންފާގެ ތޫފާނާ ކުރިމަތިލާން ޖެހިފައި މިވަނީ މިދިޔަ ހަފްތާގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ދިމާވި ގެއްލުންތަކުން މުޅިން އަރައިނުގަނެވިގެން އުޅެނޮކޮށްނެވެ. ޗައިނާގެ ފެންބޮޑުވުމުގެ ކާރިސާގައި 58 މީހުން މަރުވެ އެއް މިލިއަނަށްވުރެ ގިނަމީހުން ވަގުތީ ހިޔާވަހިކަން ހޯދަން ޖެހިފައިވެއެވެ.

comment ކޮމެންޓް